މާލޭގެ މަގުތަކުގައި ޕާކު ކޮށްފައި ހުންނަ އުޅަނދުތައް, ޕާކު ކުރާނެ ތަންތަން ނުދައްކާ ސްޓިކާ ނުޖަހާނެކަމަށް ދޮގު ވައުދު ވުމަށްފަހު, ފުލުހުން ޓޯކުރާ އުޅަނދުތަކަށް ބޮޑެތި ގެއްލުންވެ, އާންމު ރައްޔިތުންގެ ޕްރެޝަރާ ކުރިމަތިލާން ޖެހިފައިވާ, މިސަރުކާރުގެ ހޯމް މިނިސްޓަރު ރައްޔިތުންގެ ޕްރެޝަރުން "ބޯ ދަމައިގަތުމަށްޓަކާ" އޭނާގެ ބަފާބެގެ ކުންފުނި ކަމުގައިވާ "ހެޕި މާރކެޓް"ގެ އުޅަނދެއް ފުލުހުން ލައްވާ ޓޯކުރާ މަންޒަރުގެ ފޮޓޯއެއް އެކްސްގައި ޕޯސްޓު ކޮށްފިއެވެ.
އެކްސްގައި އިހުސާން ކުރި ޕޯސްޓުގައި ވިދާޅުވީ, މިސަރުކާރުން އުޅަނދުތައް ޓޯ ކުރަމުންދަނީ އިންސާފުން ކަމުގައެވެ. އަދި ޓޯކޮށް, އުޅަނދުތަކަށް ފުލުހުން ދެމުންދާ ބޮޑެތި ގެއްލުން ދިފާއުކޮށް އޭނާގެ އެކްސް ޕޯސްޓުގައި ލިޔެފައި ވެއެވެ.
އެހެންނަަމަވެސް އަލީ އިހުސާންއަށް އެނގި ނުލެއްވި ކަމަކީ, ފުލުހުން އުޅަނދުތައް ޓޯ ކޮށްގެން އާންމު ރައްޔިތުން ކަންބޮޑުވުން ފާޅު ކުރަމުންދަނީ ވަކި މީހެއްގެ އުޅަނދެއް ޓޯކުރުމާއި ނުކުރުމާއި ގުޅޭގޮތުން ނޫންކަން ކަމެވެ. އޭގެ ބަދަލުގައި އާންމު ރައްޔިތުން ކަންބޮޑުވުން ފާޅު ކުރަމުންދަނީ މުއިއްޒު ރިޔާސީ އިންތިޚާބުގައި ވި ވައުދާ ޚިލާފްވެ, އުޅަނދުތައް ޓޯކޮށް, ނިމަކެތި ރައްޔިތުން އަތުން ދައުލަތުގެ މާލިއްޔަތަށް އާމްދަނީ ހޯދަމުންދާތީއެވެ.
މާލޭ މަގުމަތީ ޕާކް ކޮށްފައި ވަނިކޮށް ފުލުހުން ޓޯކުރާ ކާރުތަކަށް ޓޯ ކުރުމުގެ ތެރޭގައި ފުލުހުން ދަނީ އުޅަނދުތަކަށް ބޮޑެތި ގެއްލުންތައް ދެމުންނެވެ.
މާލޭގައި ޕާކް ކުރެވޭނެ ގޮތެއް ނެތި, މަގުމަތީގެ އެކި ހިސާބުތަކުގައި ޓޯ ކޮށްފައި ހުންނަ ކާރުތައް ފުލުހުން ޓޯ ކުރަނީ ފޯކުލިފްޓްތައް ބޭނުން ކޮށްގެން ނަގާ ބޮޑެތި ލޮރީތަކަށް އަރުވައިގެންނެވެ. އަދި ފޯކު ލިފްޓުން ކާރުތައް ނަގާ ލޮރީތަކަށް އަރުވާއިރު, ޓޯ ކުރުމުގެ ސަބަބުން ކާރުތަކު ދޮރުތަކާއި އަދި އެނޫނަސް ބޮޑީގެ އެކި ހިސާބުތަކަށް ބޮޑެތި ގެއްލުންތައް ދަނީ ލިބެމުންނެވެ. މިކަމުގެ ޝަކުވާ ކާރުތަކުގެ ވެރިން ކުރިން ނަމަވެސް ފުލުހުން މިގެއްލުންތަކުގެ ޒިންމާ ނަގަމުންނެއް ނުދެއެވެ.
އަދި ޓޯ ކުރުމަށްފަހު ފުލުހުން ޓޯ ޔާޑަށް ގެންދާ އެއްގަމު އުޅަނދެއް އަނބުރާ ލިބެނީ 750 ރުފިޔާ ދެއްކުމަށް ފަހުއެވެ.
ފުލުހުން ކާރުތައް ޓޯ ކުރަމުންދަނީ, މާލޭގައި ޕާކު ކުރާނެ ތަން ނުދައްކާ, އެއްގަމު އުޅަނދުތަކުގައި ސްޓިކާ ނުޖަހާނެކަމަށް ވިދާޅުވެ މުއިއްޒު ވެފައިވާ ވައުދާއި ޚިލާފް ނުވުމުގެ ގޮތުން, ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށްޓަކައެވެ.
އެހެންނަމަވެސް މީގެ ކުރިން ފުލުހުން މަގުތަކުގައި ހުންނަ އެއްގަމު އުޅަނދުތަކުގައި ސްޓިކާ ޖެހުމުންވެސް ޖޫރިމަނާގެ ގޮތުގައި 750 ރުފިޔާ ދައްކަން ޖެހެއެވެ. އަދި މިހާރުވެސް ޓޯ ކުރާ އުޅަނދެއް ޓޯ ޔާޑުން ނެރުމަށް 750 ރުފިޔާ ދައްކަން ޖެހޭއިރު, މިހާރު ކާރުތަކުގެ ވެރިން އުފުލަންޖެހޭ ތަކުލީފު ބޮޑުވެފައި, އަދި ކުރަންޖެހޭ ޚަރަދުވެސް މާ ބޮޑުތަނުން މިވަނީ އިތުރު ވެގެން ގޮސްފައެވެ.
ސަބަބަކީ ކާރެއް ޓޯ ޔާޑުން ނެރުމަށް 750 ރުފިޔާ ދެއްކުމަށްފަހު އަދި ފުލުހުން ޓޯ ކުރާ ވެހިކަލްތަކަށް ލިބޭ ގެއްލުން ގަރާޖުން މަރާމާތު ކުރުމަށްވެސް ބޮޑު ހޭދައެއް ކުރާންޖެހޭތީއެވެ.
ފުލުހުން އާންމުންނަށް ބޮޑު ގެއްލުމެއް ލިބޭގޮތަށް, ވެހިކަލްތައް ޓޯ ކުރަމުންދަނީ, ސްޓިކާ ނުޖަހާނެކަމަށް ވިދާޅުވެ ފާއިތުވެދިޔަ ރިޔާސީ އިންތިޚާބުގައި މުއިއްޒު ވެވަޑައިގެންނެވި ދޮގު ވައުދު ފޫބެއްދުމަށްޓަކައެވެ.
އެހެންނަމަވެސް މިހާރު ފުލުހުން އަމަލު ކުރަމުންދާ ގޮތަކީ ސްޓިކާ ޖެހުމަށްވުރެވެސް މާ ގެއްލުންބޮޑު އުސޫލަކަށް ވާއިރު, މުއިއްޒު ވެވަޑައިގެން ދޮގު ވައުދެއްގެ ޝިކާރައަކަށްވެ ހަނާވަމުން މިދަނީ ދިވެހި ނިކަމެތި ރައްޔިތުންކަން ފާހަގަ ކޮށްލެވެއެވެ.