ސިޔާސީ

2028 ގެ ޕީޕީއެމް ރިޔާސީ ކެންޑިޑެޓަކަށް ވާނީ ނާޒިމް! ބާރުތައް ދެ ބަޔަކަށް ބެހި މުއިއްޒު ވަނީ މެދުގައި ފިތިފައި!

ދިޔަވަރު
2028 ގެ ޕީޕީއެމް ރިޔާސީ ކެންޑިޑެޓަކަށް ވާނީ ނާޒިމް! ބާރުތައް ދެ ބަޔަކަށް ބެހި މުއިއްޒު ވަނީ މެދުގައި ފިތިފައި!

ޕީއެންސީ ތެރޭގައި މިހާރު ހިނގަމުންދާ ވާދަވެރި ކަމަކީ 2028 ގެ ވާދަ ވެރިކަމެވެ. މި ވާދަވެރި ކަމުގައި ޕާޓީ ނުވަތަ ސަރުކާރު ދެ ބަޔަކަށް ބެހި، ބާރުތަކުގެ މެދުގައި މުއިއްޒު އިންނެވީ ވަރަށް ބޮޑަށް ފިތި ބާރު ވެފައެވެ. މަޖިލީސް ނާއިބް ރައީސްގެ ގޮތުގައި ހުންނެވި، އަހްމަދު ނާޒިމް އާއި، ޤާސިމް އިބްރާހިމް އާއި، ކާނަލް ނާޒިމް އާއި، ރެޑްވޭވް ސަލީމް އާއި، ޝުޖާއުމެން މަޝްވަރާކޮށް، ބައްދަލުވުންތައް އެކި ފަހަރު މަތިން ބާއްވައި ވެރިކަމަށް އަހްމަދު ނާޒިމް ގެނައުމަށް ވަނީ ނިންމާފައެވެ. 2028 ވަނަ އަހަރަށް ކެމްޕެއިން މިހާރު ފަށަން ޖެހޭ ކަމަށާއި، މި ކެމްޕެއިންގައި މައިގަނޑު ތިން ބަައެއް އެކުލެވިގެން ވާ ކަމަށް މި ބައްދަލުވުންތަކުގައި ނިންމާފައިވެއެވެ.

މި ގޮތުން މުއައްސަސާ ތަކުގެ ބާރުތައް މަޖިލީހުގެ ތެރެއިން ނެގުމާއި، ޕާޓީގެ އާންމު މެމްބަރުންގެ ތަރުހީބު ހޯދުމާއި، ސަރުކާރަށް ބޭރުގެ އެހީ އާއި، މާލީ ތަނަވަސްކަން ލިބޭނެ މަގުތައް ބަންދު ކުރުން ހިމެނެއެވެ. މި މަސައްކަތް ތައް މަޖިލީހުގައި ލިބޭ ވަގުތުގެ ބޭނުން ހިފައިގެން ކުރަމުންދާއިރު، މުއިއްޒުގެ އަރިހުގައި ތިބި އެތައް މެމްބަރުންނެއް މުއިއްޒުގެ ގާބިލު ކަމާއި މެދު މިހާރު ވަނީ ސުވާލު އުފައްދަން ފަށާފައެވެ.

އަހްމަދު ނާޒިމްގެ މަގުބޫލުކަން އިންތިހާއަށް އިތުރު ވަމުން ދާއިރު، މުއިއްޒު ބޭނުންވާ ބިލްތަކާއި، ކަންކަމަށް ވާގިވެރިކަން ނާޒިމްގެ ޓީމުން ވެސް ދަނީ ދެމުންނެވެ.

މިކަމުގައި ކެބިނެޓުން އަހްމަދު ނާޒިމް އަށް އެހީތެރިކަން ފޯރު ކޮށްދެމުންދާ މިނިސްޓަރުންގެ ތެރެއިން ފާހަގަ ކޮށްލެވެނީ، ފިޝަރީޒް މިނިސްޓަރު ޝިޔާމް އާއި، ޑިފެންސް މިނިސްޓަރ ގައްސާން މައުމޫނެވެ. އެތެރޭގެ ވާދަ ވެރިކަން ބޮޑުވެފައިވާ މިންވަރަކީ، ރައީސް މުއިއްޒަށް ސާފުކޮށް އެގަހު ކޭލެއް މިގަހު ކޭލެއްވެސް އެނގޭ ވަރެއް ނުވެ، މިކަމުގައި ހުރި ގޮންޖެހުންތައް އިހްސާސްވެ، ސިޔާސީ އިތުރު ބާރެއް ގާތްކޮށް އެތެރޭގެ ބާރުތައް މުއިއްޒުގެ އަތް މައްޗަށް ގެނެވޭތޯ ރައީސް މުއިއްޒު ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މިއީ ކޮން މަސައްކަތެއްގެ ވާހަކަ ކަން ރައީސް މުއިއްޒަށް އެނގިލައްވާނެއެވެ.

ސިޔާސީ ގޮތުން، ނާޒިމް ދައްކަވާ ވާހަކަ ތަކަކީ އާންމުންގެ މެދުގައި މަގުބޫލު ވާހަކަ ތަކެކެވެ. ރާއްޖޭގެ އަސްލު މާލީ ހާލަތާއި، ރާއްޖޭގެ އިޤްތިޞާދީ ހާލަތު އޮތް ހިސާބުގެ ސައްހަ މައުލޫމާތު ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށް ވިދާޅުވެ އެމަނިކުފާނު ދެއްކެވި ވާހަކަ ތަކަކީ މުއިއްޒަށް އޮތް ތާއީދު ގެއްލި، ނާޒިމްގެ ގާބިލްކަން، ޕާޓީގެ މެމްބަރުންނަށް ކަށަވަރު ވެގެން ދިޔަ ކަމެކެވެ.

މި ބާރުތައް ހުއްޓުވުމަށް މަސައްކަތް ކުރަމުން ދަނީ އަބްދުއްރަހީމެވެ. ނަމަވެސް އަބްދުއްރަހީމްގެ ކެނޑިޑޭޓުގެ ރަނިންގ މޭޓަކަށް އަބްދުއްރަހީމްގެ ދަރި ފައިސަލް ހަމަޖައްސަން ޖެހޭތީ އެއީ ސިޔާސީ ގޮތުން އާންމުންގެ މަގުބޫލު ކަން ލިބޭނެ ފަޅިއެއް ނޫނެވެ. އަދި އަބްދުއްރަހީމަށް ސިޔާސީ ހަރުފަތުން އެރޭނެ އެންމެ ކުރިއަކަށް ދެވިއްޖެ ކަމަށާއި، ދެން އޮތީ މަޑު މަޑުން ވެއްޓުން ކަމަށް ސިޔާސީ ކަންކަން ގާތުން ބަލަމުންދާ ޕީއެންސީގެ އިސް ފަރާތެއް ދިޔަވަރު ނޫހަށް ކިޔައިދެއްވިއެވެ. އަދި މިހާރުވެސް، އަބްދުއްރަހީމް ޑިފެންސަށް ކުޅެން ޖެހިފައި ވުމަކީ އެކަމުގެ ހެއްކެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ ކަމަށް ވެސް އޭނާ ހާމަ ކުރެއްވިއެވެ.

މިކަމުގެ ތެރޭގައި ޕީޕީއެމްގެ ބާރުވެރިކަން ހޯދުމަށް ކުރަންޖެހޭ މަސައްކަތައްވެސް މަޑުމަޑުން މިހާރު ދަނީ ހިނގަމުންނެވެ. މުއިއްޒަށް އަދި އަދުރޭއަށް ކުޑަކޮށްވެސް ހިލަމެއް ނުވާހެން މުއިއްޒު އާއި، އަބްދުއްރަހީމްގެ އެންމެ ގާތުގައި ނާޒިމްގެ މީހުން އެބަ ތިއްބެވެ. މި މީހުންގެ ލޯޔަލްޓީ އޮތީ ސީދާ ނާޒިމަށެވެ.

ރައީސް މުއިއްޒު އަކީ ރާއްޖޭގެ ތާރީހުގައި އެންމެ އަވަހަށް އެމީހެއްގެ މަގުބޫލުކަން ގެއްލިގެން ދިޔަ ރައީސް އެވެ. މިކަމުގެ ފައިދާ އެންމެ ބޮޑަށް ނަގަމުން ދަނީ އަމިއްލަ ޕާޓީއިންނެވެ. އަދި މުއިއްޒަށް ވެރިކަމުގައި ހުރުމަށް މިކަމުގެ ސަބަބުން ގޮންޖެހުންތަކެއް ހުރި ކަމަށް ބުނުމަކީ މުޅިއަކުން ގޯހެއް ނޫނެވެ. މުއިއްޒުއަށް މި މަންޒަރު ފެނެއެވެ. ނަމަވެސް އަދި އެރެން ހުރި ގޮޅިތައް ވަރަށް މަދެވެ. އެހެންކަމުން، އަހްމަދު ނާޒިމަށް 2028 ގައި ރާއްޖޭގެ ރައީސް ކަމަށް އައުމަށް ހުރަހެއް ނެތެވެ.