ޚަބަރު

ގަރުދިޔަ އަށް ފަހު، ފޮތި ނެޕީ ޖަހަން ސަރުކާރުން ރައްޔިތުން ކައިރީ އެދެފި! ސަރުކާރުން ވަނީ މަގޫދޫ މީހުންނަށް "މަގޫފަތް ކާންދޭން" ހުޅަނގުން "ވޯކް" ބައިގަނޑެއް ގެނެސްފައި!

ދިޔަވަރު
ގަރުދިޔަ އަށް ފަހު، ފޮތި ނެޕީ ޖަހަން ސަރުކާރުން ރައްޔިތުން ކައިރީ އެދެފި!  ސަރުކާރުން ވަނީ މަގޫދޫ މީހުންނަށް "މަގޫފަތް ކާންދޭން" ހުޅަނގުން "ވޯކް" ބައިގަނޑެއް ގެނެސްފައި!

ނ. މަގޫދޫގައި ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދު ކުރުމުގެ ނަމުގައި، ދިވެހި ސަރުކާރުގެ އެއްބާރު ލުމާއި އެކު، ހުޅަނގުގެ ވޮކް ސަގާފަތް ދިރުވުމަށް، ފޮތި ނެޕީ ބޭނުންކުރުމަށް ބާރުއަޅާ ތުއްތު ކުދިންނާއި އެކުދިންގެ އާއިލާތަކަށް އަމާޒުކޮށްގެން "ބުޑު ފޮތި"ގެ ނަމުގައި ޕްރޮގްރާމެއް ފަށައިފިއެވެ.

ދިޔަވަރު ނޫހުން މިކަން ހިނގާ ގޮތް ދެނެގަތުމަށް ކުރި މަސައްކަތުން މިކަމުގެ އަޑީގައި ދެ ބައެއްގެ ތަފާތު ދެ އެޖެންޑާ އެއް ވާކަން ފާހަގަ ކުރެވުނެވެ. ފުރަތަމަ ބަޔަކީ ސަރުކާރެވެ. ސަރުކާރުން ބޭނުން ވަނީ، ރާއްޖޭގެ އިޤްތިޞާދީ ހާލަތު ދަށްވެގެން ރާއްޖެ ބަނގުރޫޓު ވެދާނެ ފަދަ ހާލަތެއް ކުރިމަތި ވެދާނެ ކަމަށް ބަލައި، އާންމު ރައްޔިތުންގެ ދަރީން ފޮތި ނެޕީ ޖެއްސުމަށް އާދަ ކުރުމެވެ. މުއްސަނދިން ޖަހާނީ އަބަދުވެސް މޮޅު ނެޕީއެވެ.

ދެން އޮތީ މިކަމުގައި ސަރުކާރާއި އެކީ ބައިވެރިވާ ޖަމާއަތްތަކުގެ ނުބައި އެޖެންޑާއެވެ. އެއީ ހުޅަނގުގެ ވޯކް ސަގާފަތް އާލާކޮށް، ތަރައްޤީ އާއި ދުރު އާދަތައް ތިމާވެށި ރައްކާތެރި ކުރުމުގެ ނަމުގައި ރާއްޖެ ގެނައުމެވެ.

ހުޅަނގުގެ "ވޯކް ކަލްޗަރ" އަކީ ހައްދުފަހަނަޅާފައިވާ، އާދަތައް ގެންނަން ހިންގާ ހަރަކާތެކެވެ. މިއީ އާންމު ދިރިއުޅުމަށް ބުރޫއަރާފަދަ ގޮތަކަށް ކަންކަން ބަދަލުކުރަން މަސައްކަތްކުރާ ހަރަކާތެކެވެ. މި ގޮތުން ހަގީގަތާއި އެއްގޮތް ނޫން ވިސްނުން އުފެއްދުމާއި، އިސްލާމީ އަގީދާގައިވާ ގިނަ ކަންކަމާއި ދެކޮޅު، ސަގާފީ ވަރުގަދަކަން ނައްތާލާ ހަރަކާތެކެވެ. މިއީ މުޖުތަމައު ބައިބައި ކޮށް، ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ހަމަ އެކަނި އޮންނަން ޖެހޭނީ އެމީހުންގެ ވިސްނުމުގެ ތެރެއިން އެކަނި ކަމަށް ބަލާ ހަރަކާތެކެވެ. ފެނިޒަމް އާއި، ތަފާތު ކުރުންތައް އިތުރުކުރާ ހަރަކާތެކެވެ. މި ހުރިހާ ކަމެއް ވެސް މި މީހުން ކުރަނީ ހެޔޮ ރަނގަޅު ކަންކަން ކުރުމުގެ ނަމުގައި، އެ ލޭބަލް އަޅާގެން ތިބެއެވެ.

"ބުޑު ފޮތި" ޕްރޮގްރާމް އަކީ "ވޯކް ކަލްޗަރ" ރާއްޖޭގައި އާލާ ކުރުމަށް ރަށްރަށަށް އަމާޒުކޮށް ފަށާފައިވާ ނުބައި ރޭވުމެކެވެ. މިއީ ތަރައްޤީއާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކާ ދުރަށް ގޮސް، ގައުމުތައް ފަހަތަށް ޖެއްސުމަށް ހުޅަނގުން ތިމާވެށީގެ ނަމުގައި އާއި އެކި ނަންނަމުގައި ހިންގާ ހައްދުފަހަނަ އެޅި ވާތުފިޔާގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިއީ ތިމާވެށި ހިމާޔަތް ކުރުމަށް ކުރާ ކަމެއް ނަމަ، މިކަމުގެ ހައްލު ހޯދޭނެ ކިތަންމެ ގޮތެއްވެސް އެބަހުއްޓެވެ. އަދި ދުނިޔޭގެ ތިމާވެށި ހިމާޔަތް ކުރުމަށް، އެއީ ރާއްޖެ ފަދަ ކުޑަ ގައުމެއްްގެ ނިކަމެތި ރައްޔިތުން، އެމީހުންގެ ދިރިއުޅުން ދަތިކޮށް ގުރުބާން ވާން ޖެހޭ ކަމެއް ވެސް ނޫނެވެ. "ވޯކް ކަލްޗަރ" ތެރޭގައި މިހާރު ފެމެނިޒަމް އާއި، އެއްޖިންސުން ގުޅުން ހިންގުން ފަދަ ކަންތައް ދުނިޔޭގައި ދަނީ ޒީނަތްތެރި ކަންކަން ގޮތުގައި ދައްކަމުންނެވެ. ރާއްޖެއަށް މި "ބުޑު ފޮތީ"ގެ ނަމުގައި މި ހަރަކާތް ގެންނައުމުގައި ސަރުކާރާއި އެކު ތިބީ، "ސޮނޭވާ ނަމޫނާ" ކިޔާ ބައެކެވެ. ސޮނޭވާ އަކީ ރާއްޖޭގައި އޮންނަ "އެއް ޖިންސުން ގުޅުން ހިންގުން" ހުއްދަ ރިސޯޓެއް ގޮތުގައި ބޭރު ދުނިޔޭގައި ޕްރޮމޯޓް ކުރި މައްސަލަ ކުރިން ފެންމަތި ވެފައިވާ ރިސޯޓް ބްރޭންޑެކެވެ.

މި "ވޮކް ކަލްޗަރ" ރާއްޖެ ގެނައުމަށް "ނ. މަގޫދޫ" އަށް ދަތުރު ކުރި ފަރާތްތައް އައީ، އިންޖީނު ނުލާ ބޮއްކުރައެއްގެ ތޯ ސުވާލު ކޮށްލަން ޖެހެއެވެ. ތިމާވެއްޓަށް ވިހަ ގޭސް ދޫކޮށް މި މީހުން އަންނަން ހެޔޮ ވާނެތޯއެވެ. މި މީހުން އެ ހަދިޔާ ކުރި ފޮތި ނެޕީ ހަދާފައިވަނީ ފެކްޓްރީއަކުން ވިހަ ގޭސް ޖައްވަށް ބޭރު ނުކޮށް، މި މީހުންގެ ދެ އަތުން ވިޔަގެން ތޯ ވެސް ބަލާލުން މުހިންމެވެ. ދިވެހި ރައްޔިތުން ހުޅަނގުގެ ހައްދުފަހަނަ އެޅި "ވޯކް" ބަޔަކަށް ހެދުމަށް ކުރަމުންދާ މަސައްކަތަށް ސަރުކާރުން މިދިން އެއްބާރު ލުމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ.

ތިމާވެއްޓަށް އެވަރަށް ދިވެހި ދަރިންގެ ފަރާތުން ނެޕީ ބޭރުވެ، ގެއްލުން ވާނަމަ، ފޮތި ނެޕީ ނޫން ހައްލެއް އޮތްތޯ މި މީހުންނަށް ނުވިސްނުނީތޯ ސުވާލު ކޮށްލަން ޖެހެއެވެ. މިކަމުގައި ބައިވަރު އެހެން ހައްލުތައް އެބަހުއްޓެވެ.

މިގޮތުން؛

  1. ބަޔޯޑިގްރޭޑަބަލް ނެޕީ: ގުދުރަތީ ގޮތުން ފަނާވާ މާއްދާތަކުން އުފައްދާފައިވާ ނެޕީ ސޮނޭވާއިން ރާއްޖޭގެ ހުރިހާ ކުޑަ ކުދިންނަށް ސަރުކާރު މެދުވެރިކޮށް ކުއްޖާގެ އުމުރުން 1 އަހަރު ދުވަސް ވަންދެން ދޭންވީ ނޫންތޯއެވެ؟
  2. ބަދަލުކުރެވޭ ނެޕީ: އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ބައި ހުންނަ، ނަމަވެސް ބޭރު ބައި އަލުން ބޭނުންކުރެވޭ ނެޕީ ތަޢާރަފުކުރުން.
  3. ކޮމްޕޯސްޓަބަލް ނެޕީ: ގަސްކާނާއަށް ބަދަލުކުރެވޭ ގޮތަށް ހަދާފައިވާ ނެޕީ ބޭނުންކުރުން.
  4. ނެޕީ ބޭނުންކުރާ މުއްދަތު ކުރުކުރުން: ކުދިން އަވަހަށް ޓޮއިލެޓް ޓްރެއިން ކުރުމަށް މައިންބަފައިންނަށް އެހީތެރިވެދޭ ޕްރޮގްރާމްތައް ހިންގުން.
  5. އެކަށީގެންވާ ކުނި މެނޭޖްމަންޓް ސިސްޓަމް: ނެޕީ ކުނި ރަނގަޅަށް މެނޭޖްކުރެވޭނެ ނިޒާމެއް ގާއިމުކުރުން.
  6. ހޭލުންތެރިކަން އިތުރުކުރުން: ނެޕީ ބޭނުންކުރުމާއި އުކާލުމުގައި ގެންގުޅެންވީ ރަނގަޅު އާދަތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުން.

މިއީ ހައްތަހާވެސް ކުރެވެން ހުރި ކަންކަމެވެ. އެހެން ކަމުން، ސޮނޭވާއާއި ސަރުކާރުގެ އަމަލާއި ނިޔަތް ގޯހެވެ. މި ހުރިހާ ހައްލުތަކަކީވެސް ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރުމާއެކު، މައިންބަފައިންނަށް ލުއިފަސޭހަކަން ގެނެސްދޭނެ ގޮތްތަކެކެވެ.

ނަމަވެސް، މި "ވޯކް ކަލްޗަރ"ގެ މީހުން ބޭނުންވަނީ ފެނާއި ކަރަންޓުގެ ބިލު ބޮޑުވާހެން ފޮތި ނެޕީ ދިވެހި ކުޑަކުދިން ބޭނުން ކުރާށެވެ. ދަތުރުފަތުރުގައި ވެސް އުނދަގޫ ވާހެން ފޮތި ނެޕީ ބޭނުން ކުރާށެވެ. މައިންގެ ވަގުތުވެސް، ނަގާލުމަށެވެ. މިއީ ސީދާ "ވޯކް ކަލްޗަރ" ދިރުވުމަށް ކުރާ، ބޭކާރު މަސައްކަތެކެވެ.

ހުޅަނގުގެ ހަލާކުވަމުންދާ ސިވިލައިޒޭޝަންގެ މިފަދަ ނޭއްގާނީ ދަށުފެންވަރުގެ ކަންކަން ގެނައުމުގެ ބަދަލުގައި، ހުޅަނގުން ގެންނަންވީ، ތަރައްޤީ އާއި ތަހުޒީބަށް ފެތޭ ކަންކަމެވެ. ޢިލްމާއި ޓެކްނޮލަޖީގެ އީޖާދު ތަކެވެ. ކުރިއަށް ދާން ހުޅުވޭ އިތުރު ދޮރުތަކެވެ.

ސޮނޭވާއިން ދެން ބޭންކުތަކަށް ފައިސާ ހޯދަން ހަދާ ޕްރޮފައިލްގައި ހުޅަނގުގެ ބޭންކުތައް ރުއްސަން ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށް، ދިވެހިން ފޮތި ނެޕީ ޖަހުވަން އެމީހުން ފެށި ކަމަށް ލިޔާނެއެވެ.

ސަރުކާރާއި ގުޅިގެން، ވޮކް ބައިގަނޑެއް އައިސް އެ ދިޔައީ މަގޫދޫ މީހުންނަށް "މަގޫފަތް ކާންދީފަ" އެވެ.