މިދިޔަ މެއި މަހު ފަހުކޮޅު މަޖިލީހުގެ ރައީސްކަމަށް ވަޑައިގެންނެވި އަބްދުއްރަހީމް މިދިޔަ ހުކުރު ދުވަހު މުރައިދޫގެއަށް ބަދަލުވެއްޖެއެވެ. އަދުރޭ މުރައިދޫގެއަށް ބަދަލުވީ ޝާނާއި، ޝައުކަތާއި، އިޒަތްތެރިކަމާއި ކިބުރުވެރިކަން ދެއްކުމަށެވެ. ނަޝީދު މުރައިދޫގެއަށް ބަދަލުވީ، އޭނާއަށް ބޮމުގެ ހަމަލާއެއް އައުމުން، އޭނާގެ ނަފްސުގެ ސަލާމަތަށް އެއީ އެންމެ ރައްކާތެރި ގޮތް ކަމަށް ދައުލަތަށް ފެނިގެންނެވެ.
ރައްޔިތުން ބިކަ ހާލުގައި ތިއްބާ ސެކިޔުރިޓީ އެއްވެސް މައްސަލައެއް ނެތް މީހަކަށް، ދިރިއުޅުމަށް ވަކި ގެއެއް ބަހައްޓައި، އެތައް މިލިއަނެއް އިތުރަށް ޚަރަދު ކުރަންޖެހުމީ ބަލައިގަނެވޭނެ ކަމެއްނޫނެވެ. މިއީ ރައްޔިތުންގެ ނަފްރަތާއި، ހިތްހަމަ ނުޖެހުން ސަރުކާރަށް އިންތިހާއަށް އިތުރުވެގެން ދާނެ ކަމެކެވެ.
އަދުރޭ ހިމެނޭހެން، ކުރީގެ ރައީސް، ނަޝީދު މުރައިދޫގެއަށް ބަދަލުވާން މަޖުބޫރު ވުމުން، އެއީ ރައްޔިތުންގެ ފައިސާއިން ކުރާ އިސްރާފެއް ކަމަށް ބުނި މީހާ އެތަނަށް އެ ދިޔައީ 10 މިލިއަން ރުފިޔާ އެތަން މަރާމާތް ކުރުމަށް ދައުލަތުގެ ބަޖެޓުން ޚަރަދު ކުރުމަށް ފަހުގައެވެ.
ރައްޔިތުންނަށް ކަންކަމުގައި މިވަރަށް އޮޅުވާލައި، ދޮގު ހަދަން ޖެހުމަކީ މުއިއްޒު އާއި، އަދުރޭއަށް މެދުވެރިކޮށް، ދިވެހި ރައްޔިތުންގެ މައްޗަށް ޖެހިފައިވާ ކޯފާއެކޭ ހީވާ ހިސާބަށް ކަންކަން މި އޮއްގެން ދަނީއެވެ. އަދުރޭއެއް، އަދި ފަހުން އަންނަ އެއްވެސް މަޖިލީސް މެމްބަރަކަށް ވަކި ގެއެއް ހާއްސަވެފަ ހުންނާކަށް ނުޖެހެއެވެ. ސަލާމަތީ ސަބަބެއް މެދުވެރިވެގެން ރައްކާތެރިކަން އިތުރު ތަނެއްގައި މީހެއް ބެހެއްޓުމާއި، އަދުރޭގެ ކަރާމާތްތެރިކަން ދެއްކުމަށް ރައްޔިތުން ފައިސާއިން އެތައް މިލިއަނެއް ޚަރަދު ކުރާކަށް ނުޖެހެއެވެ.