މިއަދު ކުރިޔަށްދާ މާލޭ ސިޓީން ހުސްވެފައިވާ ކައުންސިލްގެ ގޮޑިތަކަށް މެމްބަރުން އިންތިޚާބު ކުރުމަށް ވޯޓުލަމުންދާއިރު, ވޯޓަށް ނުފޫޒު ފޯރުވުމަށް, ހުޅުމާލެ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އަލީ އައިމަންގެ ކެމްޕޭނަށް އެޗްޑީސީގެ މުވައްޒަފުން ވަޒީފާގެ ބިރު ދައްކައިގެން ނެރެމުންދާކަމަށް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިއްޖެއެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތުދިން އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ އިއްޔެ ކުރިޔަށް ގެންދިޔަ އަލީ އައިމަންގެ ސައިކަލް ރެލީވެސް ކުރިޔަށް ގެންގޮސްފައިވަނީވެސް ހުޅުމާލޭ އޮޕަރޭޝަންގައި މަސައްކަތް ކުރާ ކުދިންނަށް ވަޒީފާގެ ބިރު ދައްކައިގެން, ނެރެގެން ކަމުގައެވެ. އެ ސައިކަލް ރެލީގައި އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދުވެސް ބައިވެރިވެފައިވާއިރު, އެޗްޑީސީގެ ހުޅުމާލޭ އޮޕަރޭޝަންގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުންވެސް ބައިވެރިވެފައިވާކަން ފާހަގަ ކޮށްލެވެއެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެޗްޑީސީއަކީ ސިޔާސީ ނުފޫޒު އެންމެ ބޮޑަށް ފޯރުވަމުންދާ އެއް ކުންފުންޏެވެ. އެގޮތުން އެކުންފުނިން ވަނީ ފާއިތުވި މަޖިލިސް އިންތިޚާބުގައިވެސް ކުންފުނީގެ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކާ ވޯޓަށް ނުފޫޒު ފޯރުވާފައެވެ. އަދި ފަޒުލް ރަޝީދުވަނީ ނުހައްގުން އެތައް މުވައްޒަފުންނެއް އެކުންފުނީގެ ވަޒީފާއިންވެސް ވަކި ކޮށްފައެވެ.
އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދަކީ އެކުންފުނީގެ އެމްޑީގެ މަގާމުގައި ހުރެ, ރިޝްވަތުގެ އެތައް މުއާމަލާތެއް ހިންގާ, އަދި އޭނާގެ އަނބިކަބަލުންނަށް 2,000 އަކަފޫޓޫގެ ބޮޑު ބިމެއް ނުއަގުގައި މިލްކުކޮށްދީފައިވާ ފަރާތެއްކަންވެސް ފާހަގަ ކޮށްލެވެއެވެ.