އާދަން ނަސީރު ސަބްމޯ އަށް ދިޔުން މަދު ކޮށްފިއެވެ. އޮފީސް ވަގުތުގައި، ގިނަ ވަގުތު އާދަން ނަސީރު ސަބްމޯ ނަމަކަށް ކިޔާ ސަބްމެރިން ވިއްކާ ރެސްޓޯރަންޓެއްގައި އިންނަވާ ޚަބަރު ސޯޝަލް މީޑިޔާގައި ދައުރުވާން ފެށީ މީގެ 5 ދުވަސް ކުރިންނެވެ.
ޓްވިޓަރގައި އައިޝަތު ހުސެއިން ކިޔާ ބޭފުޅަކު ޓްވީޓް ކޮށްފައިވާ ގޮތުގައި އާދަން ނަސީރު ދުވާލުގެ ގިނަ ވަގުތުގައި މަސައްކަތް ކުރަނީ ސަބްމޯގައެވެ. އެމީހުންގެ މާބޮޑު މަސައްކަތެއް އޮންނަހެން ހީ ނުވާ ކަމަށާއި، ކޮންމެ ދުވަހަކު ޓީމް ގޮވައިގެން ސަބްމޯގައި އާދަން ނަސީރު އިންނަވާކަމަށް އޭނާ ހާމަ ކުރެއްވިއެވެ.
މި ޓްވީޓް ސޯޝަލް މީޑިޔާގެ ސަމާލުކަމަށް އައިސް، 28 ހާސް މީހުން ބަލާފައި ވެއެވެ. މީގެ އިތުރުން މިކަމާއި ގުޅިގެން ތަފާތު މީމްސް ސޯޝަލް މީޑިޔާގައި އާންމު ވިއެވެ. އާދަން ނަސީރު އާންމުގެ ތެރޭގައި މަޝްހޫރު ވެފައިވަނީ ދުނިޔޭގެ ފަހުގެ ތާރީޚުގައި ޅެމުން ނަފްސާނީ ފަރުވާ ހޯއްދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ފަރާތެއް ގޮތުގައެވެ. އަދި އެމަނިކުފާނުގެ އިސްނެންގެވުމާއި އެކު، މުއިއްޒުގެ ސަރުކާރުގައި ށ އިން ފެށޭ 5 ބަސް ހެދުމަށް އެމަނިކުފާނު ފެއްޓެވި މަސައްކަތާއި އެކުގައެވެ. ފަހުން އެމަނިކުފާނުވަނީ ށ އިން ބަސް ހަދަން ނޫޅުއްވާކަމަށް ވިދާޅުވެ އެކަމާއި ގުޅިގެން ޕްރެސް އެއްވެސް ބާއްވާފައެވެ.
އާދަން ނަސީރު ގިނަވަގުތު ސަބްމޯގައި ހޭދަ ކުރައްވާއިރު، އާދަން ނަސީރުގެ މިނިސްޓްރީގެ މަސައްކަތް ދިވެހި ބަހުގެ އެކަޑަމީ އާއި ހަވާލުކޮށް، އެ މިނިސްޓްރީ އުވާލަން ގިނަ ބަޔަކު ދަނީ ގޮވަމުންނެވެ. ފާއިތުވި 8 މަހުގައި އެއްވެސް މަސައްކަތެއް ނުކުރާ ހަމަ އެކަނި މީޓިންގ ތައް ބާއްވާ މިނިސްޓްރީއަކަށް އެ މިނިސްޓްރީ ވެފައިވެއެވެ. މީގެ އިތުރުން މުއިއްޒު އަލަށް އުފެއްދި ހައުސިންގ މިނިސްޓްރީއާއި، ޔޫތް މިނިސްޓްރީވެސް އުވާލުމަށް އަދި އެއީ އެއްވެސް ދައުރެއް އަދާ ނުކުރާ ވުޒާރާތައް ކަމަށް އާންމުން ދަނީ ހާމަ ކުރަމުންނެވެ.
މި މިނިސްޓްރީ ތަކުން، ރައްޔިތުންގެ ފައިދާއަށް އެއްވެސް ކަމެއް ނުކުރާތާގައި ކޮންމެ މިިނިސްޓްރީ އެއްގައި ތިބި ސިޔާސީ މީހުންގެ އަދަދު 70-150 އާއި ދެމެދު ވާކަމަށް ބެލެވެއެވެ.