މިސަރުކާރުން ކުރިޔަށް ގެންދާ ބިންހިއްކުމުގެ އެންމެ ބޮޑު ޕްރޮޖެކްޓް ކަމަށްވާ ފުށި ދިއްގަރު ފަޅު ހިއްކުމާއި ގުޅޭގޮތުން ސަރުކާރުން މިހާތަނަށް ހެދީ ހުސް ގޮދުކަން ހާމަވެއްޖެއެވެ.
އެކަން ހާމަވީ, މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން, އެފަޅު ހިއްކުމަށް ސްރީލަންކާގެ މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސީއެމްސީސީ)ވީ އެއްބަސްވުން އުވާލާފައިވާކަމަށް މުއިއްޒު ވިދާޅުވުމާއި ގުޅިގެންނެވެ.
މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ފުށި ދިއްގަރުފަޅު ހިއްކުމަށް ވެފައިވާ ހުރިހާ އެއްބަސްވުންތަކެއް މިހާރު އުވާލާފައިވާ ކަމަށާއި, ދެން އެ ފަޅުން އެންމެ ބިންކޮޅެއްވެސް ސަރުކާރުން އެހެން އެއްވެސް ބަޔަކަށް ނުދޭނެ ކަމުގައެވެ.
އަދި މުއިއްޒު ވިދާޅުވީ ފުށި ދިއްގަރުފަޅު ހިއްކާނީ ދައުލަތުގެ ކުންފުނިތައް ބޭނުން ކޮށްގެން ކަމަށާއި, ކުރިޔަށް އޮތް 8 މަސްދުވަހުގެ ތެރޭގައި އެފަޅު ހިއްކާ ނިންމާނެ ކަމުގައެވެ.
އެހެންނަމަވެސް, ފާއިތު 7 މަސްދުވަހު ސަރުކާރުން ވިދާޅުވަމުން ގޮސްގައިފައިވަނީ އެ މަޝްރޫޢު ހުއްޓުމަކަށް ނާންނަ ކަމަށާއި, ތާވަލާއި އެއްގޮތަށް އެމަޝްރޫޢު ކުރިޔަށްދާކަމުގައެވެ.
އެގޮތުން ފާއިތުވި އެޕްރިލްމަހުގެ 28 ވަނަ ދުވަހު, ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ހީނާ ވަލީދު ވިދާޅުވީ އެ މަޝްރޫޢު ހުއްޓުމަކަށް އައިސްފައި ނުވާކަމަށާއި, އީއައިއޭ ހެދުމާއި އިދާރީ މަސައްކަތްތަކަކީވެސް މަޝްރޫޢުގައި ހިމެނޭ ކަންކަން ކަމުގައެވެ.
މިހާރު އެމަސައްކަތްތައް ކުރިޔަށް ދަނީ. އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައްވެސް ހުންނާނެ. އީއައިއޭ.. ތިމާވެށީގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައްވެސް ހުންނާނެ. އެހެންވީމަ އެކަހަލަ ބައިވަރު މަސައްކަތްތައް ކުރިޔަށް އެބަދޭ.
އެޕްރިލް 28 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ހީނާ ވިދާޅުވިއެވެ.
ފުށިދިއްގަރު ފަޅު 8 މަސްތެރޭ ހިއްކާ ނިންމާނެކަމަށް މުއިއްޒު އެންމެ ފުރަތަމަ ވައުދުވީ ފާއިތުވި ޑިސެމްބަރުމަހުގެ 8 ވަނަ ދުވަހުއެވެ. އެދުވަހު އެ މަޝްރޫޢު ފައްޓަވާ ދެއްވަމުން މުއިއްޒު ވިދާޅުވީ އެފަޅުން ހިއްކަން ފެށީ 1،153 ހެކްޓަރުގެ ބިމެއް ކަމަށެވެ. އަދި ހިއްކުމުގެ މަޝްރޫޢު 8 މަސްތެރޭ ހިއްކާ ނިމާނެކަމަށްވެސް މުއިއްޒު އޭރުވެސް ވިދާޅުވެފައި ވެއެވެ.
މިއަދު މި ފަށާ ގޮތަށް… 8 މަސް ތެރޭ އަޅުގަނޑުމެންނަށް ހިއްކާ ނިންމާލެވޭނެ މި ދެންނެވި ވަރުގެ ސަރަހައްދެއް.
މީގެ 7 މަސްކުރިން, ފާއިތުވި ޑިސެމްބަރުމަހުގެ 8 ވަނަ ދުވަހު މުއިއްޒު ވިދާޅުވެފައިވެ އެވެ.
ފުށި ދިއްގަރުފަޅު ހިއްކުމުގެ މަޝްރޫޢު ދަށުން ކުރެވުނު އެއްބަސްވުން އުވާލާފައިވާކަމަށް މުއިއްޒު މިރޭ ހާމަކުރެއްވުމާއެކު, މިމަޝްރޫއާއި ގުޅޭގޮތުން މިސަރުކާރުގެ ވެރިން ފާއިތުވި 7 މަސްތެރޭ ހަދަމުން ގޮސްފައިވަނީ މުޅިންވެސް ރޯ ބުހުތާނު ދޮގުކަން މިރޭވަނީ ހާމަވެގެން ގޮސްފައެވެ.
މާލެ ސަރަޙައްދުގެ ތޮއްޖެހުމާއި، މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަން ޙައްލުކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދެވެ. މިކަމުގައި މުއިއްޒު ގެންގުޅުއްވާ އެންމެ ބޮޑު ތަޞައްވުރަކީ މާލޭ ކައިރީގައި އޮތް ފުށިދިއްގަރު ފަޅު ހިއްކައި އާބާދުކުރުމެވެ.
މިގޮތުން، 1153 ހެކްޓަރުގެ ބިން (ހުޅުމާލޭގެ ގާތްގަޑަކަށް ތިން ގުނަ ބޮޑު ސަރަޙައްދެއް) ފުށިދިއްގަރު ފަޅުން ހިއްކާނެކަމަށް މުއިއްޒު ވިދާޅުވެފައި ވެއެވެ. މިއީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫޢެވެ. އަދި މި މަޝްރޫޢު ނިމިގެން ދާއިރު ގޯއްޗާއި ފްލެޓް ހިމެނޭގޮތަށް 65,000 ހައުސިންގ ޔުނިޓް ތަރައްޤީ ކުރުމަށް ސަރުކާރުން ރާވާފައިވެއެވެ.
އެހެންނަމަވެސް މިމަސައްކަތް ކުރިޔަށް ގެންދިއުމަށް އޭރު ރާވާފައިވަނީ، ހުޅުމާލޭން 10 ހެކްޓަރުގެ ބިމާއި ފުށިދިއްގަރުފަޅުން ހިއްކާ ބިމުން 60 ހެކްޓަރު ސްރީލަންކާގެ ސީއެމްސީއަށް 99 އަހަރަށް ދީގެން ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ. އޭގެފަހުން ސްރީލަންކާގެ މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސީއެމްސީސީ)އިންވަނީ ހުޅުމާލެއިން އެކުންފުންޏަށް ދޭން ސަރުކާރުން ނިންމި ހުޅުމާލޭގެ ބިންތައް ވިއްކުމަށް ބިލް ބޯޑު ބަހައްޓައިގެން އިސްތިހާރުވެސް ކޮށްފައެވެ.
އެހެންނަމަވެސް މިރޭ މުއިއްޒު ވިދާޅުވެފައިވަނީ, ދެން އެފަޅުން ހިއްކާ ބިމުން އެއްވެސް މިންވަރެއް އެއްވެސް ބަޔަކަށް ދޫނުކުރާނެ ކަމުގައެވެ. އެހެންނަމަވެސް އެ ފަޅުން ހިއްކާ ބިމުން ސްރީލަންކާގެ މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސީއެމްސީސީ) ކުންފުނީގެ އެމްޑީ ސެވެރާޖް މަނިވަންނަ މެދުވެރިވެ ފާއިތުވި މަޖިލިސް އިންތިޚާބަށް މުއިއްޒުވަނީ ރިޝްވަަތުގެ ފައިސާވެސް ނަގާފައެވެ.
ފުށި ދިއްގަރު ފަޅު ހިއްކުމުގެ ޑީލްގެ ދަށުން, ރާޖޫ އަތުން ރިޝްވަތުގެ ފައިސާ ނެގުމަށްފަހު ރާޖޫއާއެކު ވީ އެއްބަސްވުން މިސަރުކާރުން އުވާލުމުން, ބަދަލު ހޯދުމަށް މައްސަލަ ގާނޫނީ މަރުހަލާގެ ތެރެއަށް ވެއްދުމަށް ސީއެމްސީސީ ކުންފުނިން ވިސްނަމުންދާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.