ޚަބަރު

"ކޮލަބޮރޭޝަންތަކާއި" "ފްރުޓްފުލް" މީޓިންގތައް ފެއިލްވެ ނުބާއްވަން އުޅުނު، ޔޮޓްރެލީ ބާއްވަން ނިންމައިފި

ދިޔަވަރު
"ކޮލަބޮރޭޝަންތަކާއި" "ފްރުޓްފުލް" މީޓިންގތައް ފެއިލްވެ ނުބާއްވަން އުޅުނު، ޔޮޓްރެލީ ބާއްވަން ނިންމައިފި

ރައީސް ސޯލިޙުގެ ސަރުކާރުން ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔަ ސަވާދީއްތަ ދަތުރު ޔޮޓްރެލީ 2024 ގައި މި ސަރުކާރަށް ކާމިޔާބު ކަމާއި އެކު ނުބޭއްވުމާއި ގުޅިގެން، އެމް.އައި.ޓީ.ޑީ.ސީ ގެ މެނޭޖިންގ ޑިރެކްޓަރު ވަނީ 2025 ވަނަ އަހަރު ޔޮޓްރެލީ ނުބާއްވައި، އާ ހަރަކާތެއް ބޭއްވުމަށް ރާވާފައެވެ. ނަމަވެސް ރާއްޖެއަށް ފަތުރުވެރިން ޝައުގުވެރި ކުރުވުމަށް، އިތުރު އާ ހަރަކާތެއް ބޭއްވުމުގެ އިޖާދީ ވިސްނުމާއި، ލަޔާގަތު ނެތުމުން، އެންމެފަހުން، ރައީސް ސޯލިހުގެ ސަރުކާރުން ބާއްވަމުން ދިޔަ، ސަވާދީއްތަ ދަތުރު ބާއްވަން ނިންމާފިއެވެ. މިއީ އެމް.އައި.ޓީ.ޑީ.ސީ އިން އާ ކަމެއް ނުކުރެވޭނެކަން އެނގުމުން، ކުންފުނިން ކޮންމެވެސް ކަމެއް ކުރާކަން ދައްކަންވެގެން ނިންމި ނިންމުމެއް ކަމަށް ބެލެވެއެވެ.

އެމް.އައި.ޓީ.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރަކީ ޖުމްހޫރީޕާޓީން އެމްޑީޕީން އަދި އަންނި ފަހަތުން އުޅެ، މުޢިއްޒުއަށް ވެރިކަން ލިބުމުން ކުއްލިއަކަށް މަޤާމަށް ޢައްޔަންކުރެވުނު ފަރާތެކެވެ. ރިޔާސީ އިންތިހާބުގައި ފުރަތަމަ ބުރުގައި ޝިއުނާ އުޅުއްވީ ރައީސް ސޯލިހް އަށް ކެމްޕެއިން ކޮށް ދިނުމުގައެވެ.

ޔޮޓްރެލީއަކީ އެމް.އައި.ޓީ.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރަށް އެއްވެސް ކްރެޑިޓެއް ލިބެން ނެތް ކަމަކަށްވާތީ، އޭނާ މަސައްކަތްކުރީ މުޅި އިވެންޓު އެއްކޮށް ވުޖޫދުން ގެއްލުވާލުމަށެވެ. އެގޮތުން ޔޮޓްރެލީގެ ވެބްސައިޓުވެސް ޑިލީޓްކޮށްލާ އަދި 2024 ގައި ބޭއްވި ޔޮޓްރެލީއާ ގުޅޭ މަޢުލޫމާތު ވަނީ މަދުކޮށްލާފައެވެ.

2024 ޔޮޓްރެލީގައި ބައިވެރިވި 10 ޔޮޓުގެ ތެރެއިން 4 ޔޮޓު ވަނީ ރެލީ ފުރިހަމަނުކޮށް އަނބުރާ ގޮސްފައެވެ. އަދި 2024 ޔޮޓްރެލީގެ ދޯދިޔާކަމުގެ ވާހަކަތައް ބައިނަލްއަގުވާމީ އެކި ފޯރަމްތަކުގައި ލިޔެފައި އެބަހުއްޓެވެ. 2024 ޔޮޓްރެލީއަކީ ނާކާމިޔާބުކޮށް ދިޔަ ހަރަކާތެކެވެ.

އެމް.އައި.ޓީ.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރު ޝިއުނާ އެންމެ ފުރަތަމަ މަސައްކަތްކުރީ މުޅިން ތަފާތު އާ އިވެންޓެއް ބާއްވަންށެވެ. ޕީއެސްއެމް ޓީވީއަކަށް ދިން އިންޓަވިއުއެއްގައި އެމް.އައި.ޓީ.ޑީ.ސީން މާމޮޅު އިވެންޓެއް ބާއްވަން ރެޑީވަނީއޭ ކިޔައިގެން ވާހަކަދެއްކިއެވެ. އެކަމަކު އާޚިރަތުގައި މިޖެހުނީ ރައީސް ސޯލިޙު ތަޢާރަފް ކުރެއްވި ޔޮޓްރެލީ ކުރިއަށް ގެންދާށެވެ.

އެމް.އައި.ޓީ.ޑީ.ސީން މިހާރު ގެންދަނީ އުތުރުގެ ބައެއް ރަށްތަކުގެ ކައުންސިލްތަކާއެކު ޒޫމް މީޓިންގތައް ބާއްވަމުންނެވެ. މި ބައްދަލުވުންތަކުގައި ބައިވެރިވި ބައެއް ކައުންސިލްތަކުން މި ސައިޓަށް މަޢުލޫމާތު ދިން ގޮތުގައި އެމް.އައި.ޓީ.ޑީ.ސީން މަސައްކަތް ކުރަނީ އެއްވެސް މިސްރާބެއް ނެތި ކަމަށާއި، ކުރަން އުޅޭ ކަމެއްވެސް ނޭނގޭކަމަށާ ހުރިހާ ކަމެއް ހުރިހާ ޚަރަދެއް ކައުންސިލް ބޮލަށް ޖަހައިގެން ރަށްތައް ޕްރޮމޯޓްވާނެއޭ ކިޔައިގެން ކައުންސިލްތަކަށް ބާރުއަޅަން މަސައްކަތްކުރާ ކަމަށެވެ. މިހާތަނަށް އެމް.އައި.ޓީ.ޑީ.ސީން ބައްދަލުކުރި ގިނަ ކައުންސިލްތަކުން ވަނީ 2025 ޔޮޓްރެލީއަށް އިންކާރުކޮށްފައެވެ. އަދި އެއީ އެމް.އައި.ޓީ.ޑީ.ސީގެ ބޮޑު އޮޅުވާލުމެއްކަމަށް ކައުންސިލްތަކުން ބުނަމުން ގެންދެއެވެ.