ޚަބަރު

ޑރ. ނަޒީރުއަށް "ކަޓު" ލިބޭގޮތަށް ޖަވާހިރުވާދީ އިލްޔާސް ހުސެއިންގެ އިމާރާތަކަށް, ލޭބަރ ރިލޭޝަން އޮތޯރިޓީ ހިންގާ އިމާރާތް ބަދަލު ކުރުމަށް ޑިމާންޑް ކުރަނީ!

ދިޔަވަރު
ޑރ. ނަޒީރުއަށް "ކަޓު" ލިބޭގޮތަށް ޖަވާހިރުވާދީ އިލްޔާސް ހުސެއިންގެ އިމާރާތަކަށް, ލޭބަރ ރިލޭޝަން އޮތޯރިޓީ ހިންގާ އިމާރާތް ބަދަލު ކުރުމަށް ޑިމާންޑް ކުރަނީ!

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ އޯވަރސައިޓް މުވައްސަސާއެއްގެ ގޮތުގައި ހަމަޖައްސާފައިވާ ލޭބަ ރިލޭޝަންސް އޮތޯރިޓީގެ އޮފީސް އިމާރާތް މިހާރު ހިނގަމުންދާ އިމާރާތުން އެހެން އިމާރާތަކަށް ބަދަލުކުރުމަށް, ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބުދުالله ނަޒީރު، އެ އޮތޯރީޓީގެ ބައެއް މުވައްޒަފުންނަށް އެކި ގޮތްތޮތުން މަޖުބޫރުކޮށް ބިރުދައްކާ އަދި ރައީސް އޮފީހަށް ޕްރެޝަރ ކުރަމުންދާކަމަށް މިނޫހަށް މައުލޫމާތު ލިބިއްޖެއެވެ.

މިނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, ލޭބަ ރިލޭޝަންސް އޮތޯރިޓީ މިހާރު ހިނގަމުންދާ މއ. ކަނޑުބަލާ ގެއިން އެހެން އިމާރާތަކަށް ބަދަލުކުރުމަށް ރައީސް އޮފީހުގައި ދަންނަވައިގެން, އެ އޮފީސް ބަދަލުކުރުމަށް ޑރ. ނަޒީރު މަސައްކަތް ކުރަމުންދަނީ ޖަވާހިރުވާދީ އިލްޔާސް ހުސެއިންގެ އިމާރާތެއް ކަމުގައިވާ, އެވިޑް ކޮލެޖް ކުރިން ހިންގި ގ. ޖަވާހިރު އައްސޭރިއަށެވެ.

އެހެންނަމަބެވެސް އެއްވެސް މަގުބޫލު ސަބަބެއްނެތި, ޑރ. ނަޒީރު އޭނާގެ އަމިއްލަ މަންފާއަށް ލޭބަ ރިލޭޝަންސް އޮތޯރިޓީ ޖަވާހިރުވާދީ އިލްޔާސް ހުސެއިންގެ އިމާރާތަކަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާތީ, ވަކިފަރާތަކަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް ކުރާންއުޅޭ މި މުއާމަލާތް ހުއްޓުވުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މުވައްޒަފުން ރައީސް މުއިއްޒުއަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ޕެޓިޝަނެއްގެ ކޮޕީވަނީ މި ނޫހަށް ވަނީ ލިބިފައެވެ

އެގޮތުން އެ ޕެޓިޝަންގައި މުވައްޒަފުން ފާހަގަކޮށްފައިވާ ގޮތުގައި, އެ އޮތޯރިޓީ މިހާރު ހިންގަމުންދާ އިމާރާތަކީ ދައުލަތުގެ މާލިއްޔަތުން 3.7 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ހަދާފައިވާ އިމާރާތަކަށްވުމުގެ އިތުރުން, އެއޮތޯރިޓީއަށް ބޭނުންވާ ހުރިހާ ޚިދުމަތަކާއެކު ހަދާފައިވާ އެ އިމާރާތަށް 8 އަހަރުވެގެންދިޔަ އިރުވެސް, މިހާތަނަށް އިމާރާތުގެ އެއްވެސް މައްސަލައެއް ކުރިމަތިވެފައި ނުވާކަމަށް ފާހަގަ ކޮށްފައި ވެއެވެ.

އަދި, މި ޕެޓިޝަންގައި މުވައްޒަފުން ފާހަގަ ކޮށްފައިވަނީ, ލޭބަ ރިލޭޝަންސް އޮތޯރިޓީ މއ. ކަނޑުބަލާގޭގައި ގާއިމްވެފައިވާތީ, ގިނަ މުވައްޒަފުންގެ ދިރިއުޅުމުގެ ކަންކަން ތަރުތީބު ކުރެވިފައިވަނީވެސް އެމަގަށް ބަލައިގެން ކަމުގައެވެ.

އެގޮތުން އެ އޮތޯރިޓީގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ދަރިންގެ ސްކޫލްކަންތައްވެސް ކަނޑައަޅާފައިވަނީ އެއިމާރާތް ހުރިތަނަށް ވަރަށް ބޮޑަށް ބަރޯސާވެގެންކަމަށްވެސް މުވައްޒަފުން ރައީސަށް ފޮނުވާފައިވާ ޕެޓިޝަންގައި ފާހަގަކޮށްފައި ވެއެވެ.

ހަމައެއާއެކު ލޭބަ ރިލޭޝަންސް އޮތޯރިޓީ މިހާރު ހިންގަމުންދާ އިމާރާތަކީ ގްރައުންޑް ފްލޯއިން އެކްސެސް ލިބޭ ތަނަކަށް ވެފައި, ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ބޭނުންވާ ކައުންޓަރުގެ ޚިދުމަތް, ބަޔާން ނެގުންފަދަ ޚިދުމަތްތަކާއި, ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަދެ ނިކުތުން ފަސޭހަވެ, އެފަދަ ޚިދުމަތްތައް މިހާރު އޮތޯރިޓީ ހިންގަމުންދާ އިމާރާތުގެ ގްރައުންޑް ފްލޯގައި ގާއިމްވެފައި ހުރުމަކީ އެ އޮތޯރިޓީ އެހެން އިމަރާތަކަށް ބަދަލު ކުރަން ނުޖެހޭ ސަބަބެއްގެ ގޮތުގައިވެސް މުވައްޒަފުން ފާހަގަ ކޮށްފައި ވެއެވެ.

މިހާރު އެ އޮތޯރިޓީ ހިންމުންދާ އިމާރަތް ހުންނަނީވެސް ފުރިހަމައަށް ސެކިއުރިޓީ ބެލެހެއްޓޭނެ އޭރިއާއެއްގައިކަން ފާހަގަކޮށް, އޮތޯރިޓީ ހިންގަމުންދާ މއ. ކަނޑުބަލާގެ ހިމެނޭ 500 ފޫޓޫގެ ރޭޑިއަސްގައި ގަލޮޅު ވިލީފުލުސް އޮފީހެއް ހުރުމަކީ އަބަދުވެސް ފުލުސް އޮފިސަރުން ހޭލަމޭލަވެ އުޅުމުގެ ސަބަބުން އިމާރާތުގެ ރައްކާތެރިކަމަށް އިތުރު ޚަރަދެއް ކުރަން ނުޖެހޭ ސަބަބެއްގެ ގޮތުގައިވެސް އެ އޮތޯރިޓީގެ މުވައްޒަފުން, ޑރ. ނަޒީރު ހިންގުމަށް މަސައްކަތް ކުރަމުންދާ ކޮރަޕްޝަނާއި ދެކޮޅަށް ރައީސް މުއިއްޒުއަށް ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ޕެޓިޝަންގައި ފާހަގަ ކޮށްފައި ވެއެވެ.

އެހެންނަމަވެސް އެއްވެސް މަގުބޫލު ސަބަބެއް ނެތި, އަދި މުވައްޒަފުންގެވެސް އިހުސާސްތަކާއި ދެކޮޅަށް, އަދި ވަކިން ޚާއްސަކޮށް މާލީގޮތުން ސަރުކާރަށް ގޮންޖެހުން ބޮޑު މި ދަނޑިވަޅުގައި،  އަމިއްލައަށް މާލީ މަންފާ ލިބޭގޮތަށް ޑރ. ނަޒީރު ގެންދަވަނީ, ލޭބަ ރިލޭޝަންސް އޮތޯރިޓީ ހިންގާ އިމާރާތް, ޖަވާހިރުވާދީ އިލްޔާސް ހުސެއިންގެ އިމާރާތަކަށް ބަދަލުކުރުމަށް އެކި އުޒުރުތަކާއި ހުއްޖަތްތައް ދައްކާ, ރައީސް އޮފީހުގައި ޑިމާންޑް ކުރަމުންނެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި,  ޖަވާހިރުވާދީ އިލްޔާސް ހުސެއިންގެ އިމާރާތަކަށް އެ އޮތޯރިޓީ ބަދަލުކުރުމަށް ޑރ. ނަޒީރު މަސައްކަތް ކުރަމުންދަނީ އޮތޯރިޓީގެ ރެންޓުގެ ގޮތުގައި ދައްކާ ފައިސާއިން ކޮންމެ މަހަކުވެސް އޭނާގެ ޖީބަށް ފައިސާ ވަންނަގޮތަށް އިލްޔާސް ހުސެއިންއާއެކު އެއްބަސް ވެގެންނެވެ.

އިލްޔާސް ހުސެއިންއާއި ޑރ. ނަޒީރުއަކީ ވަރަށް ގާތް ދެއެކުވެރިންނެވެ. އެގޮތުން އިލްޔާސް ހުސެއިންގެ އާއީލީ ވެރިކަން (ޑރ. ވަހީދުގެ ވެރިކަމުގައި) ޑރ. ނަޒީރުވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައެވެ.

އަދި ޑރ. ނަޒީރު މިވެރިކަމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަން ކޮށްފައިވާއިރު, އިލްޔާސް ހުސެއިންއަކީ މިސަރުކާރު ވައްޓާލަންޖެހޭކަމަށް ވިދާޅުވެ ސޯޝަލް މީޑިއާގައި އަޑުއުފުލަމުންދާ ފަރާތެއްކަން ފާހަގަ ކޮށްލެވެއެވެ.