ރަސްމީ ދަތުރުފުޅެއްގައި ތިން ވަޒީރަކު މާދަމާ ޗައިނާއަށް ފުރާ ވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން ބުނެފައިވަނީ, ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިސްކޮށް ހުންނަވައި ކުރައްވާ މި ދަތުރުފުޅުގައި ދެން ބައިވެރިވެވަޑައިގަންނަވަނީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އަދި ކޮންސްޓްރަކްޝަން އެންޑް އިންސްފްރާންސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ކަމުގައެވެ.
މިނިސްޓަރު ޒަމީރާއި ޗައިނާގެ ފޮރިން މިނިސްޓަރު މި ދަތުރުގައި ރަސްމީ ވާހަކަތައް ބޭއްވެވުމުގެ އިތުރުން ޗައިނާގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ހަތަރު ދުވަހުގެ މި ދަތުރުގައި، ރާއްޖޭގައި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގާފައިވާ ޗައިނާގެ ކުންފުނިތަކާ އެކު ވެސް ބައްދަލުވުމެއް އޮންނާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.
މި ސަރުކާރުގެ ވެރިން ފާއިތުވި މުއަދަތުގައި ޗައިނާއަށް ދަތުރު ކުރެެވުމަށް އެތައް މިލިއަން ރުފިޔާއެއް ޚަރަދު ކޮށްފައިވިނަމަވެސް, މިސަރުކާރަށް 8 މަސް ފުރިގެންދާއިރު, މިއިން އެއްވެސް ދަތުރުކުން ނެރެވުނު ނަތީޖާއެއް އަދި ފެންނާކަށް ނެތެވެ. އެގޮތުން ރާއްޖޭގައި ތަރައްގީގެ އެއްވެސް ޕްރޮޖެކްޓެއް ކުރިޔަށް ނުދާއިރު, ދައުލަތުގެ މާލިއްޔަތުގައި ފައިސާ ނެތިގެން, މިސަރުކާރުން މިހާރުވަނީ ޖީއެސްޓީއާއި, ޓީޖީއެސްޓީ ބޮޑުކޮށް, އެއަރޕޯޓުން ނަގާ ފީތަކާއި މުއާސަލާތީ ކުންފުނިތަކުން ދައުލަތަށް ނަގާ ފީތައްވެސް ބޮޑު ކުރުމަށް ނިންމާފައެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން, މުދަލުގެ އަގު އުފުލި, ޓިކެޓްގެ އަގުތައްވެސް އެތައް ގުނައަކުން ބޮޑުވެގެން ދާނެއެވެ. އެހެންނަމަވެސް ސަރުކާރުން އަދިވެސް ދަނީ ބޮޑު މުސާރަ ލިބޭ ސިޔާސީ މަގާމްތަކަށް އެކްޓިވިސްޓުން އައްޔަންކޮށް, ދައުލަތުގެ ވެރިން ފަސްޓުކުލާހުގައި ކުރަމުންދާ ދަތުރުތަކަށްވެސް ބޮޑެތި ހޭދަތައް ކުރަމުންނެވެ.