ޚަބަރު

އީވާ ސަލާމުގައި! ނަޝީދު ވަކިކުރާ ޖަލްސާ ކުރިއަށް ގެންދެވެން އޮއްވާ އަމީންއާންމު ހުއްޓުވައިފި!

ދިޔަވަރު
އީވާ ސަލާމުގައި! ނަޝީދު ވަކިކުރާ ޖަލްސާ ކުރިއަށް ގެންދެވެން އޮއްވާ އަމީންއާންމު ހުއްޓުވައިފި!

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރަން ހުށަހެޅި ގަރާރު މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރުމަށްފަހު މަޖިލީހުގެ ނައިބު ރައީސް (މަޖިލީސް ރައީސްގެ ކޮއްކޮ) އީވާ ސަލާމުގައި ހުންނެވުމުން ޖަލްސާ ކުރިއަށް ނުގެންދިއުމަށް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ނިންމަވައިފިއެވެ.

ނައިބު ރައީސްއަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތެއްގައި ގަވާއިދުގެ ތެރެއިން އިތުރު މެމްބަރަކަށް ރިޔާސަތު ބެލެހެއްޓިދާނެ ކަމަށް ގަވާއިދު ތަންދިން ނަމަވެސް، ޖަލްސާ އެގޮތަށް ކުރިއަށް ގެންދަން އަމީންއާންމު އެއްބަސްވެވަޑައި ނުގަންނަވައެވެ.

މަޖިލީހުގެ އަމީންއާންމު ފާތުމަތު ނިއުޝާ މަސައްކަތް ކުރަމުން ގެންދަވަނީ މަޖިލީހުގެ ގަވާޢިދަށް އިސްކަން ދިނުމުގެ ބަދަލުގައި، ވަކިއަތަކަށް ބުރަވެގެން ކަމަށް މަޖިލީހުގެ ގިނަ މެމްބަރުން ދެކެވަޑައިގަންނަވައެވެ.

އެކަމާ ގުޅިގެން ހޯދަންޖެހޭ ގާނޫނީ ލަފާ މިހާރު ހޯއްދަވަމުން ގެންދަވާ ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަސްލަމް ވިދާޅުވި އެވެ. އަދި ޖަލްސާ ބޭއްވޭނެ މަގެއް ހޯދުމަށް އެމްޑީޕީން ކޯޓަށް ދާން މަޝްވަރާ ކުރަމުން އަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޔާޒު ވިދާޅުވިއެވެ.

އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން ބުނަނީ، ނަޝީދުގެ ވަކި ކުރުމުގެ ޖަލްސާ ނުބާއްވާ މަޖިލީހުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށާއި އޭގެ ތެރޭގައި އިންތިހާބީ ރައީސް ހުވާ ކުރުމަށް ބާއްވާ ޖަލްސާ ވެސް ހިމެނޭނެ ކަމަށެވެ. އިންތިހާބީ ރައީސް ހުވާ ކުރައްވަން ޖެހެނީ މަޖިލީހުގެ ޖަލްސާއެއްގަ އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، އެ މަޖިލީހުގެ ރައީސް ވަކި ކުރުމަށް ގަރާރެއް ހުށަހަޅައިފި ނަމަ ދެން އިތުރު މަސައްކަތެއް ކުރެވޭނީ އެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހެވެ.