ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އިންޑިއާގެ އެހީގައި މަރާމާތު ކުރި އޮލިމްޕަސް ގެ ސީލިންގ ވެއްޓިއްޖެ ކަމަށް ބުނެ ސަރުކާރުން އިސްވެ، ސޯޝަލް މީޑިޔާގައި އާއި މީޑިޔާގައި ފަތުރާފައި ވަނީ ދޮގު ޚަބަރެކެވެ. ވެއްޓިފައި ވަނީ އެތާގައި ހުރި ކެފޭއެއްގެ ސީލިންގ އެކެވެ. މި ކެފޭ އަކީ، އަދި މި ކެފޭގެ ސީލިންގ އަކީ ރައީސް ސޯލިހް ސަރުކާރުން އަޅާފައިވާ ތަނެއް ނޫނެވެ.
ސަރުކާރުން ދަނީ 8 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ހެދި ތަނެއް ކަމަށް ވެސް ބުނެ ދޮގު ހަދަމުންނެވެ. ނަމަވެސް އެތަން ހަދާފައިވަނީ އިންޑިޔާ ސަރުކާރުގެ އެހީއިން ކަން އޭރުގެ ޚަބަރު ތަކުން ސާފުވެއެވެ. މި ފަދައިން މި ދޮގު ޚަބަރު ފެތުރުމަށް ރައީސް އޮފީހުން، މިނިސްޓަރ ޚަލީލު އަންގާފައިވާ ކަމަށް ޕީއެންސީގެ ބައެއް ސޯޝަލް މީޑިޔާ އެކްޓިވިސްޓުން ދިޔަވަރު ނޫހަށް މައުލޫމާތު ދެއްވާފައި ވެއެވެ.
މި ޚަބަރު ފަތުރާފައި ވަނީ، ގިނަ އަދަދަކަށް ސަރުކާރުން ސްޕޮންސަރ ނަގައިގެން މުއިއްޒު ޕްރޮމޯޓް ކުރުމަށް ހިންގާ ނޫސް ތަކުންނެވެ. މި ނޫސް ތަކަކީ އާންމު ކޮށް ދޮގު ޚަބަރު ފަތުރާ އަދި ރައީސް އޮފީހުން ލިޔެފައި ދިނުމުން ޚަބަރު ޖަހާ އިތުބާރު ދަށް ނޫސްތަކެކެވެ.
ސަރުކާރުން 8 މަސް ފާއިތުވި އިރު، ކުރެވުނު ކަމެއް ނެތުމުން، ޓްވީޓް ކުރާނެ އެއްވެސް ކަމެއް ނެތިފައި ސޯޝަލް މީޑިޔާ އެކްޓިވިސްޓުން ތިއްބާ ރައީސް އޮފީހުން އަނެއްކާވެސް އެ ކުދިން ލައްވާ މި ފެތުރުވީ އަނެއްކާވެސް ދޮގު ވާހަކައެކެވެ. އަދި މީޑިޔާ ލައްވައިވެސް މި ފެތުރީ ދޮގު ވާހަކައެކެވެ.
މި ފުރުޞަތުގައި ރައްޔިތުންނަށް ދޮގު ނަހަދައި ތެދު ޚަބަރު ގެނެސް ދިނުމަށް ރައީސް އޮފީހުގެ މިނިސްޓަރ ޚަލީލު އަރިހުން އެދެމެވެ.