ރައީސް ޔާމިންއަށް ޕްރެޝަރުކޮށްގެން, މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގައިވެސް ބުރިޖުން ފީ ނެގުމަށް ނިންމާފައިވާކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ, ސިނަމާލެ ބުރިޖުން ފީ ނެގުމަށް މުއިއްޒު ނިންމާފައިވާކަން މިރޭ އާންމު ކުރުމާއެކު މީޑިއާތަކުގައި އާންމު ކޮށްފައިވާ މައުލޫމާތު ތަކުންނެވެ.
އެގޮތުން ޓޮލް ނިޒާމެއް ގާއިމްކުރަން ފުރަތަމަ މަޝްވަރާ ކޮށްފައިވަނީ ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާގެ ސީސީސީސީ ކުންފުނިން ބުރިޖު މަސައްކަތް ކުރިއަށް ގެންދިޔަ އިރުއެވެ. އޭރު މުއިއްޒު ހުންނެވީ ހައުސިން މިނިސްޓަރު ކަމުގައެވެ. އެއިރު ބްރިޖުން ފީއެއް ނެގުމުގެ މަޝްވަރާތައް ކުރީ ހައުސިން މިނިސްޓްރީ އާއި ފުލުހުންނާއި ޓްރާންސްޕޯޓް އޮތޯރިޓީ ވެސް ގުޅިގެންނެވެ.
މިހާރު މީޑިއާތަކުގައި ހާމަވެގެން ގޮސްފައިވާ މައުލުމާތުން އެނގޭ ގޮތުގައި އޭރުވެސް ބުރިޖުން ފީ ނެގުމަށް ރައީސް ޔާމިނަށް ޕްރެޝަރު ކޮށްފައިވަނީ ސީދާ މުއިއްޒުއެވެ.
އެގޮތުން 2018 އަށް ލަފާކުރި ދައުލަތުގެ ބަޖެޓުގައި ސިނަމާލެ ބްރިޖާއި ހައިވޭއިން ނަގާ ޓޯލް ފީއިން 56 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށް އެފައިސާ ހޯދުމަށް ބެޖެޓްގައި ހިމަނާފައި ވެއެވެ. ނަމަވެސް, 2018ގައި ވެރިކަން ބަދަލުވެ, ފަހުން ނިންމީ އެފީ ނުނަގާ ގޮތަށެވެ. އަދި މިދިޔަ ސަރުކާރުން ބުރިޖުން ފީ ނެގުމަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.
އެހެންނަމަވެސް "މާލެ ފަހި" ޕްރޮގްރާމް އިފުތިތާހު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓްރީން ހުށަހެޅި ޕްރެޒެންޓޭޝަނެއްގައި ބުނީ ބުރިޖާއި ހައިވޭއިން ޓޯލް ފީ އެއް ނަގާނީ ކަމާބެހޭ ހުރިހާ އިދާރާތަކަކާ އެކު މަޝްވަރާކުރުމަށްފަހު ކަމަށެވެ.
އަދި ސިނަމާލެ ބްރިޖާއި ހައިވޭއިން ޓޯލް ފީ ނެގުމަކީ އާމްދަނީ އިތުރުކުރުމަށް 2026، 2027 އަދި 2028 ވަނަ އަހަރު ސަރުކާރުން އަޅަން ނިންމައިފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އެހެންނަމަވެސް ފާއިތުވި ރިޔާސީ އިންތިޚާބުގައި މުއިއްޒު ވިދާޅުވެފައިވާ އެމަނިކުފާނުގެ ވެރިކަމެއްގައި ބުރިޖުން ފީއެއް ނުނަގާނެ ކަމަށާއި, ފީނެގުމަށް ނިންމާފައިވާކަމަށް ބުނެ ދައްކަމުންދަނީ ދޮގު ވާހަކަތަކެއް ކަމުގައެވެ.
ހުރިހާ އިންތޚާބެއް ނިމި, މަޖިލިހުގެ ސުޕަރ މެޖޯރިޓީއާއި, އަދި މާލޭގެ ކައުންސިލްގެ ބޮޑު މެޖޯރިޓީއެއް ރައްޔިތުން މިސަރުކާރަށް ދިނުމާއެކު, ހުރިހާ ބާރުތަކެއް މުށުތެރެއަށް ލެވިއްޖެކަން ޔަގީން ވުމާއެކު, މުއިއްޒު ވަނީ އޭނާގެ އަސްލު ސިފަ ރައްޔިތުންނަށް ދައްކަވަން ފައްޓަވާފައެވެ.
ބުރިޖުން ފީނެގުމަށް މިސަރުކާރުން ނިންމާފައިމިވަނީ, ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެ, ތަކެތީގެ އަގު އުފުލި, ރައްޔިތުން އިންތިހާއަށް ނިމެތިވެގެން ގޮސްފައި ވަނިކޮށެވެ. އަދި ހަމަ އެއާއެކު, ބުރިޖުން ފީނަގަން މި ސަރުކާރުން ނިންމާފައިމިވަނީ, ރައްޔިތުންގެ ޖީބަށް ބާރު ބޮޑުވާގޮތަށް ސިޔާސަތު ބައްޓަން ނުކުރާނެކަމަށް ވައުދު ވުމަށްފަހު, އެހެންނަމަވެސް މަޖިލިސް އިންތިޚާބާއި ކައުންސިލް ބައި އިލެކްޝަންތައްވެސް ކާމިޔާބުވެ ނިމުމާއެކުއެވެ.
އިންތިޚާބު ވުމަށްފަހުވެސް މުއިއްޒު ފާހަގަވެގެން ގޮސްފައިވަނީ, ދޮގު ވައުދުވާ, ބަހާއި އަމަލާއި ދިމާނުވާ ރައީސެއްގެ ގޮތުގައެވެ. އަދި ގަސްތުގައި ރައްޔިތުންނަށް އޮޅުވާލުމަށް މުއިއްޒުވަނީ ބޮޑެތި ދޮގުތައް ހައްދަވާފައެވެ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީވެސް ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް ޔާމިން މިނިވަން ކުރައްވާނެކަމަށް ވިދާޅުވެ, ހުސް ގޮނޑި ދައްކައިގެން މަކަރާއި ހީލަތުންނެވެ.