އޭޑީކޭ ހޮސްޕިޓަލުން ސަރުކާރަށް ދީފައިވާ ޚިދުމަތްތަކަށް 144 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ނުލިބި އޮތްކަން މިއަދު މަޖިލީހުގައި އޮތް މާލިއްޔަތު ކޮމިޓީ ބައްދަލުމުން އެނގިޖެއްއެވެ. މުއިއްޒު ވެރިކަމަށް އައީ، ކުންފުނިތަކަށް ދޭން ހުރި ފައިސާ ދޭނެ ކަމަށް ބުނެ ވައުދު ވެގެންނެވެ. ވިޔަފާރިވެރިންނަށް މުއިއްޒުގެ ފަރާތުން މި ވައުދު ވެފައިވާ އިރު، ކުރީ ސަރުކާރެކޭ އެއްފަދައިން ގިނަ އަދަދެއްގެ ފައިސާ ސަރުކާރު ކުންފުނިތަކުންނާއި، ސަރުކާރުން ވަނީ ކުންފުނިތަކުން ޚިދުމަތް ހޯދުމަށް ފަހު ނުދީއެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ސަރުކާރުގެ މުއައްސަސާތަކަށާއި، އާސަންދަ އަދި އެންސްޕާގެ ދަށުން ދީފައިވާ ޚިދުމަތްތަކަށް އޭޑީކޭ ހޮސްޕިޓަލަށް ލިބެންޖެހޭ 144،376،112 ރުފިޔާގެ ނުލިބި އޮތްކަން ފާހަގަކުރެވެއެވެ. އޭޑީކޭ އިން މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ސަރުކާރުގެ މުއައްސަސާތަކަށް ދީފައިވާ ހިދުމަތްތަކާއި، އާސަންދަ އާއި އެންސްޕާގެ ދަށުން ދީފައިވާ ހިދުމަތްތަކަށް 144،376،112 ރުފިޔާ ބިލްކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން 78 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދައްކާތާ 90 ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާކަން ވެސް ފާހަގަކުރެވެއެވެ.
މި ޙާލަތަކީ ހަމައެކަނި އޭޑީކޭ ހޮސްޕިޓަލަށް ދިމާވެފައިވާ މައްސަލައެއް ނޫންކަން ވެސް ފާހަގަކުރެވެއެވެ. އެންސްޕާއިން އެކި ފަރާތްތަކަށް ދައްކަންޖެހޭ 871 މިލިއަން ރުފިޔާ ކުރީ ސަރުކާރު ނިމުނު އިރު އޮތް އިރު, އެކަމަށް ހައްލު ލިބޭނެ ކަމުގެ ޔަގީންކަން މުއިއްޒު ވަނީ ވިޔަފާރި ވެރިންނަށް ދީފައެވެ.
ސަރުކާރުން ގިނަ ޕްރޮޖެކްޓްތަކެއް ހުއްޓުވާފައި ވާއިރު، ވެސް މިކަން ހާސިލް ނުވެގެން އުޅެނީ ސިޔާސީ މީހުން އިތުރުވެ، ރިކަރަންޓް ހަރަދު ބޮޑުވެގެންނެވެ.
މިފަދަ ބޮޑެތި އަދަދުތަކުގެ ފައިސާ ނުދެއްކި ލަސްވަމުންދިއުމަކީ، ވިޔަފާރިތަކުގެ ފައިސާގެ ދައުރުވުން މަޑުޖެހި، އާންމު ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު ދަށްވެ، އަދި ވަޒީފާގެ ފުރުޞަތުތައް މަދުވުމަށް މަގުފަހިވާނެ ކަމެކެވެ