އަގުބޮޑު އޮޑަރ ކޮންޓްރޯލް ސިސްޓަމް ދިމްޔާތު ކައިރީ ބަހައްޓަނީ މާލޭގެ އެކި ސަރަހައްދުތަކުގެ ޖަންގްޝަންތަކުން ވަސްފިލުވުމަށް ކަމަށްބުނެ ދައުލަތުގެ ފެން ކުންފުނި, އެމްޑަބްލިއުއެސްސީ އިން ދޮގު ހަދައިފިއެވެ.
މާލޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޕަމްޕް ސްޓޭޝަންތަކުން ވަސްދުވުން ހުއްޓުވުމަށް، އެތަންތަނުގައި ޒަމާނީ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮންޕެނީ(އެމްޑަބްލިޔުއެސްސީ) އިން ފަށާފައިވާކަމަށް އެ ކުންފުނިން މިއަދު ވަނީ ބުނެފަވެއެވެ.
އެހެންނަމަވެސް, އަގުބޮޑު އޮޑަރ ކޮންޓްރޯލް ސިސްޓަމް ބަހައްޓާ ބޭނުންކުރަން ފަށާފައިވަނީ މުއިއްޒުގެ އަމިއްލަފުޅު ގެ ކަމުގައިވާ ދިމްޔާތު ކައިރީގައި ހުރި ޕަމްޕް ސްޓޭޝަނުންނެވެ. އެ ތަނުގައި ހުންނަނީ މާލޭގެ 4 ނަމްބަރ ޕަމްޕް ސްޓޭޝަންއެވެ. އެ އޮޕަރޭޓްކުރަން ފަށްޓަވައި ދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުޙައްމަދު އެވެ.
މުއިއްޒު ރައީސްކަމުގެ ހުވާ ކުރެއްވުމާއެކު, މުއިއްޒުގެ އަމުރަށް ވަނީ ދިމްޔާތު ކައިރީގައި ހުންނަ ޕެޓްރޯލް ޝެޑުވެސް އެސަރަހައްދުން ނަގާފައެވެ. އެ ޕެޓްރޯލްޝެޑް ރޫޅާ ލުމާ ގުޅިގެން މާލޭގައި ތެޔޮ އަޅާދޭ ޝެޑްތައް ތޮއްޖެހި އެކަމުގައި އުދަގޫ އާންމު ރައްޔިތުންނަށްވެސް ދަނީ ފޯރަމުންނެވެ.