ޚަބަރު

ފުށިދިއްގަރު ފަޅު ހިއްކުމަށް ސީއެމްސީސީއާއެކު ވީ އެއްބަސްވުން މުއިއްޒު އުވާލީ ރާޖޫއަތުން މަޖިލިސް އިންތިޚާބާ ދިމާކޮށް ރިޝްވަތުގެ ފައިސާ ނެގުމަށްފަހު! ބަދަލު ހޯދަން ސީއެމްސީސީން ކޯޓަށް!

ދިޔަވަރު
ފުށިދިއްގަރު ފަޅު ހިއްކުމަށް ސީއެމްސީސީއާއެކު ވީ އެއްބަސްވުން މުއިއްޒު އުވާލީ ރާޖޫއަތުން މަޖިލިސް އިންތިޚާބާ ދިމާކޮށް ރިޝްވަތުގެ ފައިސާ ނެގުމަށްފަހު! ބަދަލު ހޯދަން ސީއެމްސީސީން ކޯޓަށް!

8 މަސްތެރޭ ފުށި ދިއްގަރު ފަޅު ހިއްކާނެކަމުގެ ދޮގު ވައުދުވުމަށްފަހު, އެފަޅު ހިއްކުމަށް  ސްރީލަންކާގެ މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސީއެމްސީސީ)އާއެކު މިސަރުކާރުން ވީ އެއްބަސްވުން މިހާރު އުވާލާފައިވާކަން މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

މިނިވަންދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ފުށި ދިއްގަރުފަޅު ހިއްކުމަށް ވެފައިވާ ހުރިހާ އެއްބަސްވުންތަކެއް މިހާރު އުވާލާފައިވާ ކަމަށާއި, ދެން އެ ފަޅުން އެންމެ ބިންކޮޅެއްވެސް ސަރުކާރުން އެހެން އެއްވެސް ބަޔަކަށް ނުދޭނެ ކަމުގައެވެ.

އަދި މުއިއްޒު ވިދާޅުވީ ފުށި ދިއްގަރުފަޅު ހިއްކާނީ ދައުލަތުގެ ކުންފުނިތައް ބޭނުން ކޮށްގެން ކަމަށާއި, ކުރިޔަށް އޮތް 8 މަސްދުވަހުގެ ތެރޭގައި އެފަޅު ހިއްކާ ނިންމާނެ ކަމުގައެވެ.

އެހެންނަމަވެސް ފުށިދިއްގަރު ފަޅު ހިއްކުން ރާޖޫގެ ސީއެމްސީސީ ކުންފުންޏާއި ސަރުކާރުން ހަވާލުކުރީ އެކުންފުނިން, ފާއިތުވި އެޕްރިލްމަހު އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ސަރުކާރަށް 100 މިލިއަން ރުފިޔާގެ ރިޝްވަތު ފައިސާ ނެގުމަށްފަހުއެވެ. އަދި މިމަޝްރޫޢުގެ ދަށުން ރާޖޫއަށް އެފަޅުން ހިއްކާ ބިމުންނާއި, ހުޅުމާލެއިން ރާޖޫއަށް ދޭން މިސަރުކާރުން ދޭން ނިންމި ބިންތަކުގެ ބަދަލުގައި, މުއިއްޒުއަށްވެސް ސީދާގޮތުން 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިގެންދިޔަކަން ވަނީ ކަށަވަރު ކުރެވިފައެވެ.

ހަމައެއާއެކު, 8 މަސްދުވަހުން ހިއްކާ ނިންމާނެކަމަށް މުއިއްޒު ވައުދުވި ފަހުން 7 މަސްދުވަސް ފާއިތުވެ, މިހާތަނަށް އެމަޝްރޫއު ކުރިޔަށް ގޮސްފައި ނުވާއިރު, މަޝްރޫއުގެ އެއްބަސްވުމުގެ ދަށުން ރާޖޫއަށް ހުޅުމާލެއިން ދިން ބިންތައް ވިއްކުމަށް އޭނާވަނީ ބިލްބޯޑުތައް ހަދާ ހުޅުމާލޭގެ އެކި ހިސާބުތަކުގައި އިސްތިހާރުވެސް ކޮށްފައެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, ރާޖޫއަތުން ރިޝްވަތު ނެގުމަށްފަހު, މުއިއްޒު އެއްބަސްވުން އުވާލުމާއި ގުޅިގެން, ދައުލަތުން ބޮޑު ބަދަލެއް ހޯދުމަށް ދައުވާ ކުރުމަށް ސްރީލަންކާގެ ސީއެމްސީސީކުންފުނިން ދަނީ ތައްޔާރު ވަމުންނެވެ.

މިސަރުކާރުން ކުރިޔަށް ގެންދާ ބިންހިއްކުމުގެ އެންމެ ބޮޑު ޕްރޮޖެކްޓް ކަމަށްވާ ފުށި ދިއްގަރު ފަޅު ހިއްކުމާއި ގުޅޭގޮތުން ސަރުކާރުން މިހާތަނަށް ހެދީ ހުސް ގޮދުކަން މިރޭވަނީ ހާމަވެގެން ގޮސްފައެވެ.

އެކަން ހާމަވީ, މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން, އެފަޅު ހިއްކުމަށް ސްރީލަންކާގެ މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސީއެމްސީސީ)ވީ އެއްބަސްވުން އުވާލާފައިވާކަމަށް މުއިއްޒު ވިދާޅުވުމާއި ގުޅިގެންނެވެ.

އެހެންނަމަވެސް, ފާއިތު 7 މަސްދުވަހު ސަރުކާރުން ވިދާޅުވަމުން ގޮސްގައިފައިވަނީ އެ މަޝްރޫޢު ހުއްޓުމަކަށް ނާންނަ ކަމަށާއި, ތާވަލާއި އެއްގޮތަށް އެމަޝްރޫޢު ކުރިޔަށްދާކަމުގައެވެ.

އެގޮތުން ފާއިތުވި އެޕްރިލްމަހުގެ 28 ވަނަ ދުވަހު, ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ހީނާ ވަލީދު ވިދާޅުވީ އެ މަޝްރޫޢު ހުއްޓުމަކަށް އައިސްފައި ނުވާކަމަށާއި, އީއައިއޭ ހެދުމާއި އިދާރީ މަސައްކަތްތަކަކީވެސް މަޝްރޫޢުގައި ހިމެނޭ ކަންކަން ކަމުގައެވެ.

މިހާރު އެމަސައްކަތްތައް ކުރިޔަށް ދަނީ. އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައްވެސް ހުންނާނެ. އީއައިއޭ.. ތިމާވެށީގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައްވެސް ހުންނާނެ. އެހެންވީމަ އެކަހަލަ ބައިވަރު މަސައްކަތްތައް ކުރިޔަށް އެބަދޭ.

އެޕްރިލް 28 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ހީނާ ވިދާޅުވިއެވެ.

ފުށިދިއްގަރު ފަޅު 8 މަސްތެރޭ ހިއްކާ ނިންމާނެކަމަށް މުއިއްޒު އެންމެ ފުރަތަމަ ވައުދުވީ ފާއިތުވި ޑިސެމްބަރުމަހުގެ 8 ވަނަ ދުވަހުއެވެ. އެދުވަހު އެ މަޝްރޫޢު ފައްޓަވާ ދެއްވަމުން މުއިއްޒު ވިދާޅުވީ އެފަޅުން ހިއްކަން ފެށީ 1،153 ހެކްޓަރުގެ ބިމެއް ކަމަށެވެ. އަދި ހިއްކުމުގެ މަޝްރޫޢު 8 މަސްތެރޭ ހިއްކާ ނިމާނެކަމަށްވެސް މުއިއްޒު އޭރުވެސް ވިދާޅުވެފައި ވެއެވެ.

މިއަދު މި ފަށާ ގޮތަށް… 8 މަސް ތެރޭ އަޅުގަނޑުމެންނަށް ހިއްކާ ނިންމާލެވޭނެ މި ދެންނެވި ވަރުގެ ސަރަހައްދެއް.

މީގެ 7 މަސްކުރިން, ފާއިތުވި ޑިސެމްބަރުމަހުގެ 8 ވަނަ ދުވަހު މުއިއްޒު ވިދާޅުވެފައިވެ އެވެ.

މާލެ ސަރަޙައްދުގެ ތޮއްޖެހުމާއި، މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަން ޙައްލުކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދެވެ. މިކަމުގައި މުއިއްޒު ގެންގުޅުއްވާ އެންމެ ބޮޑު ތަޞައްވުރަކީ މާލޭ ކައިރީގައި އޮތް ފުށިދިއްގަރު ފަޅު ހިއްކައި އާބާދުކުރުމެވެ.

މިގޮތުން، 1153 ހެކްޓަރުގެ ބިން (ހުޅުމާލޭގެ ގާތްގަޑަކަށް ތިން ގުނަ ބޮޑު ސަރަޙައްދެއް) ފުށިދިއްގަރު ފަޅުން ހިއްކާނެކަމަށް މުއިއްޒު ވިދާޅުވެފައި ވެއެވެ. މިއީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫޢެވެ. އަދި މި މަޝްރޫޢު ނިމިގެން ދާއިރު ގޯއްޗާއި ފްލެޓް ހިމެނޭގޮތަށް 65,000 ހައުސިންގ ޔުނިޓް ތަރައްޤީ ކުރުމަށް ސަރުކާރުން ރާވާފައިވެއެވެ.

އެހެންނަމަވެސް މިމަސައްކަތް ކުރިޔަށް ގެންދިއުމަށް އޭރު ރާވާފައިވަނީ، ހުޅުމާލޭން 10 ހެކްޓަރުގެ ބިމާއި ފުށިދިއްގަރުފަޅުން ހިއްކާ ބިމުން 60 ހެކްޓަރު ސްރީލަންކާގެ ސީއެމްސީއަށް 99 އަހަރަށް ދީގެން ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ. އޭގެފަހުން ސްރީލަންކާގެ މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސީއެމްސީސީ)އިންވަނީ ހުޅުމާލެއިން އެކުންފުންޏަށް ދޭން ސަރުކާރުން ނިންމި ހުޅުމާލޭގެ ބިންތައް ވިއްކުމަށް ބިލް ބޯޑު ބަހައްޓައިގެން އިސްތިހާރުވެސް ކޮށްފައެވެ.

އެހެންނަމަވެސް ދެން އެފަޅުން ހިއްކާ ބިމުން އެއްވެސް މިންވަރެއް އެއްވެސް ބަޔަކަށް ދޫނުކުރާނެ ކަމަށް މުއިއްޒު ވިދާޅުވިއިރު, ފާއިތުވި މަޖިލިސް އިންތިޚާބަށް މުއިއްޒު ޚަރަދު ކޮށްފައިވާ ފައިސާގެ ބޮޑު ބަޔަކީ އެފަޅު ހިއްކުމާއި އަދި ބިންތައް ސްރީލަންކާގެ މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސީއެމްސީސީ) ކުންފުންޏަށް ދީގެން އެކުންފުނީގެ އެމްޑީ ސެވެރާޖް މަނިވަންނަ މެދުވެރިވެ ނެގި ރިޝްވަތުގެ ފައިސާއިންނެވެ.

ފުށި ދިއްގަރު ފަޅު ހިއްކުމާއި ގޫޅޭގޮތުން މުއިއްޒު މިހާތަނަށް ދެއްކެވި އެއްވެސް ވާހަކައެއް މިހާތަނަށް އެއްވެސް އަމަލީ ސިފައެއް އައިސްފައެއް ނުވެއެވެ.