ޚަބަރު

ފާޑުކިޔުން އަމާޒުވުމުން މެންބަރުންނާއި އެކު ފުރާ އެންމެންނަށް ވީއައިޕީ ނުދޭން ނިންމައިފި

ދިޔަވަރު
ފާޑުކިޔުން އަމާޒުވުމުން މެންބަރުންނާއި އެކު ފުރާ އެންމެންނަށް ވީއައިޕީ ނުދޭން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އާއިލާގެ ބޭފުޅުންނަށާއި މެންބަރުންނާއެކު ދަތުރު ކުރާ ހުރިހާ އެންމެންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލޯއުންޖު ބޭނުން ކުރެވޭ ގޮތަށް މަޖިލީހުގެ އާންމު ކޮމެޓީން އިއްޔެ ނިންމި ނިންމުން ރޭ ބާތިލުކޮށްފި އެވެ.

އެ ނިންމުން ބާތިލު ކުރީ އިއްޔެ އެ ކޮމެޓީން ނިންމި ނިންމުމަށް އާންމުންގެ ފާޑުކިޔުން އިންތިހާއަށް އަމާޒުވުމުން ރޭ ކޮމިޓީ ބައްދަލުވުމެއް ބޭއްވުމަށް ފަހު އެވެ.

މަޖިލިސް މެންބަރުންނާއެކު ދަތުރު ކުރާ ހުރިހާ އެންމެންނަށް ވީއައިޕީ ލައުންޖުގެ ހިދުމަތް ލިބޭ ގޮތަށް މަޖިލިސް ގަވާއިދަށް ބަދަލު ގެންނަން މިއަދު ހުށަހެޅީ ފޭދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، އިބްރާހިމް ދީދީ އެވެ. ކޮމެޓީގެ އަގުލަބިއްޔަތުން ފާސްކުރި އެ ނިންމުން ބާތިލު ކުރަން ރޭ އޮތް ބައްދަލުވުމުގައި ހުށަހެޅުއްވީ ވެސް އިބްރާހިމް ދީދީ އެވެ.

ރޭގެ ބައްދަލުވުމުގައި އިބްރާހިމް ދީދީ ވިދާޅުވީ ގައުމުގެ މާލީ ހާލަތަށް ރިއާއަތްކޮށް ސަރުކާރުން ގެންގުޅޭ ހަރަދު ކުޑަކުރުމުގެ ސިޔާސަތާ އެއްގޮތަށް އެ ނިންމި ނިންމުން ބާތިލު ކުރަން ފެންނަ ކަމަށެވެ.

އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ތ. ތިމަރަފުށީ ދާއިރާގެ މެންބަރު، އަހުމަދު ރިޔާޒު އެވެ.

މަޖިލިސް މެންބަރުންނާ އެކު ފުރަންދާ ކޮންމެ މީހަކަށް ވެސް އެއާޕޯޓުގެ ވީއައިޕީ ބޭނުން ކުރެވޭ ގޮތަށް މިއަދު އާންމު ކޮމެޓީން ފާސްކުރި ކުރުން ބާތިލު ކުރީ މިރޭގެ ކޮމެޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

އާންމު ކޮމެޓީން މިއަދު ނިންމި ނިންމުމަކީ 19 ވަނަ މަޖިލީހުގެ އާންމު ކޮމެޓީން ނިންމާފައި އޮތް ނިންމުމެކެވެ. ނަމަވެސް އެ ނިންމުމަށް އޭރު އަމަލު ކޮށްފައެއް ނުވެ އެވެ. އެގޮތަށް އެ ނިންމުން ޕާކު ކޮށްފައި އޮއްވައި މިއަދު އެ ނިންމުމަށް އަމަލު ކުރަން ނިންމުމުން އާންމުންގެ ނުރުހުމާއި ނަފުރަތު ވަނީ މަޖިލިސް މެންބަރުންނަށް އަމާޒުވެފަ އެވެ.

އެގޮތުން ހިޔާލު ފާޅު ކުރި ބައެއް އާންމުން ސޯޝަލް މީޑިއާގައި ބުނެފައި ވަނީ ހަރަދު ކުޑަ ކުރަން އާންމު ރައްޔިތުންނަށް އިލްތިމާސް ކޮށްފައި މެންބަރުންނާއި ސަރުކާރުގެ އިސްވެރިން އިއްޒަތުގައި ހަރަދު ބޮޑުކޮށް އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.