މިސަރުކާރަށް 8 މަސް ވެގެން ދިޔައިރުވެސް މިހާތަނަށް އެއްވެސް ހައުސިން ސްކީމެއް މިސަރުކާރުން ފަށާފައި ނެތްކަމަށް, ރައީސް މުއިއްޒުގެ ކެބިނެޓް މިނިސްޓަރ ޑރ. ހައިދަރު ވިދާޅުވެއްޖެއެވެ.
މި ސަރުކާރުން މިހާތަނަށް އެއްވެސް ހައުސިން ސްކީމެއް ފަށާފައި ނުވާކަމަށް ޑރ. ހައިދަރު އެއްބަސްވެވަޑައިގެންނެވީ ރައްޔިތުންގެ މަޖިލިހުގެ ޕެޓިޝަން ކޮމިޓީގައި މެމްބަރުން ކުރެއްވި ބައެއް ސުވާލުތަކަށް މިއަދު ޖަވާބު ދެއްވަމުންނެވެ.
މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޑރ. ހައިދަރު ވިދާޅުވީ, ކުރީގެ ހައުސިން ސްކީމްތަކުން ޖާގަ ނުލިބުނު ފަރާތްތަކަށް ފްލެޓް ދެއްވާނެކަމަށް ރައީސް މުއިއްޒު ވައުދުވީ, މިސަރުކާރުން ހިންގާ ހައުސިން ސްކީމްތަކުން ކަމަށާއި, އެހެންނަމަވެސް މި ސަރުކާރުން މިހާތަނަށް އެއްވެސް ހައުސިން ސްކީމެއް ފަށާފައި ނުވާކަމުގައެވެ.
އެއީ މިހާތަނަށް ހިންގާފަ ހުރި ހައުސިން ސްކީމްތަކުގެ ތެރެއިން, ޝަރުތުހަމަވާކަމަށް ކަނޑައެޅިފަ, ލިބޭނެކަމަށްވެސް ކަނޑައެޅިފަ ތިބި ފަރާތްތަކުގެ ތެރެއިން ނުލިބި ތިބި ފަރާތްތަކަށް, މި ސަރުކާރުން ދެން ފަށާ.. މި ސަރުކާރުން އަދި ނުފަށާ ހައުސިން ސްކީމެއް އިނގޭތޯ! މިސަރުކާރުން ފަށާ ހައުސިން ސްކީމަކުން ފުރުސަތު ލިބޭނެގޮތަށް އަޅުގަޑުމެން ކަންތައްތައް ހަމަޖައްސާނަން އިނގޭތޯ.
މިއަދު ޕެޓިޝަން ކޮމިޓީގައި ވާހަކަ ދައްކަވަމުން ހައިދަރު ވިދާޅުވިއެވެ.
މިސަރުކާރަށް 8 މަސް ފާއިތުވެގެން ދާއިރު, މިސަރުކާރުން އެއްވެސް ހައުސިން ސްކީމެއް އަދި މިހާތަނަށް ފަށާފައި ނުވާކަމަށް ޑރ. ހައިދަރު ވިދާޅުވިއިރު, ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދާ ދިނުމަކީ މިސަރުކާރުގެ އެންމެ ބޮޑު އެއްވައުދެވެ.
އަދި މުއިއްޒު ވިދާޅުވެފައިވަނީ މި 5 އަހަރު ނިމޭއިރު, ދާއިމީ ބޯހިޔާވަހިކަމެއް ނުލިބޭ އެއްވެސް ދިވެހި ރައްޔިތަކު ނުހުންނާނެ ކަމުގައެވެ.
އެހެންނަމަވެސް ޑރ. ހައިދަރު މިއަދު ހާމަކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި މިސަރުކާރުން އަދިވެސް ކުރިޔަށް ގެންދަނީ އެމްޑީޕީގެ ސަރުކާރުން ފަށާފައި ހުރި ހައުސިން ޕްރޮޖެކްޓްތައް އެކަންޏެވެ. ހަމައެއާއެކު ހައިދަރު މިއަދު ވިދާޅުވެފައިވަނީ ކުރީ ސަރުކާރުން އެކުލަވާލި 4,000 މީހުންގެ ފްލެޓް ލިސްޓަށްވެސް މިސަރުކާރުން ބަދަލު ގެންނާނެ ކަމަށާއި, ދެން އެ ލިސްޓު އެކުލަވާލާނީ މިސަރުކާރުން ބޭނުންވާ ގޮތަށް އެކަނި ކަމުގައެވެ.