މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގޯއްޗާއި ފުލެޓު ލިބުނު މީހުންނަށް އެ ތަންތަން ހަވާލު ކުރުން ލަސްވާތީ ކަންބޮޑުވުން ފާޅު ކުރުމަށް ހިމޭން ސުލްހަވެރި މުޒާހަރާއެއް ކުރަން ތައްޔާރުވެއްޖެ އެވެ.
އެ މުޒާހަރާ ރާވައި ހިންގުމުގައި އިސްކޮށް އުޅެނީ ފުލެޓުވެރިންގެ ހައްގުގައި މަސައްކަތް ކުރާ ފަހި ޔޫނިއަންއާއި މާލެ ސަރަހައްދުން ގޯތި ލިބުނު ފަރާތްތަކުގެ ހައްގުގައި މަސައްކަތް ކުރާ ގިރާވަރު ސިޓިޒެންސް އެސޯސިއޭޝަނުގެ އިތުރުން މާލެ ރަށްވެހިންގެ ޖަމިއްޔާއިންނެވެ.
މުޒާހަރާ އާ ގުޅޭގޮތުން ފަހި ޔޫނިއަންގެ ފައުންޑަރު، އިސްމާއިލް ނާއިފް އަބޫބަކުރު ވިދާޅުވީ އެ މުޒާހަރާ ކުރިއަށް ގެންދާނީ މިރޭ 9:00 ގައި ހެންވޭރު ލޮނުޒިޔާރަތް ޕާކު ކައިރީގައި ކަމަށެވެ.
އެ މުޒާހަރާ ކުރިއަށް ގެންދަން ރާވައިފައި ވަނީ ވަރަށް ހަމަހިމޭންކަމާއެކު ސުލްހަވެރިކޮށް ކަމަށް ވެސް އިސްމާއިލް ވިދާޅުވި އެވެ.
"އާންމު އަހުލާގީ މިންގަނޑާ ހިލާފު ނުވާނެ ގޮތަކަށް އެމީހަކަށް ލިބިފައިވާ ބޯހިޔާވަހިކަން ލިބުން ލަސްވަމުންދާތޯ އޮތް ކަންބޮޑުވުމެއް ލިޔެފައިވާ ބޯޑެއް ހިފައިގެން ވަޑައިގަންނަވަންވީ، އަޅުގަނޑުމެން މުޒާހަރާ ކުރިއަށް ގެންދާނަން ދެގަޑިއިރު ވަންދެން،" އިސްމާއިލް ވިދާޅުވި އެވެ.
އެ މުޒާހަރާ އިންތިޒާމު ކުރުމުގައި އިސްކޮށް އުޅުއްވާ ގިރާވަރު ސިޓިޒެންސް އެސޯސިއޭޝަންގެ ރައީސް، އިބްރާހިމް ޝިޔާޒް ވިދާޅުވީ މިރޭގެ މުޒާހަރާއަކީ ސިޔާސީ ހަރަކާތެއް ނޫން ކަމަށެވެ. މުޒާހަރާ ކުރިއަށް ގެންދަނީ މާލޭގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ސަރުކާރަށް އިއްވުމަށް ކަމަށެވެ.
"އަޅުގަނޑުމެންގެ ބޭނުމެއް ނެތް، ސަރުކާރަށް އެއްޗެހި ގޮވައި ހަދާކަށް، މިއީ ހަމަ މާލޭގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ސަރުކާރަށް އިއްވާލަން ކުރާ ސުލްހަވެރި މުޒާހަރާއެއް، ހުރިހާ އެންމެން ފުލެޓުތަކާއި ގޯތިތައް މި ބޭނުން ކުރަނީ ސިޔާސީ ބޭނުމަށް، އެއްގޮތަކަށް ވެސް އެހެންވެގެން ނުވާނެ،" ޝިޔާޒް ވިދާޅުވި އެވެ.
މުޒާހަރާގައި ބައިވެރިވުމަށް މާލެ ސަރަހައްދުން ގޯތި ލިބުނު މީހުން ނުކުތުމަށް ޝިޔާޒް އެދިވަޑައިގެންނެވި އެވެ. ނަމަވެސް އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު އެއްވެސް ކަމެއް ނުކުރުމަށް ޝިޔާޒް ވެސް އިލްތިމާސް ކުރެއްވި އެވެ.
"އަޅުގަނޑުމެންގެެ ކަންބޮޑުވުމަކީ ގިރާވަރުފަޅާއި ގުޅީފަޅު ހިއްކުން އެއްކޮށް ހިއްކުން ހުއްޓިފައި، ހައުސިން މިނިސްޓަރީން ބުނީ ޖުލައި މަސް ނިމުމުގެ ކުރިން ގުޅީފަޅުގެ އެލްޔޫޕީ ނިންމައި ރެޖިސްޓަރީތައް ވެސް ހަވާލުކޮށް ނިންމާނަމޭ، އެކަމަކު އެއިން އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ އަޅުގަނޑުމެން ބޭނުންވަނީ ސަރުކާރަށް މި ކަންބޮޑުވުންތައް އިއްވަން،" ޝިޔާޒް ވިދާޅުވި އެވެ.
މިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން 15،046 މީހުން ޝަރުތު ހަމަވާ ކަމަށް އޭރުގެ ސަރުކާރުން ކަނޑައެޅި އެވެ. އެމްޑީޕީ ސަރުކާރުން ނިންމީ އެ ހުރިހާ އެންމެންނަށް ވެސް ފުލެޓު ދިނުމަށެވެ. ނަމަވެސް އެ ވެރިކަން ނިމުނުއިރު، ކޮންޓްރެކްޓު ކުރެވި މަސައްކަތް ފަށާފައި ވަނީ 4000 ފުލެޓުގެ އެވެ.
ފުރަތަމަ 4،000 ފްލެޓް ލިބޭނީ ޕޮއިންޓް ތަރުތީބުން އެންމެ ގިނަ ޕޮއިންޓު ލިބޭ މީހުނަށް ކަމަށް ކަނޑައަޅާފައިވަނިކޮށް އޭސީސީއަށް ހުށަހެޅު މައްސަލައަކާ ގުޅިގެން އެ މަސައްކަތް މަޑުޖައްސައިލަން އެންގި އެވެ. އެ ސްކީމަށް ތައްޔާރުކުރި ޕޯޓަލްގެ އެކްސެސް ލިބުމުން، މައްސަލަ ތަހުގީގު ކުރުން ގެންދިޔުމަށް ފަހު، މަސައްކަތް އަލުން ފަށަން ކޮމިޝަނުން ހުއްދަ ދިނީ ފެބްރުއަރީ އެކެއްގަ އެވެ.
އޭގެ ފަހުން ފުލެޓު ލިސްޓުގެ މައްސަލަ ބަލަން ހައުސިން މިނިސްޓަރީން ވަނީ ފުލެޓު ކޮމެޓީއެއް ވެސް އެކުލަވައިލައިފަ އެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން މިދިޔަ ސަރުކާރުގައި މާލެ ރައްޔިތުންނަށް 9،003 ގޯތި ދޫކުރި އެވެ. ނަމަވެސް އޭގެ ތެރެއިން ބިން ލިބުނު ކަމުގެ ލިޔުން މިހައިތަނަށް ހަވާލު ކޮށްފައި ވަނީ 8،394 މީހުންނަށެވެ. މިހާރުގެ ސަރުކާރުން ވަނީ ބިން ލިބުނު ކަމުގެ ލިޔުން ނުލިބޭ މީހުންނަށް ލިޔުން ހަވާލު ކުރުމަށް އިތުރު ފުރުސަތެއް ދިނުމަށް ނިންމައިފަ އެވެ.