ސިޔާސީ

ލާމަރުކަޒީ ނިޒާމުގެ މުސްތަޤްބަލު: (އެލްޖީއޭ) އުވާލުމާއި، ކައުންސިލްތައް އުވާލައި، ރައްޔިތުން އަޑު އެކީ އެއްކޮށް ކަނޑާލައި، ކުޑަ ކާފު، ބޮޑު ކާފުގެ އަޅުވެތި ކަމަށް؟

ދިޔަވަރު
ލާމަރުކަޒީ ނިޒާމުގެ މުސްތަޤްބަލު: (އެލްޖީއޭ) އުވާލުމާއި، ކައުންސިލްތައް އުވާލައި، ރައްޔިތުން އަޑު އެކީ އެއްކޮށް ކަނޑާލައި، ކުޑަ ކާފު، ބޮޑު ކާފުގެ އަޅުވެތި ކަމަށް؟

ރައީސް މުޢިއްޒުގެ ސަރުކާރުއައީ ލޯކަލް ގަވަރމަންޓް މިނިސްޓްރީ އުފައްދައިގެންނެވެ. މިއީ މިހާރު ދައުލަތް އެތުރިފައި އޮތް ގޮތުން ރާއްޖެއަށް އެއްވެސް ވަރަކަށް ބޭނުންވާ މިނިސްޓްރީއެއް ނޫނެވެ. މިހެން ކަން އޮއްވައި ރަށު ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ގަސްދުކުރާ ކަމަށް މުއިއްޒު ވަނީ ހާމަ ކޮށްފައެވެ. މީގެ އިތުރުން، އެލްޖީއޭގެ ސީއީއޯ ވަޒީފާއިން ވަކިކޮށްފައިވުމާއެކު، އެލްޖީއޭ އުވާލުމުގެ އިޙްތިމާލު އޮތްކަން ފާހަގަކުރެވެއެވެ. މި ބަދަލުތަކަކީ ލާމަރުކަޒީ ނިޒާމަށް އަންނަ ބޮޑެތި ބަދަލުތަކެއް ކަމަށްވާތީ، މީގެ އަސަރު ރާއްޖޭގެ އިޤްތިޞާދަށާއި ޑިމޮކްރަސީއަށް ކުރާނެ ގޮތް ދިރާސާކުރުން މުހިންމެވެ.

ރައީސް މުޢިއްޒުގެ އިންޓަރެސްޓްތަކާއި އެލްޖީއޭ އުވާލުމުގެ އިޙްތިމާލު:

ރައީސް މުޢިއްޒުގެ ސަރުކާރުން އެލްޖީއޭ އުވާލުމަށް ވިސްނާފާނެ ކަމަށް ބެލެވެނީ އަންނަނިވި ސަބަބުތަކާ ހުރެއެވެ:

  1. ބާރު އެއްކުރުން: އެލްޖީއޭ އުވާލައި، އޭގެ ޒިންމާތައް މިހާރުވެސް ނަގައިގެން އުޅޭ މިނިސްޓްރީއަށް ފުރިހަމަ ބާރު ގާނޫނު އަސާސީ އަށް ދިނުމުން، ލާމަރުކަޒީ ނިޒާމުގެ ބާރުތައް މަރުކަޒީ ސަރުކާރުގެ ދަށަށް ގެނެވުނީއެވެ. މިއީ ރައީސްގެ ބާރު އިތުރުކުރުމަށް ސީދާ ކުރާ ކަމެކެވެ.
  2. ސިޔާސީ ބާރު: ކައުންސިލަރުންގެ އަދަދު މަދުކުރުމާއި އެލްޖީއޭ އުވާލުމުން، ރަށްރަށުގައި ހުރި ސިޔާސީ ބާރު ކުޑަވެ، މަރުކަޒީ ސަރުކާރުގެ ނުފޫޒު ވޯޓަށާއި، ރައްޔިތުންގެ ސިޔާސީ ހަރަކާތްތަކަށް ސީދާ ފޯރާނެއެވެ. މިއީ ކުޑަ ކާފު ބޮޑު ކާފު ޒަމާނަށް ރާއްޖެ ގެންދިއުމަށް ކުރާ މަސައްކަތެކެވެ.
  3. އަވަސް ނިންމުންތައް: ރައްޔިތުންގެ އިހްސާސަށް ނުބަލައި ކަންކަން އަމިއްލަ އަށް ނިންމުމުގެ އިޚްތިޔާރު ލިބިގެން ދެއެވެ. މި ސަރުކާރަކީ މިހާރުވެސް، އެފަދަ ކަންކަމަށް ރިއާޔަތް ކުރާ ސަރުކާރެއް ނޫނެވެ. ވ އަތޮޅުގައި އޮތް ފިނޮޅެއް ކުޑަ އަގެއްގައި މުއިއްޒު ވިއްކާލީ، އެ ސަރަހައްދުގައި ފަތުރުވެރިކަން ކުރާ ކުދި ވިޔަފާރި ތަކަށް އެތައް ގެއްލުމެއް ލިބޭހެންނެވެ.
  4. ސިޔާސީ މަގާމުތަކަށް ދޭނެ މުސާރަ ހޯދުން: ސިޔާސީ މަގާމުތަކަށް ދޭނެ މުސާރަ، ހޯދުމަށް، ކައުންސިލަރުން ވަކި ކުރުމަކީ މުއިއްޒު ބޭނުންވާނެ ކަމެކެވެ.

އިޤްތިޞާދީ އަސަރު:

  1. ރަށްރަށުގެ ބަޖެޓް ކުޑަވުން: ކައުންސިލަރުންގެ އަދަދު މަދުވުމާއި އެލްޖީއޭ އުވާލުމުގެ ސަބަބުން، ރަށްރަށަށް ކަނޑައެޅޭ ބަޖެޓް ކުޑަވުމުގެ ފުރުޞަތު އޮވެއެވެ. މީގެ ސަބަބުން:
  • ރަށްރަށުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތައް މަދުވެ، ލަސްވެދާނެއެވެ.
  • ރަށު ފެންވަރުގައި ވަޒީފާގެ ފުރުޞަތުތައް މަދުވެދާނެއެވެ.
  • ރަށްރަށުގެ އިޤްތިޞާދީ ދުވެލި މަޑުޖެހި، ތަރައްޤީ ލަސްވެދާނެއެވެ.
  • ރަށުތެރޭ އެނބުރޭ ފައިސާގެ އަދަދު މަދުވެ، ކުދި ފިހާރަ ތައް އެއްކޮށް ހުއްޓޭނެއެވެ.
  1. މަރުކަޒީ ސަރުކާރުގެ ނުފޫޒު އިތުރުވުން: ބަޖެޓް ބެހުމުގައި މަރުކަޒީ ސަރުކާރުގެ ނުފޫޒު އިތުރުވެ، ވަކި ރަށްތަކަކަށް އިސްކަންދިނުމުގެ ފުރުޞަތު އޮވެއެވެ. މީގެ ސަބަބުން:
  • ރަށްތަކުގެ މެދުގައި ތަރައްޤީގެ ފަރަގު ބޮޑުވެދާނެއެވެ.
  • ސިޔާސީ ގޮތުން މުއިއްޒަށް ތާއީދުކުރާ ރަށްތަކަށް އިތުރު ފައިދާތަކެއް ލިބޭހެން އިންސާފުން ރައްޔިތުން ބާކީ ކޮށްލާނެއެވެ.
  1. އިންވެސްޓްމަންޓްތަކަށް އަސަރުކުރުން: ރަށްރަށުގެ އަމިއްލަ ނިންމުންތައް ނިންމުމުގެ ބާރު ކުޑަވުމުން، ބޭރުގެ އިންވެސްޓަރުންނަށް ރަށްރަށާ ސީދާ މުޢާމަލާތްކުރުމުގެ ފުރުޞަތު ކުޑަވެ، އިންވެސްޓްމަންޓްތައް ރަށަށް ލިބުން މަދުވާނެއެވެ. މިކަމުގެ ސަބަބުން ކައުންސިލް ތަކަށް ވަންނަ އާމްދަނީ ހުއްޓި، މައިސަރުކާރަށް ސިޔާސީ ވަޒީފާތައް ދިނުމަށް އެރަށް ރަށުން ލިބޭ މާލީ މަންފާ ބޭނުން ކުރާނެއެވެ.

ޑިމޮކްރެޓިކް އަސަރު:

  1. ރައްޔިތުންގެ އަޑު ކުޑަވުން: ކައުންސިލަރުންގެ އަދަދު މަދުވުމުން، ރައްޔިތުންގެ ކަންބޮޑުވުންތައް ހާމަކުރުމުގެ ފުރުޞަތު ކުޑަވެދާނެއެވެ. މީގެ ސަބަބުން:
  • ރަށްރަށުގެ ޚާއްޞަ މައްސަލަތަކަށް އެކަށީގެންވާ ސަމާލުކަން ނުލިބިދާނެއެވެ.
  • ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް ސިޔާސަތުތައް އެކުލަވާލުން ދަތިވެދާނެއެވެ.
  1. ނިންމުންތަކުގައި ބައިވެރިވުން މަދުވުން: އެލްޖީއޭ އުވާލައި، މިނިސްޓްރީއެއް ބާރު ގެނައުމުން، ލާމަރުކަޒީ ނިޒާމުގެ ރޫހާ ޚިލާފަށް، ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ ބައިވެރިވުން މަދުވެދާނެއެވެ. މީގެ ސަބަބުން:
  • ރަށްރަށުގެ ތަރައްޤީގެ ޕްލޭންތައް އެކުލަވާލުމުގައި ރައްޔިތުންގެ ޚިޔާލު ހޯދުން މަދުވެދާނެއެވެ.
  • ރަށްރަށުގެ ވަސީލަތްތައް ބޭނުންކުރުމުގައި ރައްޔިތުންގެ ބައިވެރިވުން ކުޑަވެދާނެއެވެ.
  1. ޖަވާބުދާރީވުން ދަށްވުން: މިނިސްޓްރީއަކީ ސީދާ ސަރުކާރުގެ ބެލުމުގެ ދަށުން ހިންގާ ތަނަކަށްވާތީ، ރައްޔިތުންނަށް ޖަވާބުދާރީވުން ކުޑަވެދާނެއެވެ. މީގެ ސަބަބުން:
  • ރަށްރަށުގެ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ހޯދުމަށް ދަތިވެދާނެއެވެ.
  • ރައްޔިތުންގެ ޝަކުވާތަކަށް އިޖާބަދިނުން ލަސްވެދާނެއެވެ.

ނިންމުން:

މި ބަދަލުތަކުގެ ސަބަބުން، ރަށްރަށުގެ އިޤްތިޞާދީ ތަރައްޤީއަށާއި ރައްޔިތުންގެ އަޑު އިވުމަށް ނޭދެވޭ އަސަރުކުރުމުގެ ފުރުޞަތު އެބައޮތެވެ. ރަށްރަށަށް ލިބޭ ބަޖެޓް ކުޑަވެ، ތަރައްޤީގެ މަޝްރޫޢުތައް މަދުވެ، ރައްޔިތުންގެ ބައިވެރިވުން ކުޑަވާނެއެވެ. މި ބަދަލުތަކުގެ ސަބަބުން ލާމަރުކަޒީ ނިޒާމުގެ މަޤްޞަދުތައް ޙާޞިލުވުމަށް ހުރަސްތަކެއް ކުރިމަތިވެދާނެއެވެ.

ކައުންސިލްތައް އުވާ ނުލައި، ކައުންސިލަރުންގެ ގާބިލު ކަން އިތުރު ކުރުމުގެ ޕްރޮގްރާމްތައް ހިންގުމަކީ އެކަމުން މާ ރަނގަޅު އެކަށީގެންވާ ފަރުވާއެއް ރަށްތަކަށް ލިބިގެން ދާނެ ކަމެކެވެ. މިފަދަ ޕްރޮގްރާމްތައް ހިންގުމަށް ޔޫއެންޑީޕީއާއި، ޑިމޮކްރަސީ އަށް އިޚްތިރާމް ކުރާ ބޭރުގެ ޤައުމުތަކުގެ އެހީތެރިކަން ހޯދި ދާނެއެވެ. އަދި ރަށުގައި ކައުންސިލް ތަކާއި އެކު މަސައްކަތް ކުރަން ތިބި ފަރާތްތަކުގެ ގާބިލު ކަން އިތުރު ކޮށް، ރަށުގެ ތަރައްޤީއަށް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރާ މުޖުތަމައެއް ޤާއުމު ކުރަން މަސައްކަތް ކުރަން ޖެހެއެވެ.

މީގެ އިތުރުން ސިޔާސީ ފިކުރާއި މިސްރާބު ހުރީ، ޑިމޮކްރަސީ އަށް ގޮންޖަހައި، ހަމަ ހަމަ އުސޫލުތައް އުވާލައި، ވެރިކަމުގެ ބާރުގައި ރައްޔިތުން ތަޅުއަޅުވައި، ކުޑަ ކާފު ބޮޑު ކާފައިން އިންތިހާބުތައް ނިންމާ ހިސާބަށް ކަން ކަން ގެންދިއުމަށެވެ.