ގިނަބަޔަކު އިންތިޒާރުކުރަމުން އައި މިރޭ ބާއްވަން އޮތް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ "ގަރުދިޔަ ޖަގަހަައިގެ ހަރުގެ ޖަލްސާ" އަންނަ ހަފްތާގައި ބާއްވަން ނިންމައިފިއެވެ.
"ގަރުދިޔަ ޖަގަހައިގެ ޖަލްސާ" ބާއްވަން ތާވަލުކޮށްފައި އޮތީ މިރޭ 8:30 ގައި، ޕީއެންސީގެ މައި ޖަގަހަ، ހ. ވެޔޮވިލާ (އާޓިފިޝަލް ބީޗު ކުރިމަތީ) ގައެވެ.
ޖަލްސާގައި އެ ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާގޮތަށް އޮތީ ހަމަޖެހިފައެވެ.
މި ޖަލްސާއަށް އެ ޕާޓީން ވަނީ، އެ ޕާޓީގެ ހުރިހާ މެމްބަރުންނަށް ދައުވަތު އަރުވާފައެވެ.
"ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި ޕީއެންސީގެ އޮފިޝަލު ވިދާޅުވީ, ޖަގަހަ ޖަލްސާތަކަށް މިހާރު އަރުވަމުންދަނީ, ޔާމީނާއި ގުޅުން އޮންނަކަމަށް ޕީއެންސީގެ ލީޑަރޝިޕަށް ޝައްކު ކުރެވޭ މީހުން ކަމުގައެވެ. އޭގެ ބޭނުމަކީ, އެމީހުން ލައްވާ ރައީސް ޔާމިންއަށް އެއްޗެހި ގޮއްވުންކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
އަދި ޕޯޑިއަމްގައި ވާހަކަ ދައްކާ މީހުން ޔާމިނަށް "ވަގަށް" ނުގޮވައިފިނަމަ އެމީހުން ކުށްވެރި ވެދާނެތީ އެކަމުގެ ބިރަށް ޕީއެންސީގެ އިސް ބައެއް ބޭފުޅުން ގަރުދިޔަ ޖަގަހައިގެ ޖަލްސާތަކަށް އެރުމަށް ދެކޮޅު ހަދަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ޖަގަހަ ޖަލްސާ އޮންނަ ރެއަކު ގިނަ ބަޔަލު "ބަލިވުން" ނުވަތަ ރަށުން ބޭރަށް ދިއުން ގިނަވާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
"ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި ޕީއެންސީގެ އޮފިޝަލު ވިދާޅުވީ ޕީއެންސީގެ އިސް ގިނަ ބޭފުޅުން ރައީސް ޔާމިންއާއި ގުޅުން ބާއްވަމުން ގެންދަވާ ކަމަށް މުއިއްޒު ގެންދަވަނީ ޝައްކު ކުރައްވަމުން ނެވެ. އެގޮތުން އެ ޝައްކުތައް ފިލުވުމަށް މިހާރު ބޭނުން ކުރަމުންދާ ހަތިޔާރަކަށް ގަރުދިޔަ ޖަގަހައިގެ ޖަލްސާތައް ހަދަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.