އެފްއޭއެމްއަކީ ދިވެހި ފުޓުބޯޅަ ކުރިއެރުވުމުގެ މުހިންމު މަގުސަދުގައި އުފައްދާފައިވާ, ދައުލަތުން ޚަރަދުކުރާ މުވައްސަސާއެކެވެ. އަދި އޭގެ އިތުރުން އެ މުވައްސަސާއަކީ ގައުމުން ބޭރުންވެސް އެތައް ފައިސާއެއް ލިބޭ, ބައިނަލްއަގުވާމީ ބައެއް ޖަމިއްޔާ ޖަމާއަތްތަކުގެ އަމުރު މައުރޫފްވެސް އޭގެ އިންތިހާއަށް ހިނގާ ހަމައެކަނި ޖަމިއްޔާ ކަމުގައި ދެންނެވިދާއެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން އެފްއޭއެމްގެ ރައީސްގެ މަގާމަށް އައުމަށް މަރުފަލިޖަހާ ކިތަންމެ ބަޔަކު ތިވެއެވެ. އޭގެ ތެރޭގައި "ފުޓުބޯޅައަކީ ވައް އެއްޗެއް"ކަން ނޭގޭ އެތައް ފަރާތްތަކެވެސް ހިމެނެއެވެ.
އެހެންނަމަވެސް ފާއިތުވި ހުރިހާ ޒަމާނެއްގައިވެސް އެފްއޭއެމްގެ އެންމެ އިސްމަގާމްތަކަށް އައިސްފައިވަނީ, ނުވަތަ އިންތިޚާބު ވެފައިވަނީ ފުޓުބޯލައާއި ގުޅުންހުރި, ނުވަތަ އެ ކުޅިވަރު ޒުވާން އުމުރުގައި ކުޅުއްވާފައިވާ ފަރާތްތަކެވެ.
އެހެންނަމަވެސް ރާއްޖޭގެ ފުޓުބޯޅަ ފުން ވަޅުގަޑެއްގައި ވަނިކޮށް, ފުޓު ބޯޅަ ނުދަންނަ, ކޮރަޕްޓް ވިޔަފާރިވެރިޔަކު އެ މުވައްސާސާއަށް ބަސް ކިއުރުމަށް އިސްކުރެވިގެން ދިއުމަކީ ދިވެހި ފުޓުބޯޅަ ކޮމިއުނިޓީގެ ކަންބޮޑުވުންތައް އިންތިހާއަށް އޮތް މައްލައެއްކަމުގައި މިއަދު ދަންނަވާން ޖެހެއެވެ.
ހަމަ އެއާއެކު, ޖަނާ އެފްއޭއެމްގެ ނޯމަލައިޒިން ކޮމިޓީއަށް އައްޔަން ކުރެވިގެން ދިއުމާއެކު, ވެރިކަންކުރާ ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުގެ ނައިބު ލީޑަރު ކަމުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ޕީއެންސީގެ ޕީޖީގެ ޑެޕިއުޓީ ލީޑަރުކަމުގެ މަގާމުން ތޯރިގު އިސްތިއުފާ ދެއްވި ސީދާ ސަބަބެއް އޭނާ ހާމަކޮށްފައި ނުވިނަމަވެސް, ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސްގެ މަގާމަށް އައުމަށް އޭނާ ކެމްޕޭން ކުރަމުންދާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.
އެ މަގާމުގައި ކުރިން ހުންނެވި ބައްސާމް އަދީލް ޖަލީލް މަގާމުން ދުރުކޮށް، ހިންގުން ނޯމަލައިޒިން ކޮމިޓީ އަކާ ހަވާލުކުރަން ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ވަނީ ނިންމާފަ އެވެ. ”ދިޔަވަރު އޮންލައިން“އަށް ކަށަވަރު ވެފައިވާ ގޮތުގައި އެފްއޭއެމްގެ ނޯމަލައިޒިން ކޮމިޓީގެ އިސްފަރާތެއްގެ ގޮތުގައި ޖަނާ ހަމަޖައްސަން މިސަރުކާރުންވެސް ވަނީ ރެކޮމެންޑޭޝަން ދީފައެވެ. އަދި އެ ރެކޮމެންޑޭޝަން ދީފައިވަނީ ސީދާ މުއިއްޒުގެ އެންގުމަށެވެ.
އެހެންނަމަވެސް, އެފްއޭއެމްގެ ނޯމަލައިޒިން ކޮމިޓީއަށް އައްޔަން ކުރުމަށް ސަރުކާރުގެ ރެކޮމެންޑޭޝަން ހޯދުމަށް ތޯރިގް މުއިއްޒުގެ ކިބައިން އެދިފައިވާކަމަށްވެސް މައުލުމާތު ލިބިފައިވެއެވެ.
ތާރިގްގެ އެންމެ ބޮޑު ހިންހަމަ ނުޖެހުމެއް ސަރުކާރާމެދު އެފެދުނީ, ފުޓުބޯޅަ ނުވެސް ދަންނަ ފަރާތެއް ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން އެފްއޭއެމްގެ ތެރެއަށް އަތްގަދަ ކުރުމަށް މަސައްކަތް ފެށުމުންކަމަށްވެސް ވަނީ އެނގިފައެވެ.
މުހައްމަދު އަލީ ޖަނާހުއަކީ އަބަދުވެސް އެއިރެއްގައި އޮންނަ ކޮންމެ ސަރުކާރެއްގެ ފަސްބައިގައި އެލިގެން “ހަދިޔާ” ދީގެން އުޅޭ ކޮރަޕްޓް ވިޔަފާރި ވެރިއެކެވެ. އަދި އޭނާއަކީ އިންވެސްޓަރުން ހޯދާ ދިނުމުގެ ނަމުގައި، އަންނަ ކޮންމެ ސަރުކާރެއްގެ ތެރެއަށް ވަދެގަންނަ މީހެއްވެސް މެއެވެ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމާއެކު އޭނާވަނީ މުއިއްޒުގެ އިކޮނޮމިކް އެޑްވައިޒަރުކަމަށް އައްޔަން ކޮށްފައެވެ.
އެހެންނަމަވެސް އެއްވެސް ސަރުކާރަަކަށް އެނާ ހޯދާދިން އިންވެސްޓަރެއްގެ ކިބައިން ގައުމަށް ހޯދާ ދެވުނު ފައިދާއެއް ފެންނާކަށް ނެތެވެ. ދިވެހި ފުޓުބޯޅައިގެ މައިއިދާރާ މިފަދަ ކޮރަޕްޓް ވިޔަފާރިވެރިންގެ މުށުތެރެއަށް ވެއްޓިގެން ދިއުމަކީ މިއިދާރާގެ މިހާރުގެ ހާލަތު އިތުރަށް ގޯސްވެސް, ދިވެހި ފުޓުބޯޅަ އަނެއްކާވެސް އިތުރު ފުން ވަޅުގަޑަކަށް ވެއްޓިގެން ކަމުގައި މެނުވީ ނުވާނެއެވެ.
ގައުމަށް މިއަދު ހިންދެމިލެވެން އޮތީ މިފަދަ ކޮރަޕްޓް ވިޔަފާރިވެރިން ނުފޫޒުން ގައުމު ސަލާމަތް ކުރެވުނު ދުވަހަކުންނެވެ.