އިއްޔެ މަޖިލީހުގައި ހައުސިންގ މިނިސްޓަރ ދެއްކި ވާހަކަ ތަކާއި ގުޅިގެން، ކަސްޓަމްސްގެ އިންޓާނަލް މެމޯއެއްގައި ހާމަކޮށްފައިވާ ގޮތުގައި، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ ވާހަކައާއި ޚިލާފަށް، ގެދޮރުވެރިޔާ މަޝްރޫޢުގެ 4,000 ފްލެޓުގެ ތެރެއިން 100 ފްލެޓް ކަސްޓަމްސްއަށް ދޫކުރުމަށް ކުރީގެ ސަރުކާރުން ނިންމި ނިންމުމާ އެއްގޮތަށް، މިސަރުކާރުންވެސް އެ ފްލެޓްތައް ދޫކުރުމަށް އެއްބަސްވެފައިވެއެވެ.
ދިޔަވަރު އަށް ލިބިފައިވާ މި މެމޯގައި ބަޔާންކޮށްފައިވަނީ، ކަސްޓަމްސް މުވައްޒަފުންގެ ބޯހިޔާވަހިކަމާ ގުޅޭ މަޝްވަރާތައް ހައުސިން މިނިސްޓްރީ އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެކު ކުރިއަށް ގެންދިއުމަށް ރައީސް އޮފީހުން އެދުމާ ގުޅިގެން، މާރިޗު 18 ގައި ކަސްޓަމްސްއާއި މިނިސްޓަރު ހައިދަރާ ދެމެދު ބައްދަލުވުމެއް ބޭއްވުނު ކަމަށެވެ.
މި ބައްދަލުވުމުގައި، ކުރިން ނިންމާފައިވާ ގޮތަށް 100 ފްލެޓް ކަސްޓަމްސް މުވައްޒަފުންނަށް ދިނުމަށާއި، އިތުރު މުވައްޒަފުންނަށް ފްލެޓް އެޅުމަށް ބޭނުންވާ ބިމެއް ހޯދުމަށް އެއްބަސްވެވުނެވެ. ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި މިނިސްޓަރު ހައިދަރު ވިދާޅުވެފައިވަނީ މި 100 ފްލެޓާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިނުވާ ކަމަށާއި، ކަސްޓަމްސްގެ ވެރިންގެ ފަރާތުން މިކަމުގައި ޝައުޤުވެރިކަމެއް ނެތް ކަމަށެވެ.
ކަސްޓަމްސްގެ މެމޯގައި އިތުރަށް ފާހަގަކޮށްފައިވަނީ، މި 100 ފްލެޓަށް ޝަރުތު ހަމަވާ މުވައްޒަފުންގެ ލިސްޓެއް 2023 ނޮވެމްބަރު 16 ގައި ހައުސިން މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށެވެ. އަދި 2024 ފެބްރުއަރީ 17 ގައި މިކަމާ ގުޅޭ އަޕްޑޭޓެއް ހޯދުމަށް ފޮނުވި ސިޓީއަށް އަދިވެސް ޖަވާބެއް ލިބިފައިނުވާ ކަމަށް ބަޔާންކޮށްފައިވެއެވެ.
ކަސްޓަމްސްއިން އިތުރަށް ބުނެފައިވަނީ، މުވައްޒަފުންގެ ޙައްޤުތައް ކަށަވަރުކުރުމާއި ވެލްފެއަރއަށް އިސްކަންދޭ ކަމަށާއި، 100 ފްލެޓުގެ އިތުރުން މުވައްޒަފުންނަށް އިތުރު ފްލެޓް އެޅުމަށް ބޭނުންވާ ބިން ހޯދުމަށް ސަރުކާރާއި ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށެވެ.
މި 100 ފްލެޓް (85 ތިން ކޮޓަރީގެ އަދި 15 ދެ ކޮޓަރީގެ) ކަސްޓަމްސްއަށް ދިނުމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ނިންމަވައި، 2023 ސެޕްޓެމްބަރު 19 ގައި ރައީސް އޮފީހުން ކަސްޓަމްސްއަށް ލިޔުމުން އަންގާފައިވާކަން ފާހަގަކުރެވެއެވެ.