ހުޅުމާލޭގައި ހުރި ކޯވިޑް ފެސިލިލީޓީ ކުރިމިނަލް ކޯޓުގެ އިމާރާތަށް ބަދަލު ކުރުމަށް, އެއިމާރާތަށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރުމަށް ހަމަޖައްސާފައިވާއިރު, ކުރިމިނަލް ކޯޓުގެ އިމާރާތް އެޅުމަށް އާތަކެއްޗަށް ބިލް ކުރުމަށްފަހު, އެއިމާރާތް އަޅަމުންދަނީ އެޗްޑީސީގައި ހުރި ބާ ތަކެތި ބޭނުންކޮށްގެންކަމަށް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިއްޖެއެވެ.
ސަރުކާރުން ވަނީ ހުޅުމާލޭގެ ކުރީގެ ކޯވިޑް ފެސިލިޓީއަށް ބޮޑު ބަދަލެއް ގެނެސް, އެއީ ކުރިމިނަލް ކޯޓުގެ އިމާރާތުގެ ގޮތުގައި ހަމަޖެއްސުމަށް ނިންމާފައެވެ.

އެޗްޑީސީގެ އިސް އޮފިޝަލަކު "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދީފައިވާ ގޮތުގައި 40 މިލިއަން ރުފިޔާގެ މި ޕްރޮޖެކްޓަށް އާ ސާމާނު ގަތުމަށް ނިންމުމަށްފަހު, އެޗްޑީސީން ދަނީ އެކުންފުނީގައި ހުރި ސާމާނު ޕްރޮކްޓަށް ބޭނުން ކުރަމުންނެވެ. އެހެންނަމަވެސް ބޮޑު އަގުގައި އެތަކެތި އެޗްޑީއަށް ވިއްކިކަމަށް ހަދާ, މި ޕްރޮޖެކްޓަށް ކުރާ ހޭދައިގެން ބޮޑުބައެއް, ޕްރޮޖެކްޓް ހިންގުމަށް ފަޒުލް އިސްކޮށްފައިވާ, އޭނާގެ އަރުސް މުވައްޒަފުން ޖީބަށް ލަމުންދާކަމަށްވެސް އެޗްޑީސީގެ އޮފިޝަލް މައުލޫމާތު ދީފައި ވެއެވެ.
ޕްރޮޖެކްޓަށް ކުރާ ހޭދައިގެ ބޮޑުބައެއް ދަނީ އެޗްޑީސީގެ އެމްޑީ ފަޒުލްއާއި އޭނާގެ އަރިސް މުވައްޒަފުންގެ ޖީބަށް ކަމަށެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި, ފަޒުލްއަށް މި "ޖަރީމާ" ހިންގައި ދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރަމުންދަނީ ކުންފުނީގެ ޗީފް ފައިނޭންސް އޮފިސަރ އަހުމަދު ޝާމްއާއި, ހުލުމާލޭގެ އޮޕަރޭޝްންތަކުގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ފަޒުލް އިސްކޮށްފައިވާ, ހެޑް އޮފް އޮޕަރޭޝަންސް ޑިރެކްޓަރ އައްމަޑޭ (އަހުމަދު އިޝާން) އާއި ޑެޕިއުޓީ ޑިރެކްޓަރ އިސޫ (އިސްމާއިލް އަބްދުއްރަހީމް)އާއި ޕީއައިއެމް ޔުނިޓްގެ މެނޭޖަރަކަށް ފަޒުލް އިސްކޮށްފައިވާ އައްޑޭއާއި, އެސިސްޓެންޓް މެނޭޖަރުގެ މަގާމަށް އައްޔަން ކޮށްފައިވާ ނިޔާޓޯ (އަބުދުއްالله ނިޔާޒު) އާއި, އެޗްޑީސީގެ ޑެޕިއުޓީ ޑައިރެކްޓަރަކަށް ހަމަޖާފައި ހުންނަ މިސްބާހުއާއި އޭގެ އިތުރުން އެޗްޑީސީގެ ޗީފް އޮޕަރޭޝަން އޮފިސަރަކަށް އައްޔަން ކޮށްފައިވާ ޕޮކަންޑީ (އަހުމަދު އިބުރާހިމް) އެވެ. މީގެ ތެރެއިން ނިޔާޓޯއާއި މިސްބާހުއަކީ ރައީސް ސާލިހުގެ ވެރިކަމުގައި ހުޅުމާލޭ ޖަގަހަ ހިންގުމުގައި އިސްކޮށް އުޅުނު ފަރާތެކެވެ. އެހެންނަމަވެސް އެޗްޑީސީން ވަޒީފާ ކަށަވަރުކުރުމަށް މި ދެމީހުން ފަހުންވަނީ ޕީއެންސީއަށް ސޮއި ކޮށްފައެވެ.

އަދި ކުންފުނީގެ ޗީފް ފައިނޭންސް އޮފިސަރ އަހުމަދު ޝާމްއަކީ ރައީސް ސާލިހުގެ ވެރިކަމުގައިވެސް އެކުންފުނީ ޗީފް ފައިނޭންސް އޮފިސަރުގެ މަގާމުގައި ހުރި ފަރާތެވެ.

މި ފަރާތްތަކަކީ, މިހާރު އެޗްޑީސީގެ އޮޕަރޭޝަންތަކުގައި, ފަޒުލް އެންމެ އިސް މީހުންގެ ގޮތުގައި އައްޔަން ކޮށްފައިވާ ފަރާތްތަކަށް ވާއިރު, މި މީހުންނަކީ އެއްވެސް ތައުލީމެއް ނެތް, ކުރިން "ހަކުރު ވިއްކަން" އުޅުނު ފަރާތްތަކެއްކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން އައްމަޑޭއަކީ މީގެކުރިން މަސުވާތަކެތީގެ ބުލެޓް ތަކެއް ދިރުވާލައިގެން ރާއްޖެއަށް އެތެރެވި މީހެކެވެ. ބަނޑުތެރެއަށް ދިރުވާލައިގެން އޭނާ އިންޑިއާއިން ރާއްޖެއަށް އެތެރެވިއިރު, ބުލެޓްތައް ބަނޑުތެރެއަށް ލީކުވެ އޭރު އޭނާގެ ހާލު ސީރިއަސްވެފައިވެސް ވެއެވެ.
އިސްމާއިލް އަބްދުއްރަހީމް (އިސޫ)އަކީ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އާއި ބްލޮގަރު ޔާމީނު ރަޝީދުގެ މަރުގެ ތުހުމަތުގައި ހައްޔަރު ކުރި މީހެކެވެ.
އެޗްޑީސީއަކީ ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން ކޮރަޕްޝަންގެ ޖަރީމާތައް އެންމެ ބޮޑަށް ހިންގަމުންދާ ކުންފުންޏެވެ. އަދި އެކުންފުނީގެ އެމްޑީ ފަޒުލް ރަޝީދުވަނީ މާގާމާ ހަވާލުވުމާއެކު އޭނާގެ އަނބިކަބަލުންނަށް ނުއަގުގައި 2,500 އަކަފޫޓުގެ ބޮޑު ބިމެއް ނުއަގުގައި ހަމަޖައްސާފައެވެ.