ގައުމީ ބޭންކު, ބޭންކު އޮފް މޯލްޑިވްސްއަށް ޑޮލަރުގެ ތާށިކަން އިންތިހާއަށް ބޮޑުވެ, ބޭންކުގެ އޭޓީއެމްތަކުން އެމެރިކާ ޑޮލަރު ދޫކުރުން ހުއްޓާލައިފިއެވެ.
ބޭންކުގެ އޭޓީއެމްތަކުން އެމެރިކާ ޑޮލަރު ދޫކުރުން ހުށްޓާލާފައިވާއިރު, މާލޭގެ ބޮޑު ތަކުރުފާނު މަގުގައިހުރި ބޭންކުގެ ޑޮލަރު އޭޓީއެމްތައް މިހާރު ވަނީ ޑައުންވެފައެވެ. އެހެންނަމަވެސް ޑޮލަރު އޭޓީއެމްތައް ޑައުން ވެފައިވަނީ, ބޭންކުގެ އެމެރިކާ ޑޮލަރުގެ ރިޒާވް އިންތިހާއަށް ދަށްވެގެން ދިއުމާއެކު, "ކްރައިސިސް މެނޭޖް" ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން, ބޭންކުން ޑޮލަރު އޭޓީއެމްތައް ޑައުންކޮށްގެންކަމަށްވެސް އެނގިފައި ވެއެވެ.
ބޭންކުގެ ޔޫއެސްޑީ ރިޒާވް ދަށްވެ, ކްރައިސިސްއަކާއި ބޭންކަށް ކުރިމަތިލާން ޖެހިފައިވާއިރު, ރުފިޔާ ކޭޝްކާޑުތައް ބޭނުން ކޮށްގެން ޑޮލަރުގެ ޓްރާންސެކްޝަންތައް މިހާރު ހެދެމުންނެއް ނުދެއެވެ. އަދި އާންމު ރައްޔިތުން އެމީހުންގެ ޔޫއެސްޑީ އެކައުންޓުތަކުގައި ހުރި ޑޮލަރުތައް ވިތުޑްރޯ ނުކޮށްފިނަމަ, ޔޫއެސްޑީ ޑިޕޮޒިޓްރީގެ ގޮތުގައި އެކައުންޓުތަކުގައި ހުރި ޑޮލަރު ވިތްޑްރޯ ކުރުމުގެ ފުރުސަތު ރައްޔިތުންނަށް ގެއްލިގެންދާނެއެވެ.
އެނގިފައިވާ ގޮތުގައި, ބޭންކުގެ ޑޮލަރު ރިޒާވް އިންތިހާއަށް ދަށަށް ދިއުމާއި ގުޅިގެން, ބީއެމްއެލްއަށް ކުރިމަތިވެފައިވާ "ޔޫއެސްޑީ ކްރައިސިސް"އާއި ގުޅޭގޮތުން މާދަމާ ބޭންކުން ނޫސް ބަޔާނެއް ނެރޭނެއެވެ. މި ބަޔާނުގައި ޔޫއެސްޓީ ރިޒާވް އާދަޔާ ޚިލާފަށް ދަށްވުމާއި ގުޅިގެން އެމެރިކާ ޑޮލަރުން ކުރެވޭ ވިޔަފާރިއާއި އަދި ޑޮލަރުގެ ޓްރާންސެކްޝަންތައް ލިމިޓް ކުރުމަށް ބޭންކުން އަޅާނެ ފިޔަވަޅުތައް ހާމަކުރާނެެއެވެ.
އެނގިފައިވާ ގޮތުގައި އެހެން ބޭންކުތަކަށް އެމެރިކާ ޑޮލަރުން ކުރާ ޓްރާންސެކްޝަންތައްވެސް ބޭންކުން ވަރަށް ބޮޑުތަނުން ލިމިޓް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގެ ގައުމީ ބޭންކު, ބޭންކު އޮފް މޯލްޑިވްސްގެ ޑޮލަރު ރިޒާވް ގާތްގަޑަކަށް ހުސްވެގެން ދިއުމާއެކު, ބައިނަލް އަގުވާމީ ހުރިހާ ޓްރާންސެކްޝަންތަކަށްވެސް އޭގެ އަސަރު ފޯރާނެއެވެ. އަދި ޑޮލަރުގެ ޑިމާންޓް އިންތިހާއަށް މަތިވެ, ރުފިޔާގެ އަގު ބޮޑުތަނުން ވެއްޓިގެންދާނެއެވެ. އޭގެ މާނައަކީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލިގެން ދާނެއެވެ.
ބޭންކަށް ކުރިމަތިވާ މި "ކާރިސާ"ގެ އެންމެ ބޮޑު ނުރައްކަލަކަށް ވެގެންދާނީ ވިޔަފާރިތަކާއި ކަސްޓަމަރުގެ އިތުބާރު ބޭންކަށް ގެއްލި, ޑިޕޮޒިޓަރީގައި ހުރި ފައިސާ, އެކައުންޓު ހޯލްޑަރުން ގަނޑުކޮށް ވިތްޑްރޯ ކުރަން ފަށައިފި ހާލަތެއްގައެވެ. އެއީ ދުނިޔޭގެ ބޮޑެތި ބޭންކުތައްވެސް ބަގުރޫޓުވާން މެދުވެރިވެފައިވާ ހާލަތެކެވެ.
ހަމަ އެއާއެކު, "ކާރިސާ" މެނޭޖްކުރުމަށް ބީއެމްއެލްއިން އެހެން ބޭންކުތަކުން ޑޮލަރު ބޮރޯކުރަން ބޭނުން ވެއްޖެ ހާލަތެއްގައި "ބޮރޯވިން ކޯސްޓް" (ޑޮލަރު ގަތުމަށް ކުރާންޖެހޭ ހޭދަ) އިންތިހާއަށް މަތިވެ, ބޭންކުން ދޫކުރާ ލޯންތަކުގެ އަގު މަތިވެ, އަދި ބޭންކުން ދޭ ޚިދުމަތްތަކުގެ އަގުވެސް އިންތިހާއަށް އުފުލިގެން ދާނެއެވެ.
މި ހާލަތުގައި, ބޭރުގެ ދަރަނި ބޮޑު, އަދި އަސާސީ ހުރިހާ ތަކެއްޗެއްވެސް އިމްޕޯޓު ކުރާ ރާއްޖެ ފަދަ, ގައުމަކަށް މިއީ ކުރިމަތިވާނެ އެންމެ އުނދަގޫ އިގްތިސާދީ ހާލަތެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އިންފްލޭޝަން (ތަކެތީގެ އަގު) އިންތިހާއަށް އުފުލިގެން ދާނެއެވެ. އަދި އިގްތިސާދީ ދުވެލި މަޑުޖެހި, ރާއްޖޭގެ އިގްތިސާދީ ހާލަތު އިތުރަށް ނާޒުކު ހާލަތަކަށް ވެއްޓިގެންދާނެއެވެ.
މިއީ ރާއްޖެ ބަނގުރޫޓުވެފައިވާ ކަމުގެ ފުރިހަމަ ހެއްކެއްކަމުގައި އިގްތިސާދީ މާހިރުން ގެންދަވަނީ ވިދާޅުވަމުންނެވެ.