ޓިކްޓޮކް ކްރިއޭޓަރސް އަށް ރާއްޖެއަށް މިހާރުވެސް ފައިސާ ގެނެވޭއިރު، ޓިކްޓޮކުން ރާއްޖޭގައި ފައިސާ ލިބޭނެ ގޮތް ހަދަން މަޝްވަރާ ކުރަމުން ދާކަމަށް، އެކޮނޮމިކް މިނިސްޓަރ ވިދާޅުވެއްޖެއެވެ. ޓިކްޓޮކް ކްރިއޭޓަރސް ރާއްޖެއަށް އެމީހުން ކުރާ މަސައްކަތަށް ބޭނުންވާ ފައިސާ ގެންނަނީ payoneer މެދުވެރި ކޮށެވެ. އެއީ އެމެރިކާގެ ފިންޓެކް ބޭންކިންގ ޚިދުމަތް ދުނިޔެއަށް ދޭ ޕޭޕަލް ކަހަލަ ކުންފުންޏެކެވެ.
"ކުރިއެރުން ލިބެމުން އެބަދޭ، ޖުމްލަ ގޮތެއްގައި ކޮންޓެންޓް ކްރިއޭޓަރުންނަށް ދިމާވެފައި މިހުރި ގޮންޖެހުންތަކެއްގައި އަދި ހާއްސަކޮށް އީ ކޮމާސްގެ ތެރޭގައި މިހުރި ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި ރައީސްގެ މެނިފެސްޓޯ ވައުދެއްގެ ގޮތުން އަޅުގަނޑުމެން އަށް މަސް ދުވަސްތެރޭގައި އާދެވިފައި ތިބި ހިސާބު މި ދެންނެވީ،" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ރާއްޖޭގައި ޔޫޓިއުބް އިން ވެސް ފައިސާ ލިބޭނެ ގޮތް ހެދުމަށާއި ގޫގުލް ޕޭގެ ހިދުމަތާއި ގުޅޭ ގޮތުން ވެސް ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި އަންނަ މަސް ނިމުމުގެ ކުރިން ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑު ބޭނުން ކުރަން ފެށޭނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ. އިންޑިއާގެ ރުޕޭ ކާޑު ގެނައުމުގެ މަސައްކަތަކީ ރައީސް ސޯލިހުގެ މަސައްކަތެކެވެ. އެކަމާއި އޭރު ސައީދުމެން ދެކޮޅު ހެދިއެވެ.