ރާއްޖޭގެ އިގްތިސާދީ ހާލަތު ރަގަޅުވެލުމުން ބުރިޖުން ފީ ނަގަން ފަށާނެކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭ އިއުލާންކުރި "މާލެ ފަހި" ޕްރޮގްރާމްގެ ދަށުން, ބުރިޖުން ފީ ނަގަން ނިންމާފައިވާކަން ހާމަކުރުމާއެކު, ގިނަ ބައެއްގެ ފާޑުކިއުން ސަރުކާރަށް އަމާޒު ވެފައިވަނިކޮށް, މިއަދު މުއިއްޒު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ބްރިޖްއިން ޓޯލް ނެގުމަކީ އެމަނިކުފާނުގެ ސިޔާސަތެއްނޫން ކަމަށާއި, ރޭގައި އިޢުލާން ކުރެވުނު "މާލެފަހި" ޕްލޭންގައި ޓޯލް ނެގުމާމެދު ދިރާސާއެއްކުރުމަށް ހިމަނާފައިވަނީ ފަންނީ ލެވެލްގައި އެކަމުގެ ލަފާ އެމަނިކުފާނަށް އެރުވުމުގެ ނިޔަތުގައި ކަމުގައެވެ.
އެގޮތުން ލިބޭ ފަންނީ ލަފާގައި ޓޯލް ނަގަން ހުށަހެޅުން އަޔަސް، މާލެ ސިޓީގެ މަގުތައް އެއްކޮށް ރަނގަޅު ފެންވަރަކަށް ހަދާ ނިމުމުގެ ކުރިން އަދި އެކަށީގެންވާ މިންވަރަކަށް ޕާކިންގ ގެ މައްސަލަ ޙައްލު ވުމުގެ ކުރިން، އަދި ޤައުމާއި ރައްޔިތުންގެ ޢިޤްތިޞާދީ ޙާލަތު އެކަށީގެންވާ ފެންވަރަކަށް މަތިވުމުގެ ކުރިން ޓޯލް ނަގަން ނުފަށާނެ ކަމަށެވެ.
ރައްޔިތުންގެ ޕްރެޝަރު ބޮޑުވެ, ބުރިޖުން ފީ ނެގުމަކީ ސިޔާސަތެއް ނޫންކަމަށް ވިދާޅުވަމަށްފަހު, މާލޭގެ މަގުތަށް ހަދާ ނިމި, އަދި އިގްތިސާދު ހަމަޔަކަށް އެޅިއްޖެކަމުގެ ހުއްޖަތު ދައްކާ, ޓޮލްފީ ނަގަން ފެށުމަކީ މުއިއްޒުގެ ސިޔާސަތެއްކަން ވަނީ ވަރަށްވެސް ރަގަޅަށް މުއިއްޒުގެ އެކްސް ޕޯސްޓުން ހާމަވެގެން ގޮސްފައެވެ.
އެހެންނަމަވެސް ފާއިތުވި ރިޔާސީ އިންތިޚާބުގައި މުއިއްޒު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ބުރިޖުން ފީއެއް ނުނަގާނެ ކަމަށާއި, ފީނެގުމަށް ނިންމާފައިވާކަމަށް ބުނެ ދައްކަމުންދަނީ ދޮގު ވާހަކަތަކެއް ކަމުގައެވެ.
ހުރިހާ އިންތޚާބެއް ނިމި, މަޖިލިހުގެ ސުޕަރ މެޖޯރިޓީއާއި, އަދި މާލޭގެ ކައުންސިލްގެ ބޮޑު މެޖޯރިޓީއެއް ރައްޔިތުން މިސަރުކާރަށް ދިނުމާއެކު, ހުރިހާ ބާރުތަކެއް މުށުތެރެއަށް ލެވިއްޖެކަން ޔަގީން ވުމާއެކު, މުއިއްޒު ވަނީ އޭނާގެ އަސްލު ސިފަ ރައްޔިތުންނަށް ދައްކަވަން ފައްޓަވާފައެވެ.
ބުރިޖުން ފީނެގުމަށް މިސަރުކާރުން ނިންމާފައިމިވަނީ, ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެ, ތަކެތީގެ އަގު އުފުލި, ރައްޔިތުން އިންތިހާއަށް ނިމެތިވެގެން ގޮސްފައި ވަނިކޮށެވެ. އަދި ހަމަ އެއާއެކު, ބުރިޖުން ފީނަގަން މި ސަރުކާރުން ނިންމާފައިމިވަނީ, ރައްޔިތުންގެ ޖީބަށް ބާރު ބޮޑުވާގޮތަށް ސިޔާސަތު ބައްޓަން ނުކުރާނެކަމަށް ވައުދު ވުމަށްފަހު, އެހެންނަމަވެސް މަޖިލިސް އިންތިޚާބާއި ކައުންސިލް ބައި އިލެކްޝަންތައްވެސް ކާމިޔާބުވެ ނިމުމާއެކުއެވެ.
އިންތިޚާބު ވުމަށްފަހުވެސް މުއިއްޒު ފާހަގަވެގެން ގޮސްފައިވަނީ, ދޮގު ވައުދުވާ, ބަހާއި އަމަލާއި ދިމާނުވާ ރައީސެއްގެ ގޮތުގައެވެ. އަދި ގަސްތުގައި ރައްޔިތުންނަށް އޮޅުވާލުމަށް މުއިއްޒުވަނީ ބޮޑެތި ދޮގުތައް ހައްދަވާފައެވެ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީވެސް ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް ޔާމިން މިނިވަން ކުރައްވާނެކަމަށް ވިދާޅުވެ, ހުސް ގޮނޑި ދައްކައިގެން މަކަރާއި ހީލަތުންނެވެ.