ސަރުކާރަށް 8 މަސް ފުރި، މިއަދު މީ 9 ވަނަ މަހުގެ ފުރަތަމަ ދުވަހެވެ. ރައީސް މުއިއްޒުގެ ވައުދުތައް ބައިވަރެވެ. ޚުދު މިއަދުވެސް، ކޮންމެ ރަސްމިއްޔާތަކަށް ވަޑައިގަތަސް ރައީސް މުއިއްޒަށް ހީފުޅުވެފައި އޮންނީ ރައްޔިތުން ބޭނުން ވަނީ އިތުރު ވައުދު ތަކެއް ކަމަށެވެ. އެމަނިކުފާނަށް އެނގި ނުލައްވަނީ އެމަނިކުފާނު ވެ ވަޑައިގަންނަވާ ކޮންމެ ވައުދަކާއި އެކު، ރައްޔިތުން ހިތަށް އަރަނީ އެންމެ އެއްޗެއް ކަމެވެ. "އަނެއް ދޮގު ހެދީ" އޭ އެވެ. އެ އިތުބާރެއް ނެތެވެ. އެ އިތުބާރު ގާއިމު ކުރުމަށް ކުރައްވަންވީ ކަމަކީ ވައުދުތައް ފުއްދުމެވެ. އިތުރު ވައުދު ވުމެއް ނޫނެވެ.
އީ ވޮލެޓް
ކުދި ވިޔަފާރިތައް ބޭނުންވާ އީ-ވޮލެޓް އާއި ޕޭޕަލްގެ ޚިދުމަތް ދޭނެ ކަމަށް ވައުދުވެ، އެމަނިކުފާނު ވެރިކަމަށް ވަޑައި ގަތީ، ޒުވާނުންގެ ވޯޓާއި އެކީއެވެ. އެންމެފަހުން، ރައީސް މުއިއްޒު އީ-ވޮލެޓްގެ ވާހަކަ ދެއްކެވީ ވެރިކަމަށް ވަޑައިގެން 21 މާރޗްގައެވެ.
ރައީސް އޮފީހުން ކޮންމެ ދުވަހަކު ހެން އޭރު ގެނެސްދެމުން ދިޔަ "ރައީސްގެ ޖަވާބު" ޕްރޮގްރާމްގައި މާލެ ސިޓީ، މއ.ނައިޓްލައިޓް، އަބްދުﷲ އިނާން ކުރި ސުވާލެއްގައި ބުނެފައި ވަނީ އީ-ވޮލެޓްގެ ހިދުމަތް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ. އެހެންވެ، އެކަމުގެ އަދާހަމައެއް އޮޅުން ފިލުވަން ބޭނުންވާ ކަމަށް ވެސް އެ ޒުވާނާ ބުނެފައިވެއެވެ.
"އެކަމަށް މަސައްކަތްތައް ވަރަށް ބާރަށް އެބަ ހިނގާ. އަޅުގަނޑުމެން އުންމީދު ކުރަނީ އެންމެ ލަސްވެގެން މެއި މަހުގެ ތެރޭގައި އީ-ވޮލެޓްގެ ހިދުމަތް ތައާރަފް ކުރެވޭނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.
މޭއި މަސް ވެސް ފަހަނަ އަޅާ ގޮސްފިއެވެ. ޖޫން މަސް ވެސް ނިމިއްޖެއެވެ. ޖުލައި ފެށި، ޖުލައި ދެބައިވެ، ނިމުމަކަށް ދަނީއެވެ. ރައީސްގެ ވިދާޅުވާ ބަހުގެ އެއްވެސް އިތުބާރެއް ނެތެވެ.
ޕޭޕަލް އާއި ޕޭއޯނިޔާއާއި ސްޓްރިޕްއާއި ސްކްރިލްއާއި ނެޓެއްލާ
ދެން އޮތީ ޕޭޕަލް އާއި އެފަދަ ޕޭމަންޓް ގޭޓްވޭ ތަކެވެ. 21 އޯގަސްޓް 2023 ގައި އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ރައްޔިތުންގެ ވޯޓު ހޯދުމަށް، ޕޭޕަލް ހިމެނޭހެން ރާއްޖޭގައި އޮންލައިން ޕޭމަންޓް ސިސްޓަމްތައް ބޭނުން ކުރެވޭނެ ގޮތް އޭނާގެ ވެރިކަމެއްގައި ހައްދަވައިދެއްވާނެ ކަމަަށް ވިދާޅުވިއެވެ.
ޑރ. މުއިއްޒު ހިތަދޫގައި ބޭއްވި ޖަލްސާގައި ވިދާޅުވީ، އޮންލައިން ޕޭމަންޓް ސިސްޓަމްތެރޭގައި ހިމެނޭ ޕޭޕަލް އާއި ޕޭއޯނިޔާއާއި ސްޓްރިޕްއާއި ސްކްރިލްއާއި ނެޓެއްލާ މި ފަަދަ އޮންލައިން ޕޭމަންޓް ސިސްޓަމްތައް ރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކަށް ބޭނުން ކުރެވޭ ގޮތަށް ބައްޓަން ކޮށްދެއްވާނެކަމަށެވެ. "[އެ ގޮތަށް] ބައްޓަން ކުރުމުގެ ސަބަބުން ވަރަށް ގިނަ ފަސޭހަތަކެއް ވެގެންދާނެ، ވަރަށް ފަސޭހަވާނެ،" މުއިއްޒު ވިދާޅުވިއެވެ.
ޕޭޕަލް އަކީ ޕްރައިވެޓް ކުންފުންޏެކެވެ. މުއިއްޒުގެ ސަރުކާރުން އެމެރިކާ ސަރުކާރާއި އެކު އޮތް ބައްދަލު ވުމެއްގައި ޕޭޕަލްގެ ވާހަކަ ދެއްކުން ފިޔަވާ އިތުރު ކަމެއް ކޮށްފައެއް ނުވެއެވެ. ސަރުކާރަކުން ޕޭޕަލް ކުންފުނީގެ ވިޔަފާރި ސިޔާސަތު ތަކަކަށް ގެންނަންޖެހޭ ބަދަލެއް ނުގެނެވޭނެއެވެ. ބާކީ އެއްވެސް ޕޭމެންޓް ސިސްޓަމެއް ގެންނަން 9 މަސް ވީ އިރުވެސް ސަރުކާރުން މަސައްކަތެއް ނުކުރެއެވެ.
އެމެޒަން އީ-ކޮމާސް ޕްލެޓްފޯމް
ގްލޯބަލް އީކޮމާސް ޕްލެޓްފޯމްތަކުގައި ހިމެނޭ އެމެޒަން، ޝޮޕިފައި، ޝޮޕީ އަދި ލަޒާޑާފަދަ އީ ކޮމާސް ޕްލްޓްފޯމްތަކުގައިި ސެލާ އެކައުންޓްތައް ރާއްޖޭގައި ކްރިއޭޓް ނުކުރެވޭކަން ވެސް މުއިއްޒު ފާހަގަކުރެއްވިއެވެ. ގާނޫނީ ބަދަލުތައް ގެނެސް، އެ ފަދަ ޕްލެޓްފޯމްތަކުގައި ސެލާ އެކައުންޓް ކްރިއޭޓް ކުރެވޭ ގޮތް ހަދައިދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "ހަދައިދިނީމަ ޒުވާނުންނަށް، ވިޔަފާރި ޕްރޮޑަކްޓްތައް އުފައްދަވާ ފަރާތްތަކަށް އިންޓަނޭޝަަނަލީ އޮންލައިން ޕްލެޓްފޯމްތަކުގައި އެއްޗެހި ވިއްކޭ ގޮތް ވާނެ. ވިޔަފާރި ކުރެވޭ ގޮތް ވާނެ،" މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް ސަރުކާރުން މިކަމަށް އެއްވެސް މަސައްކަތެއް އަދި މިހާތަނަށް ކޮށްފައެއް ނުވެއެވެ.
ގާނޫނަށް ގެންނާނެ ކަމަށް ބުނި ބަދަލުތައް
އިންޓަނެޓު ވިޔަފާރިއަށް ފަސޭހަ، ފުޅާކޮށް އެ ކަން ކުރެވޭނެ މަގުފަހިކުރުމަށް ޓަކައި ކަންތައްތައް ކޮށް ގާނޫނަށް ގެންނަން ޖެހޭ ކުރިއެރުންތަކާއި ބަދަލުތައް ގެންނަވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. މިހެން ވިދާޅުވީވެސް ހަމަ 21 އޯގަސްޓް 2023 ގައި އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައެވެ. މަޖިލީސް އޮތީ މުއިއްޒަށް ހިތަކަށް ލިބިފައެވެ. ސުޕަރ މެޖޯރިޓީއާއި އެކުއެވެ. ނަމަވެސް މިފަދަ އެއްވެސް ފްރޭމްވޯކެއް ރަނގަޅު ކުރުމަށް އެއްވެސް ބިލެއް ސަރުކާރުން މަޖިލީހުން ފާސް ކޮށްފައި ނުވާއިރު، ހުށައަޅާފައިވެސް ނުވެއެވެ.
މިއަށްވުރެ ބޮޑު ފަލީހަތުގެ އިހުސާސެއް ޒުވާނުންނަށް ވަކި ކުރެވޭނެތޯއެވެ. ކޮށްދޭނެ ކަމަށް ވިދާޅުވެ، މުޅި ސޯޝަލް މީޑިޔާގައި، ހާއްސަކޮށް ޓިކްޓޮކްގައި މުއިއްޒުގެ ޓީމުން އިސްތިހާރުކޮށް ޒުވާން އެތައް ހާސް ބައެއްގެ ވޯޓު ހޯދީ މިވާހަކަ ތަކުންނެވެ. ނަމަވެސް މިކަންކަން މުއިއްޒު އަކަށް ނުކުރެވުނެވެ. މި ވައުދު ތަކެއް ނުފުއްދުނެވެ. އެތައް ހާސް އެހެން ވައުދުތައް ނުފުއްދުނު ފަދައިންނެވެ. އުއްމީދެއް ދިނުމަށްފަހު، އެ އުންމީދު ނަގާލުމަށްވުރެ ބޮޑު މާޔޫސްކަމެއް ޒުވާން ޖީލަކަށް ސަރުކާރަކުން ނުދެވޭނެއެވެ. ނުވާނެ ނަމަ، ނުވާނެ ވާހަކަ ކެމްޕެއިންގައި ވެސް ތެދު ބަހުން ޒުވާނުންނަށް ވެރިން ބުނެ ދޭން ޖެހެއެވެ. ޒުވާނުންނަށް ދޮގު ހެދުމުގެ ބޭނުމެއް ނެތެވެ.