މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ޖުލައި މަހުގެ މުސާރަ އަދިވެސް ނުދޭ ކަމަށް އެ ކުންފުނީގެ މުއައްޒަފުން ތަކެއް ދިޔަވަރު ނޫހަށް ހާމަ ކޮށްދީފިއެވެ. އާންމު ގޮތެއްގައި ކޮންމެ މަހެއްވެސް ނިމޭ އިރު، މުސާރަ ޖަމާ ކުރަމުންދާއިރު، ޖުލައި މަހުގެ މުސާރަ އޮގަސް 5 ވަނަ ދުވަހު، އިރު އޮއްސިފައި ވާ އިރުވެސް ޖަމާ ކޮށްފައި ނުވަނީ ކޮން ސަބަބެއް މެދުވެރި ވެގެން ކަން ސަރުކާރުން އެ މުއައްޒަފުންނަށް ހާމަ ކޮށްފައި ނުވެއެވެ.
ސަރުކާރުން ކުރާ ބޭކާރު ޚަރަދު އިންތިހާއަށް ބޮޑުވެގެން، މަސްވެރިންނަށް ފައިސާ ނުދީ އެތައް މަހެއް ވެގެން ދިޔަހެން، ސިވިލްސާވެންޓުންނަށް މުސާރަ ނުދެވި ހާލުގައި ޖެހުމުން ދާތަން މިދަނީ ފެންނަ މުންނެވެ. ނަމަވެސް ސަރުކާރުން ދަނީ ސިޔާސީ ފަރާތްތައް އިތުރު ކޮށް، އެމީހުންނަށް ބޮޑު މުސާރަ ދެމުންނެވެ. މިހާރުވެސް މުއިއްޒު އެޕްރޫވް ކޮށްފައިވާ 1000 ސިޔާސީ މަގާމު އުފެއްދުމަށް ސަރުކާރު ކުންފުނިތަކާއި، މިނިސްޓްރީތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މި މީހުންނަށް ވަޒީފާ ދިނުމަށް 700 ސިވިލް ސާވެންޓުން ވަޒީފާއިން ވަކި ކުރުމަށް މުއިއްޒު ދަނީ މަސައްކަތް ކުރަމުން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ވެރިކަމުގައި ހުރި މުއިއްޒު އަކީ ގަވަރނަންސްގެ އެއްވެސް ތަޖުރިބާއެއް ނެތް، ކޮންސްޓްރަކްޗަން މިނިސްޓްރީ ގައި ޕްރޮޖެކްޓް މެނޭޖަރ އެއްގެ ދައުރު މިނިސްޓަރެއް ގޮތުގައި ހުރެ އަދާ ކުރި މީހެކެވެ. އެހެންކަމުން ޤައުމު ހިންގަން ނޭނގި، ރައްޔިތުންގެ ފައިސާ އިސްރާފުކޮށް، މުސާރަ ދިނުމަށް ދަތިވާ ހިސާބަށް ގައުމުގެ ހާލު މިހާރު ވަނީ ގޮސްފައެވެ.