ގުޅީފަޅުން ބިން ލިބުނު ފަރާތްތަކަށް އިން ވަކިކޮށް ބިން ހަވާލުކުރަން ފެށޭނެ ތާރީޚާއި ގުޅޭގޮތުން ހައުސިންގ މިނިސްޓަރ ޑރ. އަލީ ހައިދަރު އަހުމަދާ ސުވާލުކުރުމަށް ހަމަޖެހިފައިވާ މަޖިލިސް ޖަލްސާ އަށް އޭނާ ވަޑައި ނުގަނެ ރައްޔިތުންނަށް ފިލައިފިއެވެ. މިއީ ވަޒީރު ހައިދަރު މަޖިލީހަށް ހާޒިރުވުމަށް އެންގުމުން ރައްޔިތުންނަށް ފިލި ދެވަނަ ފަހަރެވެ.
ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވަނީ ވަޒީރާ ތިން ސުވާލެއް ކުރުމަށް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ގުޅީފަޅުން ބިން ލިބުނު ފަރާތްތަކަށް ބިން ހަވާލުކުރާނެ ތާރީޚާއި، ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ގޯތިތައް ހަވާލުކުރާނެ ތާރީޚު، އަދި ހުޅުމާލޭގެ 4000 ފްލެޓް ހަވާލުކުރާނެ ތާރީޚު ހިމެނެއެވެ.
މިއަދުގެ ޖަލްސާ ފެށުމުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ވަޒީރު ހައިދަރަށް އާއިލީ ކަމެއް ދިމާވެގެން މަޖިލީހަށް ހާޒިރު ނުވެވޭނެކަމަށް މިއަދު ހެނދުނު އަންގާފައިވާ ކަމަށެވެ. ނަމަވެސް މިއީ ވަޒީރު ހައިދަރު މަޖިލީހަށް ހާޒިރުނުވާ ދެވަނަ ފަހަރެވެ. ކުރިން 2024 ވަނަ އަހަރުގެ ޖުލައި 16 ވަނަ ދުވަހުވެސް މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހާޒިރުވެވަޑައިނުގަތެވެ.
ވަޒީރުގެ މި ޢަމަލުތަކުން ދޭހަވަނީ އެމަނިކުފާނު މަޖިލީހަށް ޖަވާބުދާރީވުމުން ފިލަން މަސައްކަތްކުރައްވާ ކަމަށެވެ. މީގެ ކުރިން 29 ޖުލައި 2024 ގައި ވަޒީރު ހައިދަރު ވަނީ ތައްޔާރުވެވަޑައިގެން މަޖިލީހަށް ވަޑައިގެން ފްލެޓުތަކާއި ބިންތަކާ ގުޅޭގޮތުން ދޮގު މަޢުލޫމާތު މަޖިލީހުގައި ދެއްވާފައެވެ. މިކަމަކީ ވަރަށް ކަންބޮޑުވާންޖެހޭ ކަމެކެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ލިބޭ މީހުންގެ ފައިނަލް ލިސްޓު އަންނަ އޮކްޓޫބަރު މަހު އާންމު ކުރާނެ ކަމަށާއި، 32 ފްލެޓްގެ ތެރެއިން ހަ ފްލެޓްގެ މަސައްކަތް އޮކްޓޫބަރަށް ނިމޭނެ ކަމަށް ވަޒީރު ހައިދަރު ވަނީ ކުރިން ވިދާޅުވެފައެވެ. ނަމަވެސް މި މަޢުލޫމާތުގެ ޞައްޙަކަމާމެދު ސުވާލު އުފެދެއެވެ.
ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ޙައްޤާ ގުޅުންހުރި މިފަދަ މުހިންމު މައްސަލަތަކުގައި ވަޒީރު މަޖިލީހަށް ހާޒިރުނުވެ ސުވާލުތަކުން ފިލުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ރައްޔިތުންގެ މަޖިލީހުން މިކަމާމެދު ފިޔަވަޅު އަޅައި، ވަޒީރު ޖަވާބުދާރީ ކުރުވަން މަސައްކަތްކުރަންޖެހޭ ކަމަށް ފެނެއެވެ.