އިޒްރޭލު ފަތުރުވެރިންނަށް ރާއްޖެ ނާދެވޭ ގޮތަށް އެ ގައުމުގެ ޕާސްޕޯޓު މަނާކުރަން ސަރުކާރުން ނިންމި ނިންމުމާ އެއްގޮތަށް އެ ކަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީއަށް ފޮނުވިތާ ދޮޅުމަސް ވީއިރު އަދިވެސް އެ މައްސަލަ ކޮމިޓީގައި އެޖެންޑާއެއް ނުކުރެއެވެ.
ޖުމުލަ 88 މެންބަރުންގެ ވޯޓާ އެކު އިޒްރޭލު ޕާސްޕޯޓު މަނާކުރާ މައްސަލަ 241 ކޮމިޓީއަށް ފޮނުވީ މިދިޔަ މަހު 10 ގައެވެ.
އެކަމަކު، އެ މައްސަލަ ކޮމިޓީއަށް ފޮނުވިތާ ދޮޅު މަސް ދުވަސްވާން ކައިރިވީއިރު އަދިވެސް އެ މައްސަލަ އެޖެންޑާކުރެވޭނެ ދުވަހެއް ނޭނގެއެވެ. ކޮމިޓީއަށް މައްސަލަ ހުށަހެޅި ފަހުން ވެސް ކޮމިޓީގެ ހަތަރު ބައްދަލުވުމެއް ބޭއްވިއެވެ. އެއިން ބައްދަލުވުމަކަށް ވެސް އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ މައްސަލަ އެޖެންޑާކޮށްފައެއް ނުވެއެވެ.
އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރަކު 'ދިޔަވަރު އޮންލައިން'އަށް ވިދާޅުވީ، އެ މައްސަލަ އަދިވެސް އެޖެންޑާކޮށްފައިނުވާ ކަމަށެވެ.
ކޮމިޓީއަށް އިޒްރޭލު ޕާސްޕޯޓު މައްސަލަ ފޮނުވި ފަހުން ފުރަތަމަ ބައްދަލުވުމެއް ބޭއްވީ މިދިޔަ މަހުގެ 25 ގައެވެ. އެ ދުވަހު އެޖެންޑާކޮށްފައި އޮތީ ދާޚިލީ ވުޒާރާގެ ބޭފުޅުންނާ ބައްދަލުކުރާށެވެ. ޖެހިގެން އައި ދުވަހު ވެސް ކޮމިޓީގެ ބައްދަލުވުމެއް ބޭއްވިއިރު، އެ ދުވަހު އެޖެންޑާކޮށްފައި އޮތީ ޑިޒާސްޓާ މެނޭޖްމަންޓު ސެންޓަރުގެ ބޭފުޅުންނާ ބައްދަލުކުރުމެވެ.
ކޮމިޓީގެ ހަވަނަ ބައްދަލުވުން ބޭއްވީ މި މަހު އެއްވަނަ ދުވަހުއެވެ. އެ ދުވަހު އެޖެންޑާކޮށްފައި އޮތީ ދާޚިލީ ވުޒާރާއާއި ފުލުހުންނާ ބައްދަލުކުރުމެވެ. ޖެހިގެން އައި ދުވަހު ވެސް ބައްދަލުވުމެއް ބޭއްވިއިރު އެ ދުވަހު ވެސް އެޖެންޑާކޮށްފައި އޮތީ ފުލުހުންނާ ބައްދަލުކުރާށެވެ.
ގާނޫނަށް އިސްލާހު ގެނެސް އިޒްރޭލު ޕާސްޕޯޓު މަނާކުރަން ވަޒީރުންގެ މަޖިލީހުން ނިންމީ މިދިޔަ މަހުގެ ދެވަނަ ދުވަހުއެވެ. އެ ދުވަހު ސަރުކާރުން ވަނީ އެ މަސައްކަތް އަވަސްކުރަން ވަޒީރުންގެ މަޖިލީހުގައި ޚާއްސަ ކޮމިޓީއެއް ވެސް އުފައްދައިފައެވެ.
އެ ކޮމިޓީގައި ހިމެނެނީ:
- ދާޚިލީ ވަޒީރު އަލީ އިހުސާން
- އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
- ބަންޑާރަނައިބު އަހުމަދު އުޝާމް
- އިގުތިސާދީ ކަންކަމާ ބެހޭ ވަޒީރު މުހައްމަދު ސައީދު
- ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް
- ޚާރިޖީ ވަޒީރު މޫސާ ޒަމީރު
އިޒްރޭލު މީހުންނާއި އެ ގައުމުގެ ޕާސްޕޯޓު އޮންނަ އެންމެންނަށް ރާއްޖެ ނާދެވޭ ގޮތަށް ޕާސްޕޯޓު މަނާކުރަން ބިލެއް ހުށަހެޅުއްވީ އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. ސަރުކާރުން ނިންމީ، އެ ބިލު ބަލައިގަނެ، ކޮމިޓީ މަރުހަލާގައި ބިލަށް ސަރުކާރުން ގެންނަން ބޭނުންވާ ބަދަލުތައް ގެންނާށެވެ.
އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުގައި ޣައްޒާގެ 38,000 ރައްޔިތުން ޝަހީދުވެގެންދިޔަ އިރުވެސް މިސަރުކާރުން ތަކުރާރު ކުރަމުންދަނީ ހަމަ އެއް ލަވައެކެވެ.
ރާއްޖޭގައި މިހާރުވެސް ދަނީ އިސްރާއީލުގެ ވިޔަފާރިތައް ހިންގަމުންނެވެ. އިސްރާއީލުގެ ފުޑްޗެއިން ކަމުގައިވާ ކޭއެފްސީއާއި ޕިއްޒާ ހަޓުވެސް ދަނީ ރާއްޖޭގައި އެއްވެސް ހުރަހެއްނެތި ވިޔަފާރި ކުރަމުންނެވެ.
އިސްރާއީލުގެ ޕާސްޕޯޓު މަނާކުރުމަށާއި, އިސްރާއީލާއި ގުޅުންހުރި ވިޔަފާރިތައް ހުއްޓުވުމަށް މެދު ނުކެނޑި ރައްޔިތުން އަޑުއުފުލަމުންދާއިރުވެސް މުއިއްޒު ގެންދަވަނީ އިސްރާއީލާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅުމަށް ދެކޮޅު ހަދަމުންނެވެ. ދެމުންދަނީ ބީރު ކަންފަތެކެވެ. އަދި މުއިއްޒު ކުރައްވަމުން ގެންދަވާހާކަމަކީވެސް, ބަޔާންތައް ނެރުމާއި ޓުވީޓުކޮށް, ބަޔާންތަކާއި ޓުވީޓުތަކުގެ ނިވަލުގައި ފޮރުވިގެން ހުރުމެވެ.
ފާއިތުވި އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު, ހަމާސްގެ މުޖާހިދުން އިސްރާއީލަށް ދިން ކާމިޔާބު ވަރުގަދަ ހަމަލާތަކަށްފަހު, އިސްރާއީލުގެ އަނިޔާވެރި ސިފައިން ޣައްޒާއަށް އަރާ, ފަލަސްތީނުގެ އެތައްހާސް ރައްޔިތުންނެއް ޝަހީދުކޮށްލުމަށްފަހު, އެމީހުންގެ އުދާސްތައް ފިލުވާލުމަށް, ރާއްޖޭގެ ގޮނޑުދޮށްތަކާއި ރަށްތަކަށް އަންނަމުންދާއިރުވެސް, މި އަނިޔާވެރިން ރާއްޖެއަށް އެތެރެވަމުން ދިއުން މަނާކުރުމަށް ސަރުކާރުން މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
ހަމައެއާއެކު އިސްރާއީލުގެ ޕާސްޕޯޓު މަނާކުރުމަށް އަންގާ ރައްޔިތުންގެ މަޖިލީހުން މުއިއްޒުއަށް ސިޓީ ފޮނުވިތާ 8 މަސްވެގެންދާއިރުވެސް އެ ސިޓީއަށް މުއިއްޒު ޖަވާބެއް ދެއްވާފައެއް ނުވެއެވެ.
މި ސަރުކާރުން ދަނީ ބޭރުގެ ބާރުތަކުގެ އުނގަށް ވެއްޓި, ރާއްޖޭގެ ދީނާއި މިނިވަންކަން ގުރުބާން ކުރަމުންނެވެ. އެގޮތުން ރައްޖޭގެ ކަނޑުގައި ޖާސޫސް ކުރުމުގެ ބާރު ޗައިނާއަށް ދޫކޮށް, އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގެ ނުފޫޒަށް ދީލާލައި, އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ދިވެހި ރައްޔިތުން އުފުލުމަމުންދާ އަޑުތަކަށް މުއިއްޒު ދަނީ ބީރުކަންފަތެއް ދެމުންނެވެ.
ހަގީގަތުގައިވެސް, ޣައްޒާގެ ރައްޔިތުންގެ އިހުސާސްތަކާއި, އެ ސިޓީގައި ހިންގަމުންދާ ގަތުލުއާންމުތަކަށް ދެލޯ މަރާލުމަށްފަހު, އިސްރާއީލުގެ ގާތިލުން ރާއްޖެއަށް ދޭ މަދު ފައިސާކޮޅެއްގެ ދަހިވެތިކަމުގައި, އެމީހުންނަށް ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައިގެން މުއިއްޒުއަށް ކަހާތަން ހިރުވާވެސް ނުލާ ހުރެވެނީ އަގަލެއް ކުލުނެއް ނެތުމުންނެވެ.
ރާއްޖޭގައި ހިންގަމުންދާ އިޒްރާއީލުގެ ފުޑް ޗައިންތަކުން ލިބޭ މަދު ފައިސާކޮޅެއްގެ ދަތިވެތިކަމުގައި އެތަންތަނަށް ފިޔަވަޅު ނާޅާ މުއިއްޒުއަށް ހުރެވެނީ ތިމާއަކީ އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް ނެތް މީހަކަށް ވާތީއެވެ. މިއީ މުއިއްޒު ދީނާއި ގައުމަށްވަމުންދާ ބޮޑު ޚިޔާނާތެކެވެ.