ޚަބަރު

އައްޑޫ ފެނަކަ މައްސަލަ ހައްލު ނުކުރެވޭ ނަމަ، ކުރީގެ އެމްޑީ ސައީދުގެ ލަފަ އާއި މަޝްވަރާ ހޯއްދަވާ: މޭޔަރ އަލީ ނިޒާރު

ދިޔަވަރު
އައްޑޫ ފެނަކަ މައްސަލަ ހައްލު ނުކުރެވޭ ނަމަ، ކުރީގެ އެމްޑީ ސައީދުގެ ލަފަ އާއި މަޝްވަރާ ހޯއްދަވާ: މޭޔަރ އަލީ ނިޒާރު

އައްޑޫ ފެނަކައިގެ ކަންތައްތައް ބޮއްސުންލައިގެން ގޮސް، ކަރަންޓުގެ ކެނޑިފައި ވާތީ އެ މައްސަލަ ހައްލު ކޮށްދެވުމަށް އެދި އަދި މައްސަލަ ހައްލު ނުކުރެވޭ ނަމަ، ކުރީގެ އެމްޑީ ސައީދުގެ ލަފަ އާއި މަޝްވަރާ ހޯއްދަވައިގެންވެސް މިކަން ހައްލު ކޮށްދިނުމަށް މޭޔަރ އަލީ ނިޒާރު ފެނަކައިގެ މިހާރުގެ އެމްޑި މުއާޒުގެ އަރިހުން އެދިއްޖެއެވެ.

މި ގޮތަށް މޭޔަރ ނިޒާރު އެދިފައި ވަނީ، ފޭސް ބުކް ގައި، މުއާޒުއަށް ރައްދުދެއްވައި ކުރި، ޕޯސްޓެކެއްގައެވެ.

އޭސީސީ އިން ދައްކަވަން ޖެހޭ ވާހަކަ ނުދައްކަވައި، އައްޑު ގެ ކަރަންޓުގެ މައްސަލަ ހައްލު ކޮށް ދެއްވާ. މަނިކުފާނާއި ހަވާލުވީ ފެނަކަ ހިންގަން. ފެނަކަ އޮޑިޓް ކުރާކަށް ނޫން. އައްޑޫގައި އަޅަން ފަށާފައިވާ ޕަވަރ ހައުސް ނިންމަވައި، ޖެނެރޭޓަރ ގެނނަވާ. ފައިސާ ހޯދަން އެނގެން ވާނެ، ސަރުކާރުން ފައިސާ ލިބޭނެ. ނޭނގޭނަމަ ކުރީގެ އެމްޑީ ސައީދުގެ މަޝްވަރާ ހޯއްދަވާ.

ނިޒާރު ފޭސް ބުކް ގައި ވިދާޅުވިއެވެ.

މީގެ އިތުރުން މިއަދު އޮތް އައްޑޫ ސިޓީ ކައުންސިލް ބައްދަލުވުމުގައި ނިޒާރު ވިދާޅުވީ ދަރަނި ހުއްޖަތަކަށް ދައްކައިގެން، ރައްޔިތުންނަށް ދޭ ހިދުމަތްތަކުން ރެކޭނެ ފުރުސަތެއް ނޯންނާނެ ކަމަށައި ފެނަކައިގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދުއަކީ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭ ވަރުގެ ބޭފުޅެއް ނޫން ކަމަށެވެ.

ފެނަކަ ހިންގަމުންދަނީ ސަރުކާރުން ފައިސާ ދީގެންކަން ފާހަގަކުރައްވާ ނިޒާރު ވިދާޅުވީ ފެނަކައަކީ އަސާސީ ހިދުމަތް ދޭ ކުންފުންޏެއް ކަމަށާއި އެ ކުންފުންޏަށް ސަރުކާރުން ފައިސާ ދޭނެ ކަމަށެވެ.

"ފައިސާ ހޯދަން ދަސްކުރަން ޖެހޭ. ފައިސާ ހޯދާ ގޮތް ދަސްކޮށްގެން ފައިސާ ހޯދައިގެން ދައުލަތް ހިންގޭނީ. 500 މިލިއަން ދީފައި ޑްރޯން ގަތީ. ހަމަ މުލިއާގެ މަރާމާތު ކުރަންވީމަ 20 މިލިއަން ހަރަދުވި. ހުވާ ކުރުމުގެ ރަސްމިއްޔާތަށް 26 މިލިއަން ހަރަދުވި. އެ ހުރިހާ ކަމެއް ކުރިއިރު ނުވިސްނެނީބާ ރައްޔިތުން މި ހާލަތަށް ވެއްޓޭނެކަން،" އޭނާ ވިދާޅުވި އެވެ.

ކަރަންޓުގެ މައްސަލަ ހައްލު ކުރެވޭނީ ސަރުކާރު ވެސް ހިންގަން އެނގިގެން ކަމަށާއި މިއަދާ ހަމައަށް ސަރުކާރު ހިންގަން އެނގޭތަނެއް ނުފެންނަ ކަމަށް ނިޒާރު ވިދާޅުވި އެވެ.

ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އައްޑޫގައި މިހާރު ހަރު ކުރެވިފައި ހުރި ޖެންސެޓުތަކުގެ ތެރެއިން، 1.8 މެގަވޮޓްގެ އިންޖީނަށް ދިމާވެފައިވާ މައްސަލައަކާ ގުޅިގެން އައްޑޫއަށް ބޭނުންވާ މިންވަރަށް ކަރަންޓު އުފައްދަން ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ.

އެގޮތުން އެ އިންޖީނަށް ބޭނުންވާ ސްޕެއާއަކީ ރާއްޖެއިން ބޭރުން ހޯދަން ޖެހޭ ސްޕެއާއަކަށް ވުމުން، އެ ސްޕެއާ ހޯދައި އިންޖީނަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.

އައްޑޫއަށް ކަރަންޓުގެ އެކި މައްސަލަތައް ދިމާވަމުން އަންނަނީ މި އަހަރު ފެށުނު ފަހުންނެވެ. ނަމަވެސް މައްސަލަ އެއްކޮށް ހައްލު ކުރެވިފައެއް ނުވެ އެވެ. އެކަމާ ގުޅިގެން ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކޮށް، ދަތިތައް ދިމާވާ ކަމަށް ބުނެ އަޑު އުފުލަމުންނެވެ.