ޝަހީމުގެ އުޅުމަށް ބަދަލުތައް އައިސްފައިވާތީ، ގާތް އެކުވެރި ހަސަން ޒާހިރު އަބްދުލް މަންނާން ޝަހީމަށް ނަސޭހަތެއް ދިނުމުން ބްލޮކްކޮށްލަނީކަމަށް ބުނެ ބްލޮކްކޮށްފިއެވެ.
އިސްލާމިކް މިނިސްޓަރު ޝަހީމުގެ ފަރާތުން ވަރަށް ބޭއަދަބީ ކަންކަމާއި، އަހުލާގީގޮތުން ދަށް ފެންވަރުގެ ކަންކަން ފެންނަމުންދާތީއާއި، ކޮރަޕްޝަން ބޮޑުވެ، އަދި ދީނީގޮތުންވެސް ބައެއް ރައްދުތައް މީހުންނަށް ސޯޝަލްމީޑިޔާގައި ހުތުރުކޮށްދީ، ދީނީ އެހެން އިލްމުވެރިންނާއި ޖަދަލުވެސް ކުރައްވާތީ، ޝަހީމުގެ އެންމެ ގާތް އެއް އެކުވެރިއެއް ކަމުގައިވާ ހަސަން ޒާހިރު އަބްދުލް މަންނާން ނަސޭހަތެއް ދިނުމުން، ބްލޮކްކޮށްލަނީކަމަށް ބުނެ ޝަހީމް އެބޭފުޅާ ބްލޮކްކޮށްފިއެވެ. މިކަން ހިގާފައިވަނީ މިއަދު، 3 އޯގަސްޓް 2024، ގައި ފޭސްބުކް މެސެންޖާގައެވެ.
ހަސަން ޒާހިރު އެބޭފުޅާގެ ފޭސްބުކް ސްޓޭޓަސްއެއްގައި މި ހާދިސާ ހިއްސާކުރައްވަމުން ލިޔުއްވާފައި ވަނީ "އިސްލާމިކް މިނިސްޓަރ، އަލް ޙާފިޒް، އައްޝައިޚް، ޑރ މުޙައްމަދު ޝަހީމް ޢަލީ ޞަޢީދު ފޭސްބުކުން އަޅުގަނޑު ބްލޮކް ކުރައްވައިފި! އެމަނިކުފާނުގެ ފަރާތުން ފެންނަ ބައެއް ކަންކަމާމެދު ހެޔޮ އެދިގެން ދިން ނަސޭޙަތް ބައްލަވައި ވިދާޅުވީ ބްލޮކް ކޮށްލަނީ ކަމަށެވެ! އަދި އަޅުގަނޑަކީ އަބަދުވެސް އެއްޗެހި ކިޔާ މީހެއްކަމުގައެވެ! ޙަޤީޤަތަކީ އަޅުގަނޑު އަބަދުވެސް އެމަނިކުފާނުގެ ޤުރުއާން ކިޔެވުމުގެ ރީތިކަމާއި، މިނިސްޓްރީ ހިންގެވުމުގެ ވައްޓަފާޅިއަށް ތަޢުރީފް ކުރާކަމެވެ! ކަމު ނުދާ ކަންކަމަށް ފާޑު ކިޔުމަކީ ރައްޔިތެއްގެ ޙައިސިއްޔަތުން އަޅުގަނޑުމެނަށް ލިބިފައިވާ ޙައްޤެކެވެ! އަޑުއެހުމާއި، ތަޙައްމަލުކުރުމުގެ ޤާބިލިއްޔަތު ނެތް ބޭފުޅުން ދައުލަތުގެ ޕޭރޯލުގައި ތިބުމީ ބުއްދިވެރިކަމެއް ނޫނެވެ!"
މިހެންނެވެ. ހަސަން ޒާހިރާއި ޝަހީމްގެ އެންމެ ފަހުގެ ޗެޓްލޮގް މިހާރު ދަނީ ސޯޝަލް މީޑިޔާގައި ދައުރުވަމުންނެވެ. އޭގައި ހަސަން ޒާހިރު ވިދާޅުވެފައިވަނީ އެބޭފުޅާ ޝަހީމަށް ކުރިން ކުރި އިހުތިރާމް މިހާރު ނުކުރައްވާ ކަމަށެވެ. އަދި އެބޭފުޅާ ޝަހީމަށް ދިނީ ހެޔޮ ނަސޭހަތެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ޝަހީމްއަކީ ހަޖަމްކުރުމުގެބައި ވަރަށް ދަށް ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ. ހަމާސްގެ ޕޮލިޓިކަލް ލީޑަރު، އަދި ފަލަސްތީނުގެ ކުރީގެ ބޮޑުވަޒީރު ޝަހީދުކޮށްލުމާއިގުޅިގެން ރާއްޖޭގައި ކަށުނަމާދު ނުކުރާތީ، ޑރ އިޔާޒު އެވާހަކަ ދެއްކުމުން އެއީ މަޖުބޫރުކަމެއް ނޫންކަމަށްބުނެ ޝަހީމުވަނީ އިއްޔެ، 2 އޯގަސްޓް 2024، ރައްދުވެސްދީފައެވެ. ޝަހީމް މިހެން ރައްދު ދިނުމުން، ހުކުރު އަދި އީދު ނަމާދު ވަކިގަޑިއެއްގައި ކުރަން އިސްލާމިކް މިނިސްޓްރީއިން އަންގަނީ އެއީ ވާޖިބުކަމަކަށް ވެގެންތޯ އިޔާޒް ވަނީ އައްސަވާފައެވެ. މިސުވާލަށް ޖަވާބު ނުދީ މިއަދު، 3 އޯގަސްޓް 2024، ގައި ޑރ އިޔާޒުގެ ތަފްސީރު ކްލާސްތައް އިސްލާމިކް ސެންޓަރާއި ސަލްމާން މިސްކިތުގައި މީގެ ފަހުން ނުބޭއްވޭނެކަމަށާއި، އެހެން މިސްކިތެއް ހޯދުމަށް ބުނެ، އިޔާޒަށް މިނިސްޓްރީއިން ވަނީ އަންގާފައެވެ. މިއީ ރާއްޖޭގެ މިނިސްޓަރަކު އާންމު ފަރުދަކާއި ޒާތީގޮތުން މި ފާޑަށް ޖައްސާލި ފުރަތަމަ ފަހަރުކަންވެސް ފާހަގަ ކޮށްލެވެއެވެ. މިފަދަ ކަންތައްތަކުން ޝަހީމަކީ އެއްވެސް ކޮލިޓީއެއް ނެތް މީހެއްކަން އެގެއެވެ. މިކަން އިތުރަށް މިހާރު މި ކަށަވަރުވީ ޕީއެޗްޑީ ތީސިސްގެ ހަގީގަތް ވެސް ފަޅާއަރާފައިވާ ދަޑިވަޅެއްގައެވެ. ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ލިޔެކިޔުންތަކުން އެގޭގޮތުގައި ޝަހީމް އަތުގައި އޮތީ ފޭކު ޕީއެޗްޑީއެކެވެ.