އިސްލާމީ މަރުކަޒަކީ ރާއްޖޭގައި ހުރި އެންމެ ބޮޑު އިސްލާމީ ބިނާއެވެ. އަދި އެއީ ހުރިހާ ސަރުކާރަކުންވެސް, ރާއްޖޭގައި ދީނީ ތައުލީމު ފެތުރުމަށް އެކި ގޮތްގޮތަށް ބޭނުން ކުރަމުން އަންނަ މުހިންމު ބިނާއެއްކަންވެސް ފާހަގަ ކޮށްލާން ޖެހެއެވެ. އެގޮތުން އެތަނުގައި ނަމާދު ކުރުމުގެ އިތުރުން, ދީނީ ކަންކަމާއި ގުޅުންހުރި ޖަލްސާތައް ބޭއްވުމާއި, އެކިއެކި ދަރުސްތައް ދިނުމުގެ ފުރުސަތު އަބަދުވެސް އެ މިސްކިތުގައި ކޮންމެ ސަރުކާރަކުން ވަނީ ފަހިކޮށް ދީފައެވެ.
އެހެންނަމަވެސް މި ސަރުކާރު ވެރިކަމަށް އައުމަށްފަހު އިސްލާމީ މަރުކަޒު ފާހަގަވާން ފަށާފައިވަނީ މުޅިން ތަފާތު ބިނާއެއްގެ ގޮތުގައެވެ. އެގޮތުން އެ މަރުކަޒުގައި ހުކުރު ކުރުމުގެ ފުރުސަތު ވަކި ބަޔަކަށް އެކަނި ލިބެމުންދާކަމުގެ ޝަކުވާތައް މިސަރުކާރު ވެރިކަމަށް އައުމަށްފަހު ވަނީ ގަދަވެގެން ގޮސްފައެވެ.
އެގޮތުން ވެރިކަމަށް މުއިއްޒު އައި ހަފްތާގައި, މީގެ ކުރިންވެސް އިސްލާމިކް މިނިސްޓްރީގެ މުވައްޒަފެއްގެ ގޮތުގައި ހުންނެވި ޝެއިހް ލަތީފް (ސާޖިދާގެ ބޮޑުބޭބެ)ގެ މަގާމު މިނިސްޓަރ ފެންވަރަށް ވަނީ ގެނެސްފައެވެ. އަދި އޭނާވަނީ މިނިސްޓަރުން ފެންވަރުގަ އިސްލާމީ މަރުކަޒުގެ އިމާމަކަށް ހަމަޖައްސަވާފައެވެ.
އެއަށްފަހު އެ މަރުކަޒުގައި އިމާމްވެ ނަމާދު ކުރުމުގެ ފުރުސަތު އެހެން މީހަކަށް ލިބިފައެއް ނުވެއެވެ. އޭގެ އިތުރުން ފާއިތުވި ރޯދަ ނިމެންދެން އިމާމް ލަތީފުގެ ދެ ދަރިން (ސާޖިދާ އަށް ދައްތަ ކިޔާ ދެ ކުދިންނަށް) ނޫނީ އިސްލާމީ މަރުކަޒުގައި ތަރާވީހު ނުކުރެވޭ ގޮތް ސާޖިދާގެ އެދުމަށް ހަދާފައި ވެއެވެ.
ހަމައެއާއެކު އިސްލާމީ މަރުކަޒުގައި ހުކުރު ޚުތުބާ ކިޔުމުގެ ފުރުސަތުވެސް ޑރ. ޝަހީމްގެ ރުހުން އޮތް މީހަކަށް މެނުވީ މިސަރުކާރުގައި ލިބެމުން ނުދާކަމުގެ ޝަކުވާ އެތައް އިލްމުވެރިންނެއް ދަނީ ކުރަމުންނެވެ.
އެއަށްފަހު މިއަދު ކުރިމަތިވެގެން އުޅެން ޖެހިފައިވާ މައްސަލައަކަށް މިއަދު ވެގެން ގޮސްފައި މިވަނީ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އިޔާޒް އިސްލާމީ މަރުކަޒުގައި ދެއްވަމުން ގެންދަވާ ތަފްސީރު ކުލާސްތައް ޝަހީމް ޑރ. އިޔާޒްއާމެދު ހިތްޕުޅާ ނުވުމުން ހުއްޓުވި މައްސަލައެވެ.
ޑރ. ޝަހީމް ޑރ. އިޔާޒުދެކެ ކޯފާ އިސްކޮށްގެ އުޅުއްވަނީ, އިސްރާއީލުން ޝަހީދު ކޮށްލި, ހަމާސް ޖަމާއަތުގެ ލީޑަރު އިސްމާއިލް ހަނިއްޔެގެ މައްޗަށް ޢައިބުގައި ކަށުނަމާދު ކުރުމަށް އޭނާ ގޮވާލުމާއި ގުޅިގެންނެވެ. އަދި ޑރ. ޝަހީމް ފާހަގަ ވެފައިވަނީ ފާޑުކިއުންތައް ހަޖަމް ނުވާ, އަދި ފާޑުކިޔާ ކޮންމެ މީހަކު ބްލޮކް ކުރަމުންދާ ފަރާތެއްގެ ގޮތުގައެވެ.
ފާއިތުވި އެމްޑީޕީގެ ސަރުކާރުގައިވެސް ޑރ. އިޔާޒުވަނީ އެ ސަރުކާރާމެދު ބައެއް ކަންކަމުގައި ހިންހަމަނުޖެހުން ފާޅުކޮށް ފާޑުވެސް ކިޔާފައެވެ. އެހެންނަމަވެސް އެ ފާޑުކިޔުންތަކުގެ ބަދަލު ހިފާ, ތަފްސީރު ކުލާސް ހުއްޓާލުމަށް އަންގާ, ދީނީ މައުލޫމާތު ފެތުރުމަށް އެ ސަރުކާރުން ހުރަސް އަޅާފައެއް ނުވެއެވެ.
ޑރ. އިޔާޒްވެސް ވިދާޅުވެފައިވަނީ، ޖެހުގެން އުޅޭ މައްސަލައަކީ ޙަމާސް ޖަމާޢަތުގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ ޝަހީދުކޮށްލުމާއި ގުޅިގެން އެމަނިކްފާނުގެ މައްޗަށް ޣައިިބަށް ކަށުނަމާދު ކޮށްދިނުމަށް އެދުމުން، ބަޔަކު މީހުންގެ ފިއްތުމާއި ހުރެ އެކަން ކުރައްވަން ކެރިވަޑައިނުގެން، އެކަމުގެ މަތިޖެއްސެވުމަށް ޝަހީމް މަސައްކަތް ކުރައްވަމުން ގެންދަވާ ދިއުން ކަމުގައެވެ.
އެހެންނަމަވެސް, ޑރ. ޝަހީމްގެ ހިތުގައި އުފެދޭ ޒާތީ ޖަޒްބާތަކާއި ގުޅިގެން ދައުލަތުގެ މިމުހިންމު ބިނާއަކީ ހަސަދަ ފޮލުވާލުމަށް އޮތް ވަސީލަތަކަށް ހަދައިގެން ނުވާނެއެވެ. އަދި އިސްލާމީ މަރުކަޒުގައި ތަފްސީރު ކުލާސްތައް ކުރިޔަށް ގެންދަންވާ ގޮތް އޮންނަންޖެހޭނީ ޝަހީމްގެ ވިސްނުމަކުވެސް ނޫނެވެ. އަދި އެއީ ޝަހީމު ޒާތީ ހަސަދަ ފިލުވާ ވަސީލަތަކަށްވެސް ހެދިގެން ނުވާނެއެވެ.
އެމަރުކަޒު ބޭނުންކުރުމަށް ލިޔެވި ބަޔާން ކުރެވިފައި އޮންނަ އުސޫލެއް އޮންނާން ޖެހެއެވެ. ގަވާއިދެއް އޮންނާން ޖެހެއެވެ. އިސްލާމި މަރުކަޒަކީ ޝަހީމްގެ އަމިއްލަ ގެދޮރަށް ނުވާތީއެވެ. އަދި އެއީ ވަޒީރުގެ ވާރުތަ މުދަލަކަށްވެސް ނުވާތީއެވެ.