އިސްލާމީ އުއްމަތުގެ ލީޑަރު އިސްމާއިލް ހަނިއްޔެގެ ކަޝުނަމާދު ރާއްޖޭގައި ޢައިބަށް ކުރުމަށް ދީނީ ޢިލްމުވެރިޔާ ޑރ. އިޔާޒު ގޮވާލުމުން އެކަމުގެ އަދަބެއްގެ ގޮތުން, ފާއިތުވި 6 އަހަރު އިސްލާމީ މަރުކަޒުގައި އޭނާ ދެމުންއައި ތަފްސީރު ކުލާސްތައް އިސްލާމީ މަރުކަޒުގެ އިތުރުން ސަލްމާން މިސްކިތުގައިވެސް ކުރިޔަށް ނުގެންދެވޭނެކަން އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ޑރ. އިޔާޒަށް އަންގައިފިއެވެ.
ތަފްސީރު ކުލާސްތައް އިސްލާމީ މަރިކަޒުގައާއި ސަލްމާން މިސްކިތުގައި ކުރިޔަށް ނުގެންދެވޭނެކަން ޑރ. އިޔާޒަށް ޝަހީމް އަންގާފައިވަނީ, އިސްމާއިލް ހަނިއްޔެގެ ކަށުނަމާދު ޢައިބަށް ކުރުމަށް އިޔާޒް އަޑު އުފުލުމާއި ގުޅިގެން އިޔާޒަށް ސޯޝަލް މީޑިއާގައި ޝަހީމް ރައްދު ދީފައި ވަނިކޮށެވެ.
އިޔާޒް ވިދާޅުވެފައިވަނީ, އޭނާއަށް ތަފްސީރު ކުލާސްތައް ކުރިޔަށް ނުގެންދެވޭނެކަން އަންގާފައިވަނީ މިނިސްޓްރީގެ ސްޓާފަކު ގުޅާފައިކަމުގައެވެ. އެހެންނަމަވެސް އެކުލާހަކީ 2018 ވަނަ އަހަރުން ފެށިގެން އިސްލާމީ މަރުކަޒުގައި ނަގައިދެމުން ގޮސްފައިވާ ކުލާހެއް ކަމުގައިވެސް ޑރ. އިޔާޒު ވިދާޅުވެފައި ވެއެވެ.
ފާއިތުވި އެމްޑީޕީގެ ސަރުކާރުގައިވެސް ޑރ. އިޔާޒުވަނީ އެ ސަރުކާރާމެދު ބައެއް ކަންކަމުގައި ހިންހަމަނުޖެހުން ފާޅުކޮށް ފާޑުވެސް ކިޔާފައެވެ. އެހެންނަމަވެސް އެ ފާޑުކިޔުންތަކުގެ ބަދަލު ހިފާ, ތަފްސީރު ކުލާސް ހުއްޓާލުމަށް އަންގާ, ދީނީ މައުލޫމާތު ފެތުރުމަށް އެ ސަރުކާރުން ހުރަސް އަޅާފައެއް ނުވެއެވެ.
ޑރ. ޝަހީމް ޑރ. އިޔާޒުދެކެ ކޯފާ އިސްކޮށްގެ އުޅުއްވަނީ, އިސްރާއީލުން ޝަހީދު ކޮށްލި, ހަމާސް ޖަމާއަތުގެ ލީޑަރު އިސްމާއިލް ހަނިއްޔެގެ މައްޗަށް ޢައިބުގައި ކަށުނަމާދު ކުރުމަށް އޭނާ ގޮވާލުމާއި ގުޅިގެންނެވެ. އަދި ޑރ. ޝަހީމް ފާހަގަ ވެފައިވަނީ ފާޑުކިއުންތައް ހަޖަމް ނުވާ, އަދި ފާޑުކިޔާ ކޮންމެ މީހަކު ބްލޮކް ކުރަމުންދާ ފަރާތެއްގެ ގޮތުގައެވެ.
ރާއްޖޭގެ ހުރިހާ މިސްކިތެއްގައި އިސްމާއިލް ހަނިއްޔެގެ މައްޗަށް ރާއްޖޭގައި ޢައިބަށް ކަށުނަމާދު ކޮށްފައިވާކަމަށްބުނެ, ޕީއެސްއެމްއިން މިއަދު ފެތުރީ ބޮޑު ދޮގެއްކަން ހާމަވެ, އިސްލާމީ އުއްމަތުގެ ލީޑަރަކު ޝަހީދުކޮށްލި މިހާދިސާއާއި ގުޅޭގޮތުން ސަރުކާރުން އަމަލު ކޮށްފައިވާ ގޮތަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒު ވެފައިވަނިކޮށް, ޝަހީމް ވިދާޅުވެފައިވަނީ ހަނިއްޔެގެ މައްޗަށް ޢައިބަށް ކަށު ނަމާދު ކުރުން އިމާމުންނަށް ދޫކޮށްފައި އޮތީ އިޚްތިޔާރީ ކަމެެއްގެ ގޮތުގައި ކަމުގައެވެ.
އަދި އެކަން އިމާމުންނަށް ވާޖިބު ނުކުރީ ކަށުނަމާދަކީ ވާޖިބަކަށް ނުވާތީ ކަމުގައިވެސް ޝަހީމް ވިދާޅުވެފައި ވެއެވެ. އަދި ރާއްޖޭގައި އިސްމާއިލް ހަނިއްޔެގެ މައްޗަށް ކަށު ނަމާދު ނުކުރުމުގެ ޒިންމާ ޝަހީމް އަަޅުވާފައިވަނީ އިމާމުންގެ ބޮލުގައެވެ.
އެހެންނަަމަވެސް, އިސްމާއިލް ހަނިއްޔެ ޝަހީދު ކުރިކުރުން މިސަރުކާރުގެ އިސް އެއްވެސް ވެރިޔަކު ކުށްވެރި ކޮށްފައެއް ނުވެއެވެ. އަދި ޑރ. މުއިއްޒުވެސް, އިސްލާމިކް މިނިސްޓަރުކަމުގައި ހުންނެވި ޑރ. ޝަހީމްވެސް މިހަމަލާ ކުށްވެރި ކޮށްފައެއްވެސް ނުވެއެވެ.
މުސްލިމު އެތައް ގައުމެއްގައި, ޝަހީދު ކޮށްލެވުނު, ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތުގެ ލީޑަރު އިސްމާއިލް ހަނިއްޔެގެ ކަށު ނަމާދު ޢައިބަށް އިއްޔެ ކޮށްފައިވާއިރު, ދިވެހިރާއްޖޭގައި, އެތައް ބައެއްގެ އެދުމާއެކުވެސް, އިސްމާއިލް ހަނިއްޔެގެ ކަށުނަމާދު ޢައިބަށް ކުރުމަށް މިސަރުކާރުން އިލްތިމާސް ކޮށްފައެއް ނުވެއެވެ.
އިސްރާއީލުގެ އަނިޔާވެރި ހަމަލާއެއްގައި ޝަހީދުކޮށްލެވުނު ހަނިއްޔާގެ ޖަނާޒާ އިއްޔެވަނީ ގަތަރުގައި ބާއްވާފައެވެ. ހަނިއްޔާގެ ކަށުނަމާދު ކުރެވުނީ ގަތަރުގެ ވެރިރަށް ދޯހާގެ، އިމާމް މުހައްމަދު ބިން އަބްދުލްވައްހާބު މިސްކިތުގައި ހުކުރު ނަމާދަށް ފަހުއެވެ. އަދި ހަނިއްޔާ ފަސްތާނުލެވުނީ ދޯހާގެ އުތުރުގައި އޮންނަ ލުސައިލްގެ ގަބުރުސްތާނުގައެވެ.
އިރާނުގެ އާ ރައީސްގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވަޑައިތުމަށްޓަކާ އެގައުމަށް އިސްމާއިލް ހާނިއްޔެ ވަޑައިގެން ހުންނެވި ގެކޮޅުގައި ގޮއްވާލި ބޮމުގެ ހަމަލާއެއްގައި އޭނާ ޝަހީދު ކޮށްލާފައިވަނީ ފާއިތުވި ހަފްތާގެ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އަދި ދުނިޔޭގެ އިސްލާމީ ގައުމުތަކުން ދަނީ އިސްރާއީލުގެ މި އަނިޔާވެރި އަމަލު ކުށްވެރި ކުރަމުންނެވެ.
“ދިޔަވަރު އޮންލައިން”އަށް މައުލުމާތު ދިން ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ ރާއްޖޭގައި އިސްމާއިލް ހަނިއްޔޭގެ މައްޗަށް ޢައިބުގައި ކަށުނަމާދު ކުރުމަށް މުއިއްޒު ވަނީ ދެކޮޅު ހައްދަވާފައި ކަމުގައެވެ. އޭގެ ސަބަބެއް ކަމުގައި އޭނާ ވިދާޅުވީ ހުޅަނގުގެ ގައުމުތަކާއި އަދި ޚާއްސަކޮށް އެމެރިކާގެ ނުރުހުން މި ސަރުކާރަށް އަމާޒުވެގެން ހިގައިދާނެކަމަށް މުއިއްޒުއަށް ހީކުރެއްވުމެވެ.
ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމުގެ ބޭނުމުގައި, ފަލަސްތީނުގެ މިނިވަންކަމަށްޓަކާ ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ އެންމެ އިސްވެރިޔާ އިސްމާއިލް ހާނިއްޔެ, ޔަހޫދީ ދައުލަތުގެ އަނިޔާވެރި ހަމަލާއެއްގައި ޝަހީދު ކޮށްލިތާ ދެ ދުވަސްފަހުން, އޭނާ ޝަހީދު ކޮށްލުން ސަރުކާރުން ކުށްވެރި ކުރިއެވެ.
ހަމައެއާއެކު, ފަލަސްތީނުގެ ހައްގު ހޯދުމަކަމަށް ވިދާޅުވެ, ފަލަސްތީނާއި ގުޅުންހުރި ހުރިހާ ކަމެއްގައި އެންމެ ފުރަތަމަ ކުރެޑިޓް ނެގުމަށް މުއިއްޒު ފާއިތުވެދިޔަ ތަނުގައި ޓުވީޓު ކުރައްވަމުން ގެންދެވި ނަމަވެސް, ފަލަސްތީނުގެ ހައްގުގައި ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތުގެ ލީޑަރު އަނިޔާވެރިކޮށް އަވަހާރަކޮށްލުން ކުށްވެރިކޮށް މިއަދާއި ހަމައަށްވެސް ޓުވީޓު ކޮށްފައި ނުވެއެވެ.
އިސްމާއިލް ހަނިއްޔާ ޝަހީދު ކުރުން މިސަރުކާރުން ކުށްވެރި ކޮށްފައިވަނީ, އެންމެ ދެފޮޅުވަތުގެ ބަޔާނަކުން, އީރާނުގައި އޭނާގެ ޖަނާޒާވެސް ބޭއްވި ފަހުންނެވެ. އަދި އިސްމާއިލް ހައްނިއްޔާ ޝަހީދު ކޮށްލުން ކުށްވެރިކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި އިސްރާއީލުގެ ނަންވެސް ގެނެސްފައެއް ނުވެއެވެ.
އަދި ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ ލީޑަރު ޝަހީދު ކޮށްލި އަނިޔާވެރި މިހަމަލާ މުއިއްޒުވެސް ކުށްވެރި ކޮށްފައި ނުވާއިރު މިސަރުކާރުގެ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމްވެސް އިސްރާއީލުގެ މި އަނިޔާވެރި އުދުވާން ކުށްވެރި ކޮށްފައެއް ނުވެއެވެ.
މިސަރުކާރުން އިސްރާއީލުގެ މިފަދަ އުދުވާންތައް ކުށްވެރި ކުރަމުން ނުދާތާގައި, މުއިއްޒު ގެންދަވަނީ އިސްރާއީލުގެ ގާތިލުންނަށް ރާއްޖޭގެ ގޮނޑުދޮށްތަކުން ފަސްތަރީގެ ޚިދުމަތް ލިބިގަތުމުގެ ފުރުސަތުވެސް ފަހިކޮށް ދެމުންނެވެ.
އަދި ފާއިތުވި މޭމަހު, އިސްރާއީލުގެ ޕާސްޕޯޓުތައް ރާއްޖެއަށް މަނާކުރުމަށް ނިންމުމަށްފަހުވެސް ހުޅަނގުގެ ގައުމުތަކަށް ބިރުން, މުއިއްޒުވަނީ އަމިއްލަފުޅު ކެބިނެޓުން ނިންމި ނިންމުންވެސް ތަންފީޒުކުރުމަށް ފަސްޖެހިގައެވެ.
މުއިއްޒު ފާހަގަ ކުރެވިފައިވަނީ, ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަންކަން ލިބެންޖެހޭނެކަމަށް ބުނެ ހަމައެކަނި ޓުވީޓު ކުރައްވާ ވެރިއެއްގެ ގޮތުގައެވެ. އަދި ޓުވީޓު ކުރެއްވުމަށްފަހު, މުއިއްޒު ގެންދަވަނީ މުނާފިގުކަމުގެ ސިފަ ދައްކަވާ, އިސްރާއީލުގެ ގާތިލުން އަތުން ލިބޭ މަދު ފައިސާކޮޅެއްގެ ދަހިވެތިކަމުގައި އެގައުމުގެ ވެރީންނާއި އަނިޔާވެރި ސައިފައިނަށްވެސް ރާއްޖޭގެ ގޮނޑުދޮށްތަކުގައި ހިންއުފާ ކުރުމުގެ ފުރުސަތު ފަހިކޮށް ދެމުންނެވެ.