ފާއިތުވި މަޖިލިސް އިންތިޚާބުގައި ގަޅޮޅު ދެކުނު ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކޮށް ބޮޑު ބައްޔަކުން ބަލިވި އީވާ އަބުދުاللهއަށް މިސަރުކާރުގެ ސްޓޭޓް މިނިސްޓަރުކަން ހަމަޖައްސަން ނިންމައިފިއެވެ.
ނަން ހާމަކުރަން ނޭދޭ, މި ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ, އީވާއަށް ހަމަޖައްސަން ނިންމާފައިވަނީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކަމުގައެވެ. އެހެންނަމަވެސް އީވާ އަބުދުاللهއަށް ސްޓޭޓް މިނިސްޓަރުކަމުގެ ވަޒީފާއަށް އަދި ނިކުންނަން ފަށާފައެއް ނުވެއެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އީވާ އަބުދުاللهއަށް ވަޒީފާ ހަމަޖެއްސުމަށް މުއިއްޒު ނިންމަވާފައިވަނީ, ދާދިފަހުން ޑިމޮކްރެޓްސް ރައީސް ހަސަން ލަތީފު މުއިއްޒުގެ އަރިހަށް ވަޑައިގެން ކުރެއްވި މަޝްވަރާތަކަށް ފަހުއެވެ.
އީވާ ނިސްބަތްވާ ޑިމޮކްރެޓްސް ޕާޓީއަކީ ރާއްޖޭގަ މިހާރު އޮތް އެންމެ ކުޑަ އެއް ޕާޓީއެވެ. އެޕާޓީއަށް ފާއިތުވި މަޖިލިސް އިންތިޚާބުގައި އެންމެ %2 ވޯޓު ލިބުނުއިރު އެޕާޓީއަށް މަޖިލިހުގެ އެންމެ ގޮނޑިއެއްވެސް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
ކުރީގެ ރައީސް ނަޝީދު އުފެއްދެވި ޑިމޮކްރެޓްސް ޕާޓީން ފާއިތުވި މަޖިލިސް އިންތިޚާބުގައި 40 ދާއިރާއަކަށް ވާދަކޮށްފައި ވެއެވެ. އަދި އެޕާޓީގެ ކެނޑިޑޭޓުންނަށް މަޖިލިސް އިންތިޚާބުގައި މުޅި ރާއްޖެއިންވެސް އެންމެ %2 ވޯޓު ލިބިގެންދިޔައިރު, މި އިންތިޚާބުގައި އެޕާޓީއަށް ކެމްޕޭން ކޮށްދިނުމަށް ނަޝީދު މާލެ ވަޑައިގެންފައި ވެއެވެ.
ނަޝީދުގެ ޑިމޮކްރެޓްސްގެ ނައިބު ރައީސްކަމުގެ މަގާމްގައި ހުރި އާޝިޔަތު އަލައިކާ އަދުނާނަށްވެސް މިސަރުކާރުގެ ސްޓޭޓް މިނިސްޓަރުކަން ދިނުމަށްވެސް މުއިއްޒު ވަނީ ހަމަޖައްސާފައެވެ.