ބަންގްލަދޭޝް މީހުން ރާއްޖެއަށް ގެންނަން ގާނޫނުގައި އޮތް ލިމިޓު އުވާލަން އުޅެނީ ޗައިނާ އަޑީގައި އޮވެގެން ކަމަށް ޕީއެންސީގެ މަޖިލީސް މެމްބަރެއް ދިޔަވަރު ނޫހަށް ޔަގީން ކޮށްދީފިއެވެ. އޭނާ ހާމަ ކުރި ގޮތުގައި، ޗައިނާއިން ރާއްޖޭގައި ހިނގާ ޕްރޮޖެކްޓްތަކަށް މީހުން ގެންނަން ބޭނުންވަނީ ބަންގްލަދޭޝުން ކަމަށް ބުނެ، މަސައްކަތު މީހުން ގެންނަން ގައުމުތަކަށް އޮތް ކޯޓާ ލިމިޓް އުވާލަން އުޅެނީ ޗައިނާއިން މަޖިލިސް މެމްބަރުންނަށް ރިޝްވަތު ދީގެންނެވެ. ޗައިނާގެ ކުންފުނިތައް މެދުވެރިކޮށް ރިޝްވަތު ދިން ނަމަވެސް، މިއީ ސީދާ ޗައިނާ ސަރުކާރު އެކަމުގެ އަޑީގައި އޮތް ކަމެއް ކަމަށް އޭނާ ވަނީ ތުހުމަތު ކޮށްފައެވެ.
ޗައިނާއިން މިކަން ކުރަމުންދާ ސަބަބަކީ، ބަންގްލަދޭޝް ރައްޔިތުން ރާއްޖޭގެ ރައްޔިތުންނަށް ވުރެ، އިތުރު ކޮށް، އެމީހުންގެ ކޮންޓްރޯލް ރާއްޖޭގެ މައްޗަށް ފޯރުވައި، އެމީހުން މެދުވެރިކޮށް، އެމީހުންގެ ތެރެއިން ބަޔަކު، ކުލީ ސިފައިންގެ ގޮތުގައި ހަދައި ރާއްޖެ ހިފުމުގެ ހީލަތްތެރި ރޭވުމުގައި ކަމަށް އޭނާ ހާމަ ކުރެއެވެ. މިކަން ކުރަމުން ދަނީ ބަންގްލަދޭޝްގައި ތިބި، ޗައިނާއަށް ވާގިވެރިވާ ފަރާތްތައް މެދުވެރި ކޮށްގެން ކަމަށް އޭނާ ހާމަ ކުރިއެވެ.
ޕީއެންސީ މަޖިލީސް މެމްބަރު، ހާމަ ކުރި ގޮތުގައި ރާއްޖޭގެ މިނިވަންކަމަށް ޗައިނާގެ ސަބަބުން ކުރިމަތިވެފައިވާ ނުރައްކަލުން ސަލާމަތްވުމަށް މަސައްކަތް ކުރަން ޖެހެއެވެ. ރާއްޖޭގެ އާބާދީ އަށް ވުރެ އިތުރަށް އެއް ޤައުމެއްގެ ބަޔަކު ރާއްޖެއަށް ގެނައުމަށް ޗައިނާއިން، މަޖިލީސް މެމްބަރުންނަށް ފައިސާ ދިނުމަކީ ނުރައްކާތެރި ސިގްނަލެއް ކަމަށާއި، މިކަން ހުއްޓުވަން ޖެހޭނެ ކަމަށް އޭނާ ހާމަ ކުރިއެވެ.