ޚަބަރު

ގަރުދިޔަ ޖަގަހައިގެ މިރޭގެ ޖަލްސާގައި އާދަމް ޝަރީފް ރައީސް ޔާމިނަށް ވަގަށް ނުގޮވައިފިނަމަ ވަޒީރުކަން ގެއްލިދާނެ ކަމުގެ ބިރު! ގަރުދިޔަ ޖަގަހައިގެ ޕޯޑިއަމަށް އެރުމަށް ބައެއް ފަރާތްތަކަށް ދަނީ މަޖުބޫރު ކުރުވަމުން!

ދިޔަވަރު
ގަރުދިޔަ ޖަގަހައިގެ މިރޭގެ ޖަލްސާގައި އާދަމް ޝަރީފް ރައީސް ޔާމިނަށް ވަގަށް ނުގޮވައިފިނަމަ ވަޒީރުކަން ގެއްލިދާނެ ކަމުގެ ބިރު! ގަރުދިޔަ ޖަގަހައިގެ ޕޯޑިއަމަށް އެރުމަށް ބައެއް ފަރާތްތަކަށް ދަނީ މަޖުބޫރު ކުރުވަމުން!

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީއެންސީ)ގެ, ގަރުދިޔަ ޖަގަހާގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާގައި ކައުންސިލްތަކާބެހޭ މިނިސްޓަރު އާދަމް ޝަރީފްއަށް ވާހަކަ ދެއްކުމަށް އަންގައިފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ، ގަރުދިޔަ ޖަގަހައިގެ ޖަލްސާ މިރޭ ފެށުމަށް ހަމަޖެހިފައިވަނީ 20:30 ގައި ކަމުގައެވެ. ޕީއެންސީންވަނީ ގަރުދިޔަ ޖަގަހައިގެ ޖަލްސާއަށް އެޕާޓީގެ އެންމެހާ މެމްބަރުންނަށް ދައުވަތު އަރުވާފައެވެ.

”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, ގަރުދިޔަ ޖަގަހައިގެ ޖަލްސާގައި މިރޭ ވާހަކަ ދެއްކުމަށް ސިޔާސީ ބައެއް ފަރާތްތަކަށް ދަނީ މަޖުބުރު ކުރަމުންނެވެ.

“ދިޔަވަރު އޮންލައިން”އާއި މައުލޫމާތު ހިއްސާކުރި ޕީއެންސީގެ އޮފިޝަލު ވިދާޅުވީ, ޖަގަހަ ޖަލްސާތަކަށް މިހާރު އަރުވަމުންދަނީ, ޔާމީނާއި ގުޅުން އޮންނަކަމަށް ޕީއެންސީގެ ލީޑަރޝިޕަށް ޝައްކު ކުރެވޭ މީހުން ކަމުގައެވެ. އޭގެ ބޭނުމަކީ, އެމީހުން ލައްވާ ރައީސް ޔާމިންއަށް އެއްޗެހި ގޮއްވުންކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. އެގޮތުން އާދަމް ޝަރީފަށް މިރޭގެ ޖަލްސާގައި ވާހަކަ ދައްކަން އަންގާފައިވަނީ އޭނާއަކީ އަދިވެސް ރައީސް ޔާމިންއަށް ވަފާތެރިކަން ބާއްވަމުން ގެންދަވާ ބޭފުޅެއްކަމަށް މުއިއްޒުއަށް އަދިވެސް ޝައްކު ކުރެވޭތީކަމަށްވެސް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތުދިން އޮފިޝަލް ވިދާޅުވެފައި ވެއެވެ.

އޮފިޝަލް ވިދާޅުވީ ޕޯޑިއަމްގައި ވާހަކަ ދައްކާ މީހުން ޔާމިނަށް “ވަގަށް” ނުގޮވައިފިނަމަ އެމީހުން ކުށްވެރި ވެދާނެތީ އެކަމުގެ ބިރަށް ޕީއެންސީގެ އިސް ބައެއް ބޭފުޅުން ގަރުދިޔަ ޖަގަހައިގެ ޖަލްސާތަކަށް އެރުމަށް ދެކޮޅު ހަދަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ޖަގަހަ ޖަލްސާ އޮންނަ ރެއަކު ގިނަ ބަޔަކު “ބަލިވުން” ނުވަތަ ރަށުން ބޭރަށް ދިއުން ގިނަވާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

“ދިޔަވަރު އޮންލައިން”އާއި މައުލޫމާތު ހިއްސާކުރި ޕީއެންސީގެ އޮފިޝަލު ވިދާޅުވީ ޕީއެންސީގެ އިސް ގިނަ ބޭފުޅުން ރައީސް ޔާމިންއާއި ގުޅުން ބާއްވަމުން ގެންދަވާ ކަމަށް މުއިއްޒު ގެންދަވަނީ ޝައްކު ކުރައްވަމުން ނެވެ. އެގޮތުން އެ ޝައްކުތައް ފިލުވުމަށް މިހާރު ބޭނުން ކުރަމުންދާ ހަތިޔާރަކަށް ގަރުދިޔަ ޖަގަހައިގެ ޖަލްސާތައް ހަދަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.