“Thanks grandpa, unfit joe” ބުނެ މުއިއްޒުގެ ޑިޕިއުޓީ މިނިސްޓަރ އަޒުހަރު އަބްދުއް ސައީދު ވަނީ އެމެރިކާގެ ރައީސް އަށް މަލާމާތްކޮށް، ޤައުމެއްގެ ރައީސް އަށް މުހާތަބުކޮށް ބުނަން ނުވާވަރުގެ ހުތުރު ބަސް މަގުން މުހާތަބު ކޮށްފިއެވެ. މިކަން ހިނގާފައި މިވަނީ، މުއިއްޒު ސަރުކާރުގެ އިތުރު 3 ޑެޕިއުޓީ މިނިސްޓަރަކު އިންޑިޔާގެ ބޮޑު ވަޒީރު މޯދީ އަށް އަދަބު ކުޑަކޮށް، އިއްޒައްތެރިންނާއި މެދު މުހާތަބު ކުރަން ނުޖެހޭ ބޭ އަދަބީ ބަސްތައް ބޭނުން ކޮށްގެން ޓްވީޓްކޮށް ރާއްޖެއާއި، އިންޑިޔާގެ ރައްޔިތުންނާއި ދެމެދު އޮތް ގާތް ގުޅުން ހީނަރުކޮށް އެތައް ބިލިއަން ޑޮލަރެއްގެ ގެއްލުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބިފައި ވަނިކޮށެވެ.

މިއިން ހާމަ ވެގެން ދަނީ މުއިއްޒުގެ ސަރުކާރަކީ، ރާއްޖެ އާއި ގާތް ގުޅުމެއް ބާއްވަމުންދާ ޤައުމުތަކާއި މެދު، އިޚްތިރާމް ކުޑަ ކުރުމުގެ ސިޔާސަތެއް ގެންގުޅޭ ސަރުކާރެއްކަމެވެ. މިފަދައިން ބޭރު ޤައުމުތަކާއި މެދު މުއިއްޒުގެ މިނިސްޓަރުން އިޚްތިރާމް ކުޑަކޮށް އެއްޗެހި ކިޔަމުންދަނީ ސަރުކާރުގެ އެންމެ މަތީ ލެވެލްގައި، ކުރިއަރުވަމުން އަންނަ ކަނައަތު ފިޔާގެ (Far right wing) ސިޔާސީ ހަރަކާތުގެ ތެރެއިން އަވަށްޓެރި އަދި ރަހުމަތްތެރި ޤައުމުތަކަކީ ދުޝްމަނުން ކަމަށް ދެއްކުމަށް ކުރަމުންދާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންނެވެ. މިކަމުގެ ސަބަބުން ހައްދުފަހަނަ އެޅި ސިޔާސީ ފިކުރުތަކުގެ މީހުން މުއިއްޒު ދަނީ އޭނާގެ އެންމެ ގާތް މީހުންގެ ގޮތުގައި އުފަން ކުރަމުންނެވެ. މި ގޮތުން ޝައުނާއާއި މަލްޝާ އަކީ މުއިއްޒު އާއި އެހާ އަރިސް ދެ މިނިސްޓަރުންނެވެ.
ޑެޕިއުޓީ މިނިސްޓަރ އަޒުހަރު އަބްދުއް ސައީދަކީ ރާއްޖޭގެ މިހާރުގެ ފޮރިންގ މިނިސްޓަރ އާއި އެކު ކޮފީ އަށް އާންމުކޮށް އަރާ ވަޑައިގަންނަވާ އެމަނިކުފާނާއި އާދަޔާޚިލާފަށް އަރިސް ޑެޕިއުޓީ މިނިސްޓަރެކެވެ. ހައުސިންގ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ އިތުރުން އަޒްހާރަށް ރައީސް މުއިއްޒު ވަނީ ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނީގެ ބޯޑުގެ މެމްބަރުކަން ވެސް ދެއްވާފައެވެ. މި ގޮތަށް ދެ މަޤާމެއް ދެއްވަނީ މުއިއްޒު އާއި ގާތް ވަރަށް އަރިސް ފަރާތްތަކަށް އެކަންޏެވެ.
މި ސަރުކާރުގެ ގިނަ މިނިސްޓަރުންނާއި، ޑެޕިއުޓީ މިނިސްޓަރުންނަކީ މުއިއްޒުގެ ހައްދުފަހަނަ އެޅި ޤައުމިއްޔަތުގެ ކަނައަތުފިޔާގެ ސިޔާސީ ހަރަކާތުގައި މުއިއްޒު އާއި އެކީ ތިބި ބަޔެކެވެ. އެމީހުންގެ ފިކުރުގައި، އެމެރިކާއާއި، އިނގިރޭސި ވިލާތާއި، ޔޫރަޕުގެ ޤައުމުތަކަކީ ނައްތާލަން ޖެހޭ ޤައުމުތަކެކެވެ. އަދި އެމީހުންނާއި މެދު ދެކެނީ އިޚްތިރާމް ކުޑަ ރޭސިސްޓް ނަޒަރަކުންނެވެ. މި ޤައުމުތަކުގައި އެތައް ހާސް މުސްލިމުންނެއް އުޅޭ ކަމާއި، އަދި ދިވެހިން އުޅޭ ކަމާއި، އެމީހުންނަށް މި ޤައުމުތަކުން ޙައްޤުތައް ކަށަވަރު ކޮށްދީ، އެމީހުންނަށް އެޤައުމުތަކުގެ ސަރުކާރުން ތައުލީމް އުނގެނުމުން ފެށިގެން ހިޖުރު ކޮށްގެން އުޅުމާއި ހަމައަށް އެހީވެދީ އުޅޭ ކަމެއް މި މިނިސްޓަރުންނެއް ނުދަނެއެވެ.
ފާޑު ކިޔުން އަމާޒުވުމުން، ފޮރިންގ މިނިސްޓަރ ޒަމީރުގެ އިރުޝާދުގެ ދަށުން އަޒުހަރު ވަނީ މިހާރު އެ ޓްވީޓް ޑިލީޓް ކޮށްފައެވެ.