ގެއްލުނު ކަނޑުން އެންމެ ބައި އިންޗިއެއްވެސް ނުހޯދާ މިނިވަން ދުވަސް ފާހަގަ ކޮށްފިއެވެ. ރާއްޖޭގެ ދެކުނުގެ ކަނޑުން ބޮޑު ސަރަހައްދެއް މޮރިޝަސް އަށް ވިއްކާލި ކަމަށް ބުނެ، އަދި އެ ގެއްލު ކަނޑު ހޯދާނެ ކަމަށް ބުނެ ވެރިކަމަށް އައިސް، އެކަމަށް އެތައް މިލިއަން ރުފިޔާއެއް ހޭދަކޮށް، އެ ކަނޑު ހޯދުމުގެ މަސައްކަތް ބާރު މިނުގައި ކުރިއަށް ދާ ކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލާފައި ވާތާ، 8 މަސް ވެއްޖެއެވެ. އެންމެ ފަހުން އިއްޔެ ފާހަގަ ކުރި ޖުލައި 26 (މިނިވަން ދުވަސް) ފާހަގަ ކުރީ މި ގެއްލުނު ކަނޑުން އެންމެ ތަންކޮޅެއްވެސް ނުހޯދައެވެ.
ކަނޑުން ބައެއް ގެއްލުނުކަމަށް ބުނެ އެފަދަ ބޮޑު ދޮގެއް ހަދައި ވެރިކަމަށް އައުމުގެ އިތުރުން، ވެރިކަން ލިބުމުން އެ ދޮގު ދެމެހެއްޓުމުން ވަރަށް ގިނަ ބަޔަކަށް ހީވެފައި އޮތީ ކަނޑުން ހަމަ ބައެއް ގެއްލުނީ ކަމަށެވެ. ނަމަވެސް، މިނިވަން ދުވަސް ފާހަގަ ކޮށް ނިމުނު އިރު، ބައެއްގެ އަޅުވެތިކަމުގެ ދަށަށް ގޮސް ގެއްލުނު ކަމަށް ބުނާ ކަނޑަށް ވީ ގޮތެއް ރައްޔިތުންނަށް ކިޔައެއް ނުދެވުނެވެ.
ރާއްޖޭގެ މިނިވަންކަމާއި، އިސްލާމް ދީން، ނަގައި ސިޔާސީ މަންފާއަށް ބޭނުން ކޮށްފައިވާއިރު، ޤައުމަށް އެއަށްވުރެ ބޮޑު ޚިޔާނާތެއް ބަޔަކަށް ވެވޭނެތޯއެވެ؟
ރާއްޖޭގެ ދެކުނު ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ކޮށްފައިވާ ހުކުމް ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރާނެ ކަމަށް މި ސަރުކާރުން ވައުދު ވިއެވެ. އެކަމެއް ނުކުރެއެވެ.
އެންމެ ފަހުން 26 ފެބްރުއަރީ ގައި، އޭޖީ އޮފީހުން ބުނެފައި ވަނީ "ކަމާބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އިޓްލޮސްއިން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށްޓަކައި އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި އަނބުރާ ހޯދުމަށް ކުރަންޖެހޭ ކަންކަން މި އޮފީހުން މިއަންނަނީ ކުރަމުން،" ކަމަށެވެ. ނަމަވެސް އެފަދަ އެއްވެސް މަސައްކަތެއް ކޮށްފައި ވާކަން ފެންނާކަށް ނެތެވެ. އަދި ގެއްލުނު ކަނޑުން އެންމެ އިންޗިއެއްވެސް އަނބުރާ ލިބިފައި ނެތެވެ.
މިނިވަން ކަމުގެ ވާހަކަ ދައްކަން މިފަދަ ދޮގުވެރިއަކު ލަދު ގަންނަން ޖެހެއެވެ.