ޚަބަރު

މަޖިލިހުގެ ތަޅުމުގައި ބަންގީގެ އަޑު އިއްވާން ފެށުމަށްފަހު, އެކަން ހެދީ ނެތްވަރުގެ ޕީއާރު ސްޓަންޓަކަށް! ދެއްކުންތެރިކަމާއި, ސިޔާސީ މަންފާއަށް ދީން ބޭނުން ކުރުމަކީ ނުބައިވެގެންވާ ހަޑި ހުތުރު އަމަލެއް!

ދިޔަވަރު
މަޖިލިހުގެ ތަޅުމުގައި ބަންގީގެ އަޑު އިއްވާން ފެށުމަށްފަހު, އެކަން ހެދީ ނެތްވަރުގެ ޕީއާރު ސްޓަންޓަކަށް! ދެއްކުންތެރިކަމާއި, ސިޔާސީ މަންފާއަށް ދީން ބޭނުން ކުރުމަކީ ނުބައިވެގެންވާ ހަޑި ހުތުރު އަމަލެއް!

ރައްޔިތުންގެ މަޖިލިހުގައި މިއަދު ބަންގީގެ އަޑު އިއްވާން ފެށުމަށްފަހު ޕީއެންސީގެ މަޖިލިސް މެމްބަރުންނާއި, ސަރުކާރުގެ އިސްވެރިން އެކަން ޕީއާރު ސްޓަންޓަކަށް ހައްދަވާ ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި އިސްތިހާރު ކުރައްވަން ފައްޓަވައިފިއެވެ.

އެގޮތުން މަޖިލިސް ފްލޯގައި ޕީއޭންސީގެ މެމްބަރަކު މިއަދު ވާހަކަ ދައްކަމުން ދަނިކޮށް, ކުއްލިއަކަށް ފްލޯގައިވަނީ މެންދުރު ނަމާދުގެ ބަންގީގެ އަޑު އިއްވާން ފަށާފައެވެ. އެނގިފައިވާ ގޮތުގައި, މިއަދުގެ މަޖިލިސް ބަހުސް ރާވާފަ އޮތީވެސް, ބަންގީގެ ވަގުތާއި ދިމާވާ ގޮތަށެވެ.

މީގެ ކުރިން މެދުރު ނަމާދު ވަގުތަށް މަޖިލިސް ފްލޯ މެދު ކަނޑާލާނަމަވެސް, މިއަދުގެ ޖަލްސާ ވަނީ މެދު ކަނޑާނުލާ ބަންގީގެ ވަގުތާއި ދިމާވާގޮތަށް ކުރިޔަށް ގެންގޮސްފައެވެ. އެއީ, ބަންގީގެ އަޑު ގެނެސްދޭން ފަށާކަން އާންމުކޮށް ފެންނާނޭހެން މަޖިލިސް ފްލޯ ލައިވް ކުރުމުގެ ބޭނުމުގައެވެ.

މަޖިލިސް ފްލޯގައި އެއްވެސް އިރަކު ބަންގީގެ ވަގުތުގައި ފްލޯގެ ބަހުސް ކުރިޔަކަށް ނުދާނެއެވެ. އެއީ މެދުރުގެ ބްރޭކަށް މަޖިލިސް 12:00 ހާއިރު މެދު ކަނޑާލައެވެ. ދެން މަޖިލިހުގައި އޮންނާނީ 1:30ގައި ވޯޓަށް އެހުމެވެ. އާންމުކޮށް 1:30ގެ ވޯޓަށްފަހު މަޖިލިސް ޖަލްސާ އެދުވަހަކަށް މިނިގެން ދާނެއެވެ. ވޯޓެއް ނެތްނަމަ, އެދުވަހުގެ ޖަލްސާއެއް ކުރިޔަކަށް ނުދާނެއެވެ. އަމުދުން އަސުރު ވަގުތާއިހަމައަށް މަޖިލިސް ފްލޯއެއް ކުރިޔަކަށް ނުދާނެއެވެ.

ބަޖެޓް ބަހުސްފަދަ ބަހުސްތައް ކުރިޔަށް ދާއިރު, މުޅި ދުވާލު މަޖިލިސް ކުރިޔަށް ދިޔަނަމަވެސް, މެންދުރު 12 ޖަހާކަންހާއިރު, މެދުރުގެ ފަރިއްކޮޅަށް މަޖިލިސް މެދު ކަނޑާލައެވެ. ނަމާދު ވަގުތު ދިމާވާނީ އެވަގުތާއެވެ. ރޭގަޑު ޖަލްސާއެއް ބާއްވާނަމަ ފަށާނީ 8:00 ގެ ފަހުންނެވެ.

އެހެންކަމުން ނަމާދުގެ ވަގުތަކީ އެއްވެސް އިރަކު, މަޖިލިހުގެ ޖަލްސާތައް ކުރިޔަށްދާ ވަގުތުތަކެއް ނޫނެނެވެ.

އެހެންނަމަވެސް, މިއަދު މަޖިލިހުގެ ތަޅުމުގައި ބަންގީގެ އަޑު އިވޭނެހެން މަޖިލިހުގެ ޖަލްސާތައް ކުރިޔަށް ގެންދިޔައީ, ބަންގީގެ އަޑު މަޖިލިސް ފްލޯއިން އިއްވަން ފެށުން ބޮޑު ޕީއާރު ސްޓަންޓަކަށް ހެދުމުގެ ބޭނުމުގައެވެ. އަދި މިއަދުގެ އެ ވީޑިއޯކޮޅު ބޭނުންކޮށްގެން, ސަރުކާރުން ދަނީ މިއަދުގެ މަޖިލިސް ފްލޯގެ އެ ވަގުތުކޮޅަކީ ދެއްކުންތެރިކަމުގެ ބޮޑު އިވެންޓަކަށް ހަދާ, ދީން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށް އިސްތިހާރު ކުރަމުންނެވެ.

މާތްވެގެންވާ އިސްލާމް ދީނުގައި ދެއްކުންތެރިކަމަކީ ނުބައިވެގެންވާ, ނުރައްކާތެރި އަމަލެކެވެ. އަދި އަމުދުން ދެއްކުންތެރިކަމަށް ދީން ބޭނުންކޮށް, ދީނަކީ ސިޔާސީ ހަތިޔާރަކަށް ހެދުމަކީ އެހާމެ ނުބައިކަން ބޮޑު އަމަލެއްކަންވެސް ފާހާގަކޮށްލެވެއެވެ.

އެހެންނަމަވެސް ޚުދު ރައީސް މުއިއްޒުއަކީވެސް, ސަޖިދާގައި އޮންނަވާ މަންޒަރު އެކްޓިވިސްޓުން ލައްވާ ވީޑިއޯ ކުރުވާ, އަމިއްލަފުޅަށް ކުރައްވާ ނަމާދުތައްވެސް ޕީއާރު ސްޓަންޓަކަށް ހައްދަވާ ބޭފުޅެކެވެ. އެގޮތުން މުއިއްޒު ވަނީ ފާއިތުވި ރޯދަމަހުގެ ތަރާވީސް ނަމާދު އިސްލާމީ މަރުކަޒުގައި ކުރެއްވިއިރު, އެމަނިކުފާނު ނަމާދު ކުރައްވާ މަންޒަރު ވަކިން ލައިވް ކުރުވާފައެވެ.