ޚަބަރު

އިސްލާމިކް މިނިސްޓަރ ޝަހީމް އަތުގައި އޮތީ ފޭކް އޮންލައިން ޕީއެޗްޑީއެއް ކަން ފަޅާ އަރައިފި - تم الكشف عن أن وزير الشؤون الإسلامية شهيم يحمل شهادة دكتوراه مزيفة عبر الإنترنت

ދިޔަވަރު
އިސްލާމިކް މިނިސްޓަރ ޝަހީމް އަތުގައި އޮތީ ފޭކް އޮންލައިން ޕީއެޗްޑީއެއް ކަން ފަޅާ އަރައިފި - تم الكشف عن أن وزير الشؤون الإسلامية شهيم يحمل شهادة دكتوراه مزيفة عبر الإنترنت

އިސްލާމިކް މިނިސްޓަރު ޝަހީމްގެ އަތުގައި އޮތީ ފޭކު ޕީއެޗްޑީއެއްކަން ފަޅާއަރައިފިއެވެ. ރާއްޖޭގެ ޒަކާތުގެ ނިޒާމަށް އަލިއަޅުވާލާފައިވާ މި ތީސިސްގައި އެއްވެސް އާ ވާހަކައެއް ނެތެވެ. މި ތީސިސްއިން އެކެޑީމިޔާއަށް އެއްވެސް ކޮންޓްރިބިއުޝަނެއް ކޮށްފައެއްވެސް ނެތެވެ. ތީސިސްގައި މުޅީންވެސް ހުރީ ރާއްޖޭގައި މިހާރު ޒަކާތު ސިސްޓަމް މަސައްކަތްކުރާގޮތް، ރިޕޯޓެއްގެ ސިފައިގައި ގެނެސްދީފައެވެ. އޭގެ ބޭރުން ގެނެސްފައިވާ އެންމެހާ ވާހަކަތައް ގެނެސްދީފައިވަނީ ވިކިޕީޑިޔާއާއި އެހެން އޯޕެން ސޯސްތަކުންނެވެ. ރެފަރެންސް ކޮށްފައިހުރީވެސް އެކެޑެމިކް މިންގަޑުތަކުން ބޭރުން، ވެބް ލިންކުތައް ކޮޕީ ޕޭސްޓްކޮށްގެންނެވެ. މީގެތެރެއިން ބައެއް ލިންކުތައް މިހާރު މަސައްކަތެއްވެސް ނުކުރެއެވެ. އޯޕެން ސޯސްއަކީ އެކެޑެމިކް ރިސާޗްތަކުގައި ބޭނުންކުރާ އެއްޗެއް ނޫނެވެ. ސަބަބަކީ ކޮންމެ މީހަކަށްވެސް އެ އެއްޗެހި ބަދަލުކުރެވޭތީއެވެ. އުނި އިތުރު ގެނެވޭތީއެވެ. އެއީ މާބޮޑު ކްރެޑިބިލިޓީއެއް ހުންނަ އެއްޗެއް ނޫނެވެ. އެބްސްޓްރެކްޓްގައިވެސް ގިނަ އަދަދަކަށް ކުށް ހިމެނޭ މި ތީސިސްއަށް ސޯޝަލް މީޑިޔާގައި އާންމު ފަރާތްތަކުންވެސް ދަނީ ފާޑުކިޔަމުންނެވެ. ކުރީގެ ޖުޑީޝަލް ކޮމިޝަންގެ މެންބަރު އާއިޝަތު ވެލެޒިނީވެސް ވަނީ މި ތީސިސްއަށް ފާޑުކިޔާފައެވެ. މިގޮތުން މިއީ ޕީއެޗްޑީ ތީސިސްއެއްގައި ހުންނަން ޖެހޭ ޑެޕްތް ނެތް އެއްޗެއްކަމަށް ބުނެ، މި ތީސިސް ވަނީ އާންމު އާދައިގެ ރިޕޯޓަކާ އެއްވަރުކޮށްފައެވެ. ވެލެޒިނީއަކީ ނެދަލެންޑްސްގައި ޕީއެޗްޑީ ހަދަން އުޅުނު ދަރިވަރެކެވެ. މީގެ އިތުރަށް ކިޔަވައި ދިނުމުގެ ދާއިރާގައި މަސައްކަތްކުރައްވާ އެހެނިހެން ފަރާތްތަކުންވެސް ވަނީ މި ތީސިސްއަށް ވަރަށްބޮޑަށް ފާޑުކިޔާފައެވެ.

ފާހަގަ ކޮށްލެވޭގޮތުގައި ޝަހީމް ވަނީ ސޮފްހާ އިތުރުކުރަންވެސް މޮޅު އުކުޅެއް ބޭނުންކޮށްފައެވެ. މިގޮތުން ލައިން ސްޕޭސިން ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ. މިގޮތަށް ހެދުމުން 325 ސޮފުހާގެ މިތީސިސްގައި ކޮންމެ ސޮފުހާއެއްގައި ގިނަވެގެން އެކުލެވިގެން ވަނީ 14 ވަރަކަށް ލައިނެވެ. އާންމު އެހެން ތީސިސްތަކުގައި ގާތްގަޑަކަށް 30 ވަރަކަށް ލައިން ހުންނައިރު މި މިންގަޑުން ބަލާނަމަ ޝަހީމްގެ ތީސިސްގައި އަސްލު ހިމެނޭނީ 150 ވަރަކަށް ސޮފުހާއެވެ. ޝަހީމް މި ޕީއެޑްޑީ ހެދީ ކުރީގައި އިސްލާމިކް މިނިސްޓަރަކަށް ހުރިއިރު މާލޭގައި ހުރެގެންނެވެ. އެ ޒަމާނަކީ އޮންލައިން އަދި ޑިސްޓެންޓް ޕީއެޗްޑީ މާބޮޑަށް ރެގިއުލޭޓްކޮށްފައި އޮތް ޒަމާނެއް ނޫނެވެ. އެހެން ކަމުން މާލޭގައި ހުރެފައި، އަހަރަކު އެއްފަހަރު ސުޕަވައިޒާއާ މީޓްކޮށްލަން މެލޭޝިޔާއަށް ގޮސްގެން، ހެދި މި ޕީއެޗްޑީގެ އެއްވެސް ފެންވަރެއް ނެތެވެ. ކޮންޓެންޓެއްވެސް ނެތެވެ. ކޮލިޓީއެއްވެސް ނެތެވެ. މިއީ އިގިރޭސިބަހުން ބުނާނަމަ ރަބިޝް އެވެ.

ފާހަގަކޮށްލެވޭގޮތުގައި ޝަހީމް އަކީ ދައްކާ ވާހަކަތަކުގައި އެއްވެސް އޮއްޓަރެއް، ބުރަދަނެއް ހުންނަ ބޭފުޅެއް ނޫނެވެ. 2018 ވަނަ އަހަރު ރިޔާސީ އިންތިހާބު ތެރޭގައި ޓީވީ އިންޓަވިއުއެއްގައި، ރާއްޖޭގައި ރަލާއި އޫރުމަސް ވިއްކަނީ ކީއްވެގެންތޯ އެހުން ޖަވާބުގައި ބުނެފައިވަނީ އެއީ ރަލާއި އޫރުމަސް ދުނިޔޭގައި ހުންނާތީ ކަމަށެވެ. މީގެ އިތުރުން ހަމާސްގެ ޕޮލިޓިކަލް ލީޑަރު، އަދި ފަލަސްތީނުގެ ކުރީގެ ބޮޑުވަޒީރު ޝަހީދުކޮށްލުމާއިގުޅިގެން ރާއްޖޭގައި ކަށުނަމާދު ނުކުރާތީ، ޑރ އިޔާޒު އެވާހަކަ ދެއްކުމުން އެއީ މަޖުބޫރުކަމެއް ނޫންކަމަށްބުނެ ޝަހީމުވަނީ ރައްދުދީފައެވެ. ޝަހީމް މިހެން ބުނުމުން، ހުކުރު އަދި އީދު ނަމާދު ވަކިގަޑިއެއްގައި ކުރަން އިސްލާމިކް މިނިސްޓްރީއިން އަންގަނީ އެއީ ވާޖިބުކަމަކަށް ވެގެންތޯ އިޔާޒް ވަނީ އައްސަވާފައެވެ. 

މިސުވާލަށް އަދިވެސް ޖަވާބެއް ދީފައެއް ނުވެއެވެ. ދެން ކުއްލިއަކަށް މިއަދު، 3 އޯގަސްޓް 2024، ގައި ޑރ އިޔާޒުގެ ތަފްސީރު ކްލާސްތައް އިސްލާމިކް ސެންޓަރާއި ސަލްމާން މިސްކިތުގައި މީގެ ފަހުން ނުބޭއްވޭނެކަމަށާއި، އެހެން މިސްކިތެއް ހޯދުމަށް ބުނެ، އިޔާޒަށް މިނިސްޓްރީއިން ވަނީ އަންގާފައެވެ. މިއީ ރާއްޖޭގެ މިނިސްޓަރަކު އާންމު ފަރުދަކާއި ޒާތީގޮތުން މި ފާޑަށް ޖައްސާލި ފުރަތަމަ ފަހަރުކަންވެސް ފާހަގަ ކޮށްލެވެއެވެ. މިފަދަ ކަންތައްތަކުން ޝަހީމަކީ އެއްވެސް ކޮލިޓީއެއް ނެތް މީހެއްކަން އެގެއެވެ. މިކަން އިތުރަށް މިހާރު މި ކަށަވަރުވީ ޕީއެޗްޑީ ތީސިސްގެ ހަގީގަތް ފަޅާއެރުމުންނެވެ.

‏ރާއްޖޭގައި ފޭކު ޕީއެޗްޑީ ހެދުން މިފަހަކަށް އައިސް ދަނީ ވަރަށް އާންމުވެފައެވެ. މިކަންކަން ރަގަޅަށް މޮނިޓާ ނުކުރާތީ އާންމުންގެ ފާޑުކިޔުން ދޭތެރެ ދޭތެރެއިން އެމްކިއުއޭއަށް އަމާޒުވެއެވެ.