ޚަބަރު

އާރަށުގެ މައްސަލައިގެ ހުކުމުން ބައެއް ޕީޖީން އިސްތިއުނާފް ކުރީ މުއިއްޒުގެ ނުފޫޒުން, ރައީސް ޔާމިންގެ ސިޔާސީ ހަރަކާތްތައް ހުއްޓުވުމަށް އެމަނިކުފާނަށް ބިރުދެއްކުމަށް! މުއިއްޒުގެ އެންމެ ބޮޑު ބޮލުގެ ރިހުމަކީ ފްރޮންޓު އޮފީހުގެ ޖަލްސާތައް!

ދިޔަވަރު
އާރަށުގެ މައްސަލައިގެ ހުކުމުން ބައެއް ޕީޖީން އިސްތިއުނާފް ކުރީ މުއިއްޒުގެ ނުފޫޒުން, ރައީސް ޔާމިންގެ ސިޔާސީ ހަރަކާތްތައް ހުއްޓުވުމަށް އެމަނިކުފާނަށް ބިރުދެއްކުމަށް! މުއިއްޒުގެ އެންމެ ބޮޑު ބޮލުގެ ރިހުމަކީ ފްރޮންޓު އޮފީހުގެ ޖަލްސާތައް!

ވ. އާރަށް ކުއްޔަށްދިނުމުގެ މުއާމަލާތުގައި ރިޝްވަތާއި މަނީ ލޯންޑްރިންގ އަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި އާ ހެކި އެއްފަރާތް ކުރުމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި ޕީޖިން އިސްތިއުނާފު ކޮށްފިއެވެ.

ޔާމިންގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާ އަކީ އެ މައްސަލާގައި ޔާމިނަށް ރިޝްވަތު ދިން ކަމަށް ތުހުމަތު ކުރާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައިމާ ދެމެދު ހިނގި ޑޮލަރު މާރު ކުރުމުގެ މުއާމަލާތެއް ސާބިތު ކުރުމަށް ރައީސް ޔާމިންގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިތައް ނަފީކުރުމަށް ދައުލަތުން ވަނީ ކްރިމިނަލް ކޯޓުގައި އާ ހެކިތަކެއް ހުށަހަޅާފައިއެވެ.

މި ހެކިތައް ކްރިމިނަލް ކޯޓުން ބަލައިގަނެ މައްސަލަ ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ހައިކޯޓަށް މައްސަލަ އިސްތިއުނާފު ކުރުމުން އެ ކޯޓުން ނިންމީ އާ ހެކި ދަށު ކޯޓުން ބަލައިގަތީ ގޯސްކޮށް ކަމުގައެވެ. އަދި ހައިކޯޓުން ވަނީ އެކޯޓުން ކަނޑައެޅި އުސޫލުތަކާ އެއްގޮތަށް އަލުން ގޮތެއް ކަނޑައެޅުމަށް މައްސަލަ ކްރިމިނަލް ކޯޓަށް ތަހުވީލު ކޮށްފައެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ބުނީ، ދައުލަތުން ހުށަހެޅި ހެކިތައް އެއްފަރާތްކުރުމަށް އަންގާފައިވާ އެންގުން ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކާ އަރާރުންވާ ކަމަށެވެ. އަދި ހެކިތައް ބަލައިގަތުމަށް ދަށު ކޯޓުން ނިންމި އިޖުރާއަތަކީ މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައަޅާއިރު އިސްލާހު ކުރެވިދާނެ އިޖުރާއަތަކަށް ވާތީ އެ ހެކިތައް އެއްފަރާތްކުރުމަށް ހައި ކޯޓުން އެންގި އެންގުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ މި މައްސަލައާ ގުޅިގެން ހުށަހެޅުނު އާ ހެކިތަކުގެ ބައި އެކަންޏެވެ. އެހެންކަމުން މި މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައެޅުމަށް ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލެއް ނާންނާނެއެވެ.

25 ޑިސެންބަރު 2022 ގައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ ރައީސް ޔާމިން 11 އަހަރަށް ޖަލަށް ލާ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ، އެ ހުކުމް އިސްތިއުނާފު ކޮށްފައިވަނީ 2023 ގެ މާޗު މަހުގައެވެ. އަދި ހައިކޯޓުން އަޑުއެހުންތައް ނިންމާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގައެވެ.

މުއުއިއްޒު ވެރިކަމަށް ވަޑައިގެންފައިވަނީ ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް ޔާމިން މިނިވަން ކުރާނެކަމުގެ ދޮގު ވައުދު ވުމަށްފަހުއެވެ. އެއަށްފަހު މިހާރު މުއިއްޒު ގެންދަވަނީ ޕީއެންސީގެ ގަރުދިޔަ ޖަހާގައި ޕީއެންސީގެ އެކްޓިވިސްޓުން މެދުވެރިކޮށް ރައީސް ޔާމިންއަށް ވަގަށް ގޮއްވަމުންނެވެ.

އެއާއެކު, މުއިއްޒު ނުފޫޒު ފޯރުވައިގެން, ރައީސް ޔާމިންގެ މައްސަލައިން ބައެއް އަލުން އިސްތިއުނާފްކުރީ, ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ރައީސް ޔާމިން ބާއްވަމުންދާ ޖަލްސާތައް, ރައީސް ޔާމިނަށް ބިރު ދައްކައިގެން ހުއްޓުވުމުގެ މަގުސަދުގައިކަމަށް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ޕީއެންސީގެ, ރައީސް ޔާމިނަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.

ރައީސް ޔާމިންއާއި އެއްވެސް އިންސާފެއް ނެތި މުއިއްޒު ދިމާކޮށް, އެމަނިކުފާނުގެ މައްޗަށް އަނިޔާވެރިވަމުން ދިއުމުގެ ސަބަބުން ޕީއެންސީގެ އިސް ބައެއް ފަރާތްތަކުގެ މެދުގައިވެސް އެކަމުގެ ހިންހަމަނުޖެހުން އިންތިހާއަށް ހުރިކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.