ހުރިހާ އިންތޚާބެއް ނިމި, މަޖިލިހުގެ ސުޕަރ މެޖޯރިޓީއާއި, އަދި މާލޭގެ ކައުންސިލްގެ ބޮޑު މެޖޯރިޓީއެއް ރައްޔިތުން މިސަރުކާރަށް ދިނުމާއެކު, ހުރިހާ ބާރުތަކެއް މުށުތެރެއަށް ލެވިއްޖެކަން ޔަގީން ވުމާއެކު, މުއިއްޒު އޭނާގެ އަސްލު ސިފަ ރައްޔިތުންނަށް ދައްކަވަން ފައްޓަވައިފިއެވެ.
އެގޮތުން, މުއިއްޒުވަނީ އެންމެ ފަހުން ބުރިޖުން ފީނަގާ, ރައްޔިތު މީހާގެ ޖީބުގައި އޮތް ވަކިލާރުކޮޅުވެސް އެންމެ ފަހުން ދައުލަތުގެ މާލިއްޔަތަށް ނެގުމަށް ނިންމާފައެވެ.
މާލެއިން ހުޅުމާލެއާ ހަމައަށް ގުޅާލާފައިވާ ސިނަމާލެ ބްރިޖުން ދަތުރުކުރާ އުޅަނދުތަކުން ޓޯލްފީ ނެގުމަށް ނިންމާފައިވާކަން ބަޔާންކޮށްފައިވަނީ މާލެ ސަރަހައްދުގެ މަގުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަން މުއިއްޒު ގެންގުޅުއްވާ ސިޔާސަތުތައް ހިމަނައިގެން ފަރުމާކޮށްފައިވާ "މާލެ ފަހި" ޕްރޮގްރާމްގެ ބުކްލެޓްގަ އެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އިފްތިތާހުކުރި އެ ޕްރޮގްރާމުގެ ފޮތުގައި ލިޔެފައިވާ ގޮތުން ޓޯލް ފީ ނަގަން ނިންމި ސަބަބަކީ ބްރިޖާއި ހައިވޭ ފަދަ ތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް އެފަދަ ފީއެއް ނެގުމުގެ ނިޒާމެއް ގާއިމުކޮށް ތަންފީޒު ކުރުމަށެވެ.
ނަމަވެސް މިކަން ކުރަން ފަށަން ނިންމާފައިވާ ތާރީޚެއް ނުވަތަ ނަގާނީ ކިހާވަރެއްކަން ބަޔާންކޮށްފައެއް ނެތެވެ. އެ ބުކްލެޓްގައިވާ ގޮތުން ޓޯލް ނެގުމަށް ހަމަޖެހިފައިވަނީ ކަމާ ގުޅޭ ހުރިހާ އިދާރާއެއްގެ މަޝްވަރާގެ މަތިންނެވެ. ޓޯލް ނެގުމަށް ކުރަން ޖެހޭ ދިރާސާތައް އަންނަ މަހު ފަށާނެކަން ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
ސިނަމާލެ ބްރިޖުން ދަތުރުކުރާ އުޅަނދުތަކުން ފީއެއް ނެގުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި، ހައުސިން މިނިސްޓަރަކަށް މިހާރުގެ ރައީސް މުއިއްޒު ހުންނަވައިގެން ނިންމަވާފައިވެ އެވެ. ނަމަވެސް ދެން އައި، އެމްޑިޕީގެ ސަރުކާރުން ސިޔާސީ ޕްރެޝަރާހުރެ އެ ނިންމުން ތަންފީޒެއް ނުކުރެ އެވެ.
ބުރިޖުން ފީނެގުމަށް މިސަރުކާރުން ނިންމާފައިމިވަނީ, ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެ, ތަކެތީގެ އަގު އުފުލި, ރައްޔިތުން އިންތިހާއަށް ނިމެތިވެގެން ގޮސްފައި ވަނިކޮށެވެ. އަދި ހަމަ އެއާއެކު, ބުރިޖުން ފީނަގަން މި ސަރުކާރުން ނިންމާފައިމިވަނީ, ރައްޔިތުންގެ ޖީބަށް ބާރު ބޮޑުވާގޮތަށް ސިޔާސަތު ބައްޓަން ނުކުރާނެކަމަށް ވައުދު ވުމަށްފަހު, އެހެންނަމަވެސް މަޖިލިސް އިންތިޚާބާއި ކައުންސިލް ބައި އިލެކްޝަންތައްވެސް ކާމިޔާބުވެ ނިމުމާއެކުއެވެ.
އިންތިޚާބު ވުމަށްފަހުވެސް މުއިއްޒު ފާހަގަވެގެން ގޮސްފައިވަނީ, ދޮގު ވައުދުވާ, ބަހާއި އަމަލާއި ދިމާނުވާ ރައީސެއްގެ ގޮތުގައެވެ. އަދި ގަސްތުގައި ރައްޔިތުންނަށް އޮޅުވާލުމަށް މުއިއްޒުވަނީ ބޮޑެތި ދޮގުތައް ހައްދަވާފައެވެ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީވެސް ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް ޔާމިން މިނިވަން ކުރައްވާނެކަމަށް ވިދާޅުވެ, ހުސް ގޮނޑި ދައްކައިގެން މަކަރާއި ހީލަތުންނެވެ.