ޚަބަރު

ސިޔާސަތު އެކުލަވާލަން ހުރަސް އެޅޭކަމަށް ބުނެ، އެޑިޔުކޭޝަނުން ސިޔާސީ މުއައްޒަފުންގެ އަދަދު ނުދީ ސިއްރު ކުރީ ޤާނޫނާއި ޚިލާފަށް!

ދިޔަވަރު
ސިޔާސަތު އެކުލަވާލަން ހުރަސް އެޅޭކަމަށް ބުނެ، އެޑިޔުކޭޝަނުން ސިޔާސީ މުއައްޒަފުންގެ އަދަދު ނުދީ ސިއްރު ކުރީ ޤާނޫނާއި ޚިލާފަށް!

ސިޔާސަތު އެކުލަވާލަން ހުރަސް އެޅޭކަމަށް ބުނެ، އެޑިޔުކޭޝަން މިނިސްޓްރީއިން ސިޔާސީ މުއައްޒަފުންގެ އަދަދު ނުދީ މިއަދު ސިއްރު ކުރީ ޤާނޫނާއި ޚިލާފަށެވެ. އެއީ ޤާނޫނީ އިމުގެ ތެރެއިން ކުރެވޭނެ ކަމެއް ނޫނެވެ. ދިޔަވަރު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މި މައުލޫމާތު ނުދީ ހިފަހައްޓާފައިވަނީ، ރައީސް މުއިއްޒުގެ ލަފާ ފުޅާއި އެކީއެވެ. އެޑިޔުކޭޝަން މިނިސްޓަރ އަކީ މި ސަރުކާރުގައި މުއިއްޒު އާއި އެންމެ ގާތް ގުޅުމެއް އޮންނަ އެއް މިނިސްޓަރެވެ.

ނަމަވެސް ވެރިކަމަށް އައިސް، ސަރުކާރުން ރައްޔިތުންނަށް އެއްވެސް މައުލޫމާތެއް ނުދީ ނުތިބޭނެ ކަމަށާއި، އާރުޓީއައި ލާން ނުޖެހޭނެ ކަމަށް މުއިއްޒު ހާމަކޮށްފައި ވެއެވެ.

ޤާނޫނާއި ޚިލާފުވެ، ރައްޔިތުންނަށް މައުލޫމާތު ލިބުމަށް އޮތް ހައްޤުތަކަށް އެޑިޔުކޭޝަން މިނިސްޓަރަކަށް ހުރި ޑރ. އިސްމާއިލް ޝަފީއު އަރައިގަނެފައިވާއިރު، މީނާ ވަނީ ދައުލަތުގެ ޚަރަދުގައި އަމީރުލް ހައްޖުގެ ގޮތުގައި މައްކާ އަށް ގޮސް ހައްޖުގެ މަތިވެރި އަޅުކަން ކޮށްފައެވެ. އާންމުކޮށް ހައްޖުގެ މަތިވެރި އަޅުކަން ކޮށް އެނބުރި އައިސް، އެހެން މީހުންގެ ހައްޤުތަކަށް އަރައިގަތުން ފަދަ ބޮޑެތި ކުށް ފާފަތަކަށް އެރުމުން މީހުން ބަރީޢަވެގަނެއެވެ. ނަމަވެސް މީނާއަށް ވަނީ މިއަދު މުއިއްޒު މާ މުހިންމު ވެފައެވެ.

މައޫލޫމާތު ހޯދުމަށް އެދި ދައުލަތުގެ އިދާރާއަކަށް ހުށަހަޅައިފިނަމަ އެ މަޢުލޫމާތެއް ނުދީ ހިފެހެއްޓޭނެ ސަބަބުތައް މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގައި ކަނޑައަޅައިފައިވެއެވެ.

އެގޮތުން އެގާނޫނުގައި ކަނޑައަޅާފައިވާ ކަންކަމަކީ:
1. ސިއްރު ހިފެހެއްޓުން ޝަރުޠުކޮށް ލިބިފައިވާ މަޢުލޫމާތު.
2. ޒާތީ މަޢުލޫމާތު
3. ވިޔަފާރީގެ މަޢުލޫމާތު
4 .ޤައުމީ ސަލާމަތަށް ނުރައްކާވެދާނެފަދަ މަޢުލޫމާތު.
5. ޤާނޫނީ ގޮތުން ހިންގާ ތަޙްޤީޤެއްގެ ނުވަތަ ހިނގަމުންދާ ޝަރީޢަތެއްގެ މަޢުލޫމާތު.

ޤާނޫނުގައި ވަކި ގޮތަކަށް މިކަން އޮއްވައި، ސިޔާސަތު އެކުލަވާލަން ހުރަސް އެޅޭކަމަށް ބުނެ، އެޑިޔުކޭޝަން މިނިސްޓްރީ އިން ޤާނޫނީ ސަބަބެއް ނުދައްކައި، މައުލޫމާތު ދިނުމަށް ޤާނޫނުގައި އަންގާފައި ވަނިކޮށް، އެކަމަށް އުޒުރުވެރި ވުމަކީ ޤާނޫނީ ކުށެކެވެ.

ޤާނޫނުގައި ނެތް ހާލަތެއް ގަސްތުގައި އަމިއްލައަށް އުފަންކޮށްގެން، މި ޒާތުގެ ބަހާނާ ދެއްކުމަކީ ޤާނޫނު ހިންގުމަށް ހުރަސްއެޅުމާއި ޤާނޫނުގެ ބާރު ކަނޑުވައިލުމެވެ.

މިހެން ކަންތައް ހިނގާނަމަ، ރާއްޖޭގައި މިހާރު ހިނގަމުންދާ ވެރިކަމަކީ ޤާނޫނީ ހަމަތަކުގެ ތެރެއިން ހިނގަމުންދާ ވެރިކަމެއް ގޮތުގައި ފުލުހުންނާއި، ސިފައިންނާއި، އާންމު ރައްޔިތުންނަށް ގަބޫލު ކުރުމަކީ ދަތިކަމަކަށް ވާނެއެވެ.