ނޫސްވެރިންނަށް މައުލޫމާތު ދިން ފަރާތުގެ މައުލޫމާތު ހޯދުމަށާއި، ނޫސްވެރިންނަށް ޖާސޫސު ކޮށް، ބިރު ދެއްކުމަށް މުއިއްޒު މަޖިލީހަށް ބިލެއް ހުށައަޅައިފިއެވެ. މި ގޮތުން ކޮމްޕިއުޓަރ ތަކުގައި ހުރި މައުލޫމާތު ފުލުހުން ބޭނުންވެއްޖެ ހިނދެއްގައި ނަގާ ދާއިރާ ތަކުގެ ލިސްޓުގައި ނޫސްވެރިކަމުގެ ދާއިރާ ވަނީ ހިމަނާފައެވެ. މި ބިލުގެ 3-74 ވަނަ މާއްދާގައި ބ.1 ގައި ވަނީ "ޤާނޫނީ ނުވަތަ، ސިއްޙީ، ނުވަތަ ދީނީ، ނުވަތަ ނޫސްވެރިކަމާއި ގުޅޭ، ނުވަތަ ބޭންކިންގ އާއި ގުޅޭ، ނުވަތަ އެނޫންވެސް ރެގިއުލޭޓް ކުރެވިފައިވާ ޕްރޮފެޝަނެއްގެ ހަރަކާތްތަކާއި ގުޅިގެން ރައްކާ ކޮށްފައިވާ މައުލޫމާތު ހޯދިދާނެ" ކަމަށެވެ. އެހެން ކަމުން، އާންމުންގެ މައްޗަށް ފަސޭހަ ކަމާއި އެކު ޖާސޫސު ކުރެވޭ ގޮތަށް ތައްޔާރު ކޮށްފައިވާ ޖިނާއީ އިޖުރާއަތުގެ ބިލަކީ، ނޫސްވެރިކަމުގެ މިނިވަން ކަމާއި، ނޫސްވެރިންނަށް މައުލޫމާތުދޭ ފަރާތްތައް ހޯދުމަށް މުއިއްޒު މަޖިލީހަށް ލާފައިވާ ބިލެކެވެ.
މި ބިލަކީ ޖާސޫސު ކުރުމަށް ފަސޭހަކޮށް މުއިއްޒު މަޖިލީހަށް ލާފައިވާ ބިލެކެވެ. ކުށެއް ނެތް އާންމުންގެ ޒާތީ މައުލޫމާތާއި، ފޯނު ކޯލު އަޑު އެހުމާއި، ވަންނަ ވެބްސައިޓްތައް ފަސޭހަ ކަމާއި އެކު ފުލުހުންނަށް ބެލޭގޮތަށް ތައްޔާރުކޮށްފައިވާ މި ބިލަކީ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް އެންމެ ފުޅާ ދާއިރާއެއްގައި ހުރަސް އެޅުމާއި، 24 ގަޑި އިރު އާންމުން ސަވައިލަންސް މުޖުތަމަޢުއަކަށް ރާއްޖެ ބަދަލު ކޮށް، ބިރު ވެރި ކަމެއްގެ ތެރެއަށް މުޅި ޤައުމު ފުރޮޅާލަން ހަދާފައިވާ ބިލެކެވެ.
މި ބިލް ތައްޔާރު ކޮށްފައި ވަނީ ކަފާލާތުގެ ބަޔާއި ޖާސޫސު ކުރުމުގެ ބައި ހިމަނައިގެންނެވެ. މިހެން މިކަން ކޮށްފައިވަނީ ވެސް ޖާސޫސު ކުރުމަށް ވަކި ބިލެއް ހުށައެޅުމަކީ އާންމުންގެ ކަންބޮޑުވުން އައިސްފާނެ ކަމެއްް ކަމަށް ބަލައިގެންނެވެ. ކަފާލާތުގެ ބިލެއް ގޮތުގައި މި ބިލް އާންމުންނަށް އޮޅުވާލުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، މި ބިލްގައި 70 ސަފްހާ އެކްލެވިގެން ވާއިރު، 59 ނަފްހާ އަކީ ރައްޔިތުންނަށް ޖާސޫސު ކުރުމަށް ބޭނުންވާ ކަންކަމަށް މަގުފަހި ކޮށް ލިޔެފައިވާ ސަފްހާތަކެކެވެ.
މި ސަރުކާރުން ވަނީ ނޫސް ވެރިންނަށް މައުލޫމާތު ދިނުން ހުއްޓާލާފައެވެ. މީގެ ކުރިން ސަރުކާރުން ވަނީ ދިޔަވަރު ނޫސް ހިމެނޭ ހެން ބައެއް ނޫސްތައް ބަންދު ކޮށްފައެވެ.