ފާއިތުވި މަޖިލިސް އިންތިޚާބުގައި އެންމެ %2 ވޯޓު ލިބި, އަދި އެންމެ ގޮނޑިއެއްވެސް ކާމިޔާބު ނުކުރެވުނު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޑިމޮކްރެޓްސް ޕާޓީން އަނެއްކާވެސް މުއިއްޒުއާއި ބައްދަލު ކޮށްފިއެވެ.
އިއްޔެ ބޭއްވި މި ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ފަރާތުން ބައިވެރިވީ ޕާޓީގެ ރައީސް ހަސަން ލަތީފު އަދި ނައިބު ރައީސް މުހައްމަދު ޝިފާޒު އެވެ. މިއީ ވެރިކަމަށް ވަޑައިގެންނެވި ފަހުން ޑިމޮކްރެޓްސް ޕާޓީގެ އިސްވެރިން މުއިއްޒުއާ ބައްދަލުކުރެއްވި ދެވަނަ ފަހަރެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބައްދަލުވުމުގައި ޑިމޮކްރެޓްސް ޕާޓީގެ އިސްވެރިން މުއިއްޒުގެ ކިބައިން އެދިފައިވަނީ އެޕާޓީގެ އިސް ވެރިންނަށް ވަޒީފާ ހަމަޖައްސާ ދިނުމަށެވެ. އެގޮތުން ވަޒީފާ ހަމަޖައްސާ ދިނުމަށް އެޕާޓީން އެދުނު ފަރާތްތަކުގެ ތެރޭގައި ޕާޓީގެ ރައީސް ހަސަން ލަތީފްއާއި, ނައިބު ރައީސް ޝިފާޒުއާއި އަދި ކުރީގެ މަޖިލިސް މެމްބަރު އީވާ އަބުދުالله ހިމެނެއެވެ.
އެހެންނަމަވެސް މި ފަރާތްތަކަށް ވަޒީފާ ހަމަޖައްސަ ދޭނެކަމުގެ ޔަގީންކަން މި ބައްދަލުވުމުގައި މުއިއްޒު ދެއްވިކަން ޔަގީން ކުރެވިފައެއް ނުވެއެވެ.
އޭގެ އިތުރަށްވެސް މި ބައްދަލުވުމުގައި ގާނޫނު އަސާސީ އިސްލާހު ކުރުމަށް ސަރުކާރު ގެންގުޅޭ ވިސްނުންތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.
ކުރީގެ ރައީސް ނަޝީދު އުފެއްދެވި ޑިމޮކްރެޓްސް ޕާޓީއަކީ ފާއިތުވި މަޖިލިސް އިންތިޚާބުގައި 40 ދާއިރާއަކަށް ވާދަކޮށް, އެންމެ ގޮނޑިއެއްވެސް ކާމިޔާބު ނުކުރެވުނު ޕާޓީއެކެވެ. އަދި އެޕާޓީގެ ކެނޑިޑޭޓުންނަށް މަޖިލިސް އިންތިޚާބުގައި މުޅި ރާއްޖެއިންވެސް ލިބިފައިވަނީ އެންމެ %2 ވޯޓެވެ. މި އިންތިޚާބުގައި އެޕާޓީއަށް ކެމްޕޭން ކޮށްދިނުމަށް މާލެ ވަޑައިގެންފައި ވެއެވެ.
އަދި އެޕާޓީއަކީ މިވަގުތު ރާއްޖޭގަ އޮތް އެންމެ ކުޑަ އެއްޕާޓީކަންވެސް ފާހަގަ ކޮށްލެވެއެވެ.