މިހާރުގެ ރައީސް ޑރ. މުއިއްޒު ވެރިކަަމަށް ވަޑައިގެންނެވުމަށްފަހު ގައުމަށް އިގްތިސާދީ ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހިފައި އޮތަސްވެސްވެސް, ކުރީގެ ނަޝީދު އިސްވެ ހުންނަވާ އުފެއްދި ދަ ޑިމޮކްރެތްސް ޕާޓީން އެޕާޓީގެ އިސްވެރިންނަށް ބޮޑެތި މުސާރަލިބޭ ސިޔާސީ ވަޒީފާތައް ހޯދާ ދިނުމަށް މަރުފަލި ޖަހަން ފަށައިފިއެވެ.
އެގޮތުން, ޑިމޮކްރެޓްސް ޕާޓީގެ އިސްވެރިންނަށް ސިޔާސީ ވަޒީފާތައް ކަށަވަރު ކުރުމުގެ މަގުސަދުގައި ފާއިތުވި ހަފްތާގައި އެޕާޓީގެ ރައީސް ހަސަން ލަތީފު ވަނީ މުއިއްޒުއާ ބައްދަލު ކޮށްފައެވެ.
މި ބައްދަލުވުމާއި ގުޅޭ މައުލޫމާތު "ދިޔަވަރު އޮންލައިން"އާއި ހިއްސާކުރި ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި, އެ ބައްދަލުވުމުގައި ހަސަން ލަތީފު މުއިއްޒުގެ ކިބައިން އެދިފައިވަނީ ޑިމޮކްރެޓްސް ޕާޓީގެ ލީޑަރޝިޕްގައި ތިބި އިސްފަރާތްތަކަށް މިސަރުކާރުން ސިޔާސީ ވަޒީފާ ކަށަވަރުކޮށް ދިނުމަށެވެ.
އެއާއެކު މިހާރު ކަށަވަރު ވެފައިވާ ގޮތުގައި މުއިއްޒު މިހާރުވަނީ ޑިމޮކްރެޓްސް ޕާޓީގެ އިސް ބައެއް ވެރިންނަށް ސިޔާސީ ވަޒީފާތައް ހަމަޖައްސާ ދިނުމަށް ނިންމާފައެވެ.
އޭގެތެރޭގައި, ފާއިތުވި މަޖިލިސް އިންތިޚާބުގައި ގަލޮޅު ދެކުނު ދާއިރާއަށް ވާދަކޮށް ބޮޑު ބައްޔަކުން ބަލިވި, ކުރީގެ މަޖިލިސް މެމްބަރު އީވާ އަބުދުاللهއާއި, ޑިމޮކްރެޓްސްގެ އަންހެން ނައިބު ރައީސް އައިޝަތު އަލައިކާ އަދުނާންއާއި, އަދި ފާއިތުވި މަޖިލިސް އިންތިޚާބުގައި ވާދަކޮށް ބަލިވި, ޑިމޮކްރެޓްސް ޕާޓީގެ އަންހެނުންގެ ރައީސްގެ މަގާމުގައި ހުރި ފާތިމަތު ހަމްދާ މުހައްމަދު ހިމެނެއެވެ.
"ދިޔަވަރު އޮންލައިން"އަށް ކަށަވަރު ވެފައިވާ ގޮތުގައި އީވާ އަބުދުالله އައްޔަން ކުރުމަށް ހަޖައްސާފައިވަނީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ. އަދި އަލައިކާއަށްވެސް ސްޓޭޓް މިނިސްޓަރުކަން ދިނުމަށް ހަމަޖައްސާފައިވާއިރު, ހަމްދާ ހަމަޖެއްސުމަށް ހަމަޖެހިފައިވާ ޑެޕިއުޓީ މިނިސްޓަރަކަށެވެ.
އެހެންނަމަވެސް މި 3 ބޭފުޅުންވެސް އަދި ވަޒީފާއަށް ނިކުންނަން ފަށާފައި ނުވެއެވެ.
ދައުލަތުގެ ސްޓޭޓް މިނިސްޓަރަކަށް މުސާރައާއި އެލަވަންސްގެ ގޮތުގައި 48,000 ރުފިޔާ ލިބޭއިރު, ޑެޕިއުޓީ މިނިސްޓަރަކަށް މުސާރައާއި އެލަވަންސްގެ ގޮތުގައި 35,000 ރުފިޔާ ލިބޭނެއެވެ.
މުއިއްޒުގެ އިގްތިސާދީ ސިޔާސަތުތައް ފެއިލްވެ, ދައުލަތުގެ އިގްތިސާދީ ހާލަތު ވަރަށް ބޮޑުތަކުން ގޯސްވެފައި ވަނިކޮށްވެސް, ރައްޔިތުންގެ މަޖިލީހުން އެންމެ ގޮނޑިއެއްވެސް ކާމިޔާބުކުރެވިފައި ނުވާ, ނަޝީދުގެ ޑިމޮކްރެޓްސް ޕާޓީން ބޮޑު މުސާރަލިބޭ ސިޔާސީ ވަޒިފާތައް އެޕާޓީގެ އިސްވެރިންނަށް ހޯދައި ދިނުމަށް ފޫގަޅާލާފައިވާއިރު, އެޕާޓީއަށް ގިނަބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ.
ހަމައެއާއެކު މުއިއްޒު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި އެތައް ބަޔަކު އަދިވެސް މަގުމަތިވެފައި ވަނިކޮށް, ރާއްޖޭގަ މިވަގުތު އޮތް އެންމެ ކުޑަ އެއްޕާޓީގެ އިސްވެރިންނަށް މިސަރުކާރުން ސިޔާސީ މަގާމްތައް ހަމަޖެއްސުމަށް ނިންމާފައިވާތީ, މިސަރުކާރުގެ ވެރިންގެ މެދުގައިވެސް މުއިއްޒުގެ މި ނިންމުމާމެދު ނަފްރަތު އުފެދިފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.