ޚަބަރު

އިޤްތިޞާދީ ޕްރޮޖެކްޓްތަކުން ޗައިނާ ނަގާ މިލިޓަރީ ބާރުވެރިކަމާއި، ދިވެހިރާއްޖެ އޭގެ ސަބަބުން އޮތް ނުރައްކާތެރި ފައްތަރު! ދިވެހިރާއްޖެ މިއޮތީ ވަޒަން ކޮށްލަން ދަތި ބިރުވެރި ކަމެއްގެ ތެރޭގައި!

ދިޔަވަރު
އިޤްތިޞާދީ ޕްރޮޖެކްޓްތަކުން ޗައިނާ ނަގާ މިލިޓަރީ ބާރުވެރިކަމާއި، ދިވެހިރާއްޖެ އޭގެ ސަބަބުން އޮތް ނުރައްކާތެރި ފައްތަރު! ދިވެހިރާއްޖެ މިއޮތީ ވަޒަން ކޮށްލަން ދަތި ބިރުވެރި ކަމެއްގެ ތެރޭގައި!

ދުނިޔޭގެ ބާރުވެރި ޤައުމުތަކުން އެމީހުންގެ ނުފޫޒު ފުޅާކުރުމަށް ކުރާ މަސައްކަތްތަކުގައި އާންމު އުސޫލުތަކަކަށް ތަބާވުމުގެ ބަދަލުގައި އަމިއްލަ އުސޫލުތަކެއް އުފައްދައެވެ. މި ގޮތުން ޗައިނާއިން ގެންގުޅޭ އުސޫލުތަކަކީ ކޮބައިކަމާއި، އެ އުސޫލުތައް ތަންފީޒުކުރާ ގޮތާއި އޭގެ ނަތީޖާ ދެނެގަތުމަކީ ރާއްޖެފަދަ ޤައުމެއްގެ ރައްޔިތުންނަށް ވަރަށް މުހިންމު ކަމެކެވެ.

ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް (ބީއާރުއައި) ފުޅާކުރުމުގައި ޗައިނާއަށް ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާއިރު، އެ ޤައުމުން ގެންގުޅޭ އުކުޅުތަކަށް ނަޒަރު ހިންގާލުމަކީ މުހިންމު ކަމެކެވެ. ޚާއްޞަކޮށް ޗައިނާގެ އިޤްތިސާދީ މަސްލަހަތުތަކާއި، ޕީޕަލްސް ލިބަރޭޝަން އާމީ ނޭވީ (ޕްލޭން) "ޒަމާނީ"ކުރުމާއި ދެމެދު އޮތް ގުޅުން ދެނަގަތުމަކީ މިއަދު ދިވެހިންނަށް މުހިންމުކަމެކެވެ. އިޤްތިޞާދީ ތަރައްޤީގެ ނަމުގައި ދިވެހިރާއްޖެ ޗައިނާގެ އަސްކަރިއްޔާގެ މަރުކަޒަކަށް ވެގެންދާތަން ބަލަން ދިވެހި ލޭ ހިނގާ އެއްވެސް ރައްޔިތަކު ބޭނުން ނުވާނެއެވެ.

ވިޔަފާރިއަށް ކަނޑު ހިމާޔަތް ކުރުމުގެ ނަމުގައި މިލިޓަރީ ބާރުވެރިކަން އިތުރު ކުރުން

ޗައިނާގެ އިމްޕޯޓާއި އެކްސްޕޯޓްގެ 90 އިންސައްތަ ބަރޯސާވަނީ ކަނޑުގެ ދަތުރުފަތުރަށެވެ. އަދި ޗައިނާގެ އިޤްތިސާދީ ކުރިއެރުން ވަރަށް ބޮޑަށް ބަރޯސާ ވެފައިވަނީ އެތެރެކުރާ ޤުދުރަތީ ވަސީލަތްތަކުގެ މައްޗަށެވެ. ޚާއްޞަކޮށް ތެލުގެ ބާވަތްތަކަށެވެ. މީގެ އިތުރަށް މައުދަން ތަކަށެވެ. އެހެންކަމުން، ޗައިނާގެ އުޅަނދުތައް އާންމުކޮށް ދަތުރުކުރާ ކަނޑުގެ ހާއްސަ ސަރަހައްދެއް ކަމަށްވާ (ސީ ލައިންސް އޮފް ކޮމިއުނިކޭޝަން - އެސްއެލްއޯސީ)ގެ ސަލާމަތްތެރިކަމަކީ ޗައިނާގެ ތަރައްޤީ ދެމެހެއްޓުމަށް އެ ޤައުމަށް ވަރަށް މުހިންމު ސަރަހައްދެކެވެ. މި އިޤްތިޞާދީ ކަނޑު މަގު ހިމާޔަތް ކުރުމުގެ ނަމުގައި ޗައިނާއިން ދަނީ އެމީހުންގެ މިލިޓަރީ ބާރުވެރިކަން އެތާ އިތުރު ކުރުމުންނެވެ. މި ގޮތުން އެ ސަރަހައްދުގައި މިހާރު ޗައިނާއިން ވަނީ ދާއިމީކޮށް ތިބެން ފަށާފައެވެ.

ޗޯކް ޕޮއިންޓް ތަކަކީ ކޮން ތަންތަނެއް؟

ސްއެސް ކެނަލް

ޗޯކް ޕޮއިންޓްތަކަކީ ކަނޑުގައި ބޯޓު ފަހަރު ދަތުރު ކުރަން ހަނި ނުވަތަ އުނދަގޫ ތަންތަނެވެ. ދިވެހިންނަށް އެންމެ ބޮޑަށް އެނގޭ މިފަދަ ތަނެއްގެ މިސާލަކީ މިސްރުގެ ސްއެސް ކެނަލްއެވެ. ޗައިނާއިން ދަނީ އެމީހުންގެ ވިޔަފާރިއަށް އާންމުކޮށް ބޭނުން ކުރާ ކަނޑުގެ ސަރަހައްދު ތަކުގައި ހުރި މިފަދަ ޗޯކް ޕޮއިންޓްތަކަށް ވެރިވެ ގަންނަމުންނެވެ. މި ގޮތުން ސައުތު ޗައިނާ ސީ ގައި ހުރި އެހެން ޤައުމުތަކަށް ނިސްބަތްވާ ޗޯކް ޕޮއިންޓް ތަކުގައި ޗައިނާއިން ދަނީ އެމީހުންގެ މިލިޓަރީ ބާރު ގަދަ ކުރަމުންނެވެ. ސީދާ ބާރު ނުފޯރާ ތަންތާގެ ކައިރީގައި ހުންނަ ޤައުމުތަކުގައި ޗައިނާ އިން ދަނީ އެ ޤައުމުގެ ވެރިކަމަށް ނުފޫޒު ފޯރުވައިގެން މިލިޓަރީ ބޭސް އެޅުން ނޫނީ އިޤްތިޞާދީ ޕްރޮޖެކްޓްތައް އެ ޤައުމުތަކުގެ ހިންގައި ސަރަހައްދުގައި މިލިޓަރީ ބާރުވެރިކަން އިތުރު ކުރަމުންނެވެ. މިގޮތުން ބާބް-އަލް މަންދިބް ޗޯކް ޕޮއިންޓާއި ކައިރީގައި އޮތް ގައުމު ކަމަށްވާ ޖިބޫޓީގައި ޗައިނާ އިން ވަނީ މިލިޓަރީ ބޭހެއް އަޅާފައެވެ. މިއީ އިންޑިޔާ ކަނޑު ނިމޭތާ އޮންނަ އެފްރިކާ ބައްރުގެ ޤައުމެެކެވެ. ރާއްޖެއާއި އެހާ ދުރެއް ނުވާނެއެވެ.

ކަނޑުފޭރުން ހުއްޓުވުމުގެ ނަމުގައި ޗައިނާގެ މިލިޓަރީ ބާރުވެރިކަން އިތުރު ކުރުން

ޗައިނާގެ އެންޓި-ޕައިރަސީ އޮޕަރޭޝަންތައް ފެށިގެން އައީ ސޯމާލިއާގެ އައްސޭރިފަށުގެ ސަރަހައްދުންނެވެ. 2008 ވަނަ އަހަރުގެ ޑިސެންބަރުގައި ޗައިނާގެ އުޅަނދުތަކަށް ކަނޑުފޭރޭ މީހުން ހަމަލާދިނުމާ ގުޅިގެން ޗައިނާއިން މި ސަރަހައްދުގައި ހަރަކާތްތެރިވާން ފެށިއެވެ. 2008 ގައި ޗައިނާއިން އެހެން ޤައުމުތަކާއި ގުޅިގެން ކަނޑުގެ އަސްކަރީ ހަރަކާތްތައް ނުހިންގިއަސް 2009 ވަނަ އަހަރު ޗައިނާ އިން ހިންގި ހަރަކާތްތަކުގެ ތެރެއިން، އެހެން ޤައުމުތަކުގެ ނޭވީތަކާއެކު ގުޅުން ބަދަހިކޮށް، ކަނޑުފޭރުމުގެ މައްސަލާގެ ހައްލު ހޯދުމުގައި ޗައިނާ އަކީ މުހިންމު ބައެއްކަން ދުނިޔެއަށް ދެއްކިއެވެ. އެއަށް ފަހު، ޗައިނާ އިން ވަނީ ދާއިމީކޮށް ސޯމާލިއާގެ އައްސޭރިފަށުގެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ. މި ސަރަހައްދުގައި ކަނޑުފޭރުން މިހާރު ހުއްޓިފައިވީ ނަމަވެސް، ޗައިނާއިން މި ސަރަހައްދު ތަކުގައި މިލިޓަރީ ހަރަކާތްތައް އިތުރުކޮށް، މިނިވަން ޤައުމުތަކުގެ ސަރަހައްދުތަކަށް އިޤްތިޞާދީ ސަލާމަތްތެރިކަން ގާއިމު ކުރުމުގެ ނަމުގައި ބާރު ފޯރުވާ ގޮތް ފެނިގެންދެއެވެ.

ޗައިނާގެ "ސުލްހަ" ބަލަހައްޓާ ފައުޖުތައް

ޗައިނާގެ "ސުލްޙައާއި ހަމަޖެހުން" ގެ ނަމުގައި ހިންގާ އެކިއެކި މަޝްރޫޢުތަކުގެ ފަހަތުގައި އޮތް ހަޤީޤީ މަޤްޞަދާމެދު ސުވާލު އުފެދެއެވެ. އދ. ގެ ސުލްޙަ ދެމެހެއްޓުމުގެ މިޝަންތަކުގައި ބައިވެރިވާ ޗައިނާގެ 1000 އަށްވުރެ ގިނަ "ޕީސްކީޕަރުން" ހަރަކާތްތެރިވަނީ ދެކުނު ސޫދާން، ކޮންގޯ، ލައިބީރިއާ އަދި މާލީ ފަދަ ޤައުމުތަކުގައެވެ. މި ޤައުމުތަކަކީ ޗައިނާގެ މުހިންމު އިޤްތިސާދީ މަޞްލަޙަތުތަކެއް އޮތް ޤައުމުތަކެވެ. އެހެންކަމުން، މި "ޕީސްކީޕިންގ" މިޝަންތަކަކީ ޗައިނާގެ އިޤްތިސާދީ ނުފޫޒު ފުޅާކުރުމަށް އެޅޭ ފިޔަވަޅުތަކެއް ކަމަށް ނޫނީ ނުބެލެވެއެވެ.

ޗައިނާ ދަނީ މި މަކަރުވެރި އުސޫލުން އިންވެސްޓް ކޮށް ދިނުމާއި، އިޤްތިޞާދީ ފަސޭހަ ކަން ގެނެސް ދިނުމުގެ ނަމުގައި މިލިޓަރީ ނުފޫޒު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފުޅާ ކުރަމުންނެވެ. ރާއްޖެ އެކަމުން ބަރީއަވެގެން ނުވެއެވެ.

ދިވެހިރާއްޖެ ބޮޑު ނުރައްކަލެއްގައި

މިކަމުގެ ސަބަބުން ރާއްޖެ ފަދަ ޤައުމުތަކަށް ޗައިނާގެ ނުފޫޒު މާ ބޮޑަށް އިތުރުވެ، ޤައުމުތަކުގެ މިނިވަންކަމާއި އަމިއްލަ އިޚްތިޔާރު ގެއްލުމާއި، ސަރަހައްދީ މައްސަލަތަކުގެ ތެރެއަށް އެ ޤައުމުތައް ވައްދައި ދޭދޭ ޤައުމުތަކުގައި އޮންނަ އެކުވެރިކަން ކަނޑުވައި، އިޤްތިސާދީ ދަރަނީގެ ސަބަބުން ކުދި ޤައުމުތައް ޗައިނާގެ ބާރުގެ ދަށަށް ގެންދިއުން ހިމެނެއެވެ.

ޗައިނާއިން އަންގައިގެން ލ އަތޮޅުން 3 ރަށާއި، އެތާގައި އަޅާ ބަންކަރިން ނާއި، ޓްރާންޝިޕްމަންޓް ޕޯޓާއި، ޔޮޓް މެރީނާއާއި، ކްރޫޒް ޓާމިނަލް 99 އަހަރަށް ޗައިނާގެ ކުންފުންޏަކަށް ދިނުމަކީ، ޗައިނާއިން އަމަލު ކުރަމުންދާ ހަމަ ތަކުން ބަލާއިރު، ދިވެހި ރާއްޖޭގެ ސަލާމަތާއި މިނިވަންކަމާއި އިސްތިޤްލާލަށް އޮތް ބޮޑު ނުރައްކަލެކެވެ. އަދި ޗައިނާގެ އަތް މައްޗަށް ރާއްޖޭގެ މައި ބަނދަރު މުއިއްޒު ވިއްކާލާ ވިއްކާލުމަކީ ދިވެހިންގެ ދިރިއުޅުމުގެ އަގުތައް ޗައިނާގެ ސަރުކާރަށް ދޫކޮށްލުމެވެ. އެ ގެއްލެނީ މިނިވަންކަން ނޫން ކޮން އެއްޗެއް ތޯއެވެ؟ މާދަމާ ދިވެހިން ކާ ހަނޑޫ ހަކުރު ފުށުގެ އަގު ކަނޑައަޅާނީ ޗައިނާއިންނެވެ.

ޗައިނާއާއި އެކީގައި 22 ސިއްރު އެގްރިމެންޓެއްގައި މި ސަރުކާރުން ވަނީ ސޮއެ ކޮށްފައެވެ. ކުޑަ މިނުން ސޮއެ ކުރި އެގްރިމެންޓްތަކުގެ ނަންތައްވެސް މުއިއްޒުގެ ސަރުކާރުން ހާމަ ނުކުރުމަކީ، މިކަމުގެ ނުރައްކާ ބޮޑުކަން ހާމަވެގެން ދާ ކަމެކެވެ.

ރާއްޖޭގެ އީއީޒެޑް އިން ބޭރު ޗައިނާ އުޅަނދުތަކުން ސްކޭން ކޮށް ބަލަމުން އެދަނީ އިންޑިޔާއާއި ދެކޮޅަށް ކުރަން ޖެހިދާނެ ހަނގުރާމަ އެއްގައި ކަނޑު އަޑީގެ ސަބްމެރިންތައް ބޭނުންކޮށްގެން ހަމަލާ ދިނުމަށް ތައްޔާރު ވުމަށެވެ. އެފަދަ ނުރައްކާތެރިކަމަށް ރާއްޖޭގެ ވެރިއަކު އެއްބަސް ވުމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. އެފަދަ ހަނގުރާމައެއް ފެށިއްޖެ ނަމަ، ރާއްޖޭގެ ކަނޑު ފަޅު ހަލާކުވެ މަސްތައް ވިހަވެ، ގެއްލުންވާނީ ދިވެހިންނަށް ނޫންތޯއެވެ.

މުއިއްޒުގެ މި އަނިޔާވެރި ވެރިކަމުގައި، ދުނިޔޭގެ ބާރުތަކާއި މެދު އޮންނަންވީ ގުޅުންތައް ނޭނގި ހިންގަމުންދާ މިފަދަ އަމަލުތަކުން ރާއްޖެ މިވަނީ ވަރަށް ނުރައްކާތެރި ފައްތަރަކަށް ވެއްޓިފައެވެ.