ޗައިނާގެ ދަރުތުގެ ޚަރަދަށް 4 މިނިސްޓަރުންނަށް 2.1 މިލިއަން ރުފިޔާ ދާނެ ކަމަށް ލަފާ ކުރެވެއެވެ. ނަމަވެސް މި ދަތުރުން އެއްވެސް ކަމެއް ހާސިލް ނުވިއެވެ. އާ ޕްރޮޖެކްޓެއްގައި ސޮއެ ވެސް ކޮށް ނުލެވުނެވެ. ކުޑަ މިނުން 3 ވަޒީރުންނަށް ޗައިނާގެ ރައީސް އާއި ބައްދަލު ކޮށްލުމުގެ ފުރުޞަތެއް ވެސް ނުލިބުނެވެ.
މާލެއާއި ވިލިމާލޭގެ ހުރިހާ މަގުތަކެއް ތަރައްގީކުރަން ސަރުކާރުން ހިންގަން ނިންމާފައިވާ މަޝްރޫއުގެ ފީސިބިލިޓީ ސްޓަޑީއަށް ބޭނުންވާ ފައިސާ ހޯދަން ޗައިނާ އެއިޑާއެކު ލެޓާސް އޮފް އެކްސްޗޭންޖް (އެލްއޯއީ) ގައި ސޮއެ ކުރުން ފިޔަވާ އިތުރު ކަމެއް ނުވިއެވެ. މިއީ މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުގައި އެގައުމުން ރާއްޖެއަށް ކޮށްދޭން ނިންމާފައިވާ ކަމެކެވެ. ނަމަވެސް މިއީ 2.1 މިލިއަން ރުފިޔާ ޚަރަދުކޮށް، 3 މިނިސްޓަރުން ގެންގޮސް ޗައިނާގެ އެކި ވެރިން ކުރިމަތީ ކުރުނީސް ކުރުވައިގެން ކުރަން ޖެހޭ ވަރު ކަމެއް ނޫނެވެ.
ފީސިބިލިޓީ އަށް ބޭނުންވާ ފައިސާ ކޮޅު ހޯދަން، 3 މިނިސްޓަރުން ޗައިނާއަށް ގެންގޮސް، ޗައިނާގެ އެކި ފަރާތްތަކަށް ކުރުނީސް ކުރުވައި އާދޭސް ކޮށްގެން، ދިވެހިންނަކީ އަޅުވެތި ބައެއް ކަމަށް ދައްކައިގެން ނޫނީ، މިހާ ކުޑަ އެއްބަސް ވުމެއްގައި ސޮއެކޮށްވެސް ނުލެވެނީތޯއެވެ؟
މި ފީސިބިލިޓީ ޕްރޮޖެކްޓްވެސް ދިވެހި ކުންފުންޏަކަށް ދިނުމުގެ ބަދަލުގައި، މަގުހަދާ ޕްރޮޖެކްޓްގެ ފީސިބިލިޓީ ހެދުން ވެސް ދިނުމަށް މަޝްވަރާ ކޮށްފައިވަނީ ޗައިނާގެ ކުންފުންޏަކަށެވެ. ޗައިނާއަށް ފައިދާ ނުވާ ގޮތަކަށް އެއްވެސް ކަމެއް އެ ޤައުމުން ރާއްޖެއަށް ނުކޮށްދެއެވެ.
މި އެލްއޯއީ އާއެކު، ފީސިބިލިޓީ މަސައްކަތް ފެށުމުގެ ކުރިން އެއްބަސްވުމެއްގައި ސޮއިކުރާނެ ތާރީހެއް އަދި އަމަލީ މަސައްކަތް ފެށޭނެ ތާރީހެއް ވެސް ސަރުކާރުން ހާމަނުކުރެ އެވެ.
ޗައިނާ އަކީ ރާއްޖޭގެ ތަރައްޤީގެ ބައިވެރިއެއް ކަމަށް ދެއްކުމަށް، މި މަސައްކަތް ޗައިނާއިން ކޮށްދޭނެ ކަމަށް ބެލެވެއެވެ. މާލޭގެ މަގުތަކުން ގާ ނައްޓައި، ގާ އަޅައި، މަގު ބަންދުކޮށްގެން މި މަސައްކަތް ކުރާއިރު، މިއީ އާންމުންނަށް ވަރަށް ބޮޑު ޕްރޮޖެކްޓެއް ކަމަށް ސިފަވެ، ޗައިނާ ރާއްޖެއަށް ވަރަށް އެހީތެރި ވާކަމުގެ މަކަރުވެރި، ތަސްވީރު ދެއްކުމަކީ މި ޕްރޮޖެކްޓުގެ މައިގަނޑު މަގުޞަދެވެ. ނަމަވެސް، ޗައިނާއިން އެމީހުން ރާއްޖެއަށް ދިން ލޯނުތައް މާފެއް ނުކުރާނެއެވެ. އަދި ލޯނު ދެއްކުމުގައި ހެޔޮ ގޮތެއްވެސް ހަދައި ނުދޭނެއެވެ.